01 Sep 2013, 15:58
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ސ. ހެރަތެރެ އައިލެންޑް ރިސޯޓު އޮޕަރޭޓްކުރުން ހުއްޓާލާފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ޓޫރިޒަމް ކުންފުނީގެ ބޯޑު މެމްބަރަކު ވިދާޅުވީ ކުންފުންޏަށް މާލީ ގޮތުން ބޮޑު ގެއްލުންތަކެއްވަމުން އަންނަ ހެރެތެރެ ރިސޯޓު މިދިޔަ ޖުލައި މަހުން ހުއްޓާލާފައިވާ ކަމަށެވެ.
"މިވަގުތު އެތަނުގައި އެއްވެސް ގެސްޓަކު ނޫޅޭނެ. ނަމަވެސް އަޅުގަނޑުމެން މުވައްޒަފުން ތިބޭނެ. އެ މީހުން ތިބެނީ ރަށް ބަލަހައްޓަން،" އޭނާ ވިދާޅުވި އެވެ.
އެ އޮފިޝަލް ވިދާޅުވީ ހެރެތޭގައި ހިންގާ ރިސޯޓް ޗަންޕާ ހުސެއިން އަފީފްގެ ހިއްސާ އޮންނަ ޓްރީޓޮޕް އިންވެސްޓްމަންޓަށް ވިއްކާލަން ނިންމި ނަމަވެސް އެކަން މުޅިން ފުރިހަމަ ނުކުރެވޭ ކަމަށެވެ.
"ރިސޯޓްގެ ވެރިފަރާތް ބަދަލުކުރުމުގެ ކުރިން ޓޫރިޒަމް މިނިސްޓްރީން ނެރުނު އިއުލާނާ ގުޅިގެން ފައިސާ ހޯދަން އެބައާދޭ. އެކަންތައް ނިމުނުހާ އަވަހަށް ވިއްކާލުމުގެ ކަންތައްތައް ނިމޭނެ،" އޭނާ ވިދާޅުވި އެވެ.
އެ އޮފިޝަލް ވިދާޅުވީ ކުރީގެ ޑިރެކްޓަރުންގެ ބޯޑުން ރިސޯޓް ވިއްކާލުމުގެ އެގްރިމަންޓްގައި ސޮއިކުރަން ހުއްދަދީފައިވާ ކަމަށެވެ. ނަމަވެސް ބޯޑު ބަދަލުވުމާ ގުޅިގެން އަލުން އެގްރިމަންޓްގައި ސޮއިކުރާނެ ފަރާތެއް އަދި ނުނިންމާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޓީޑީސީގެ މި އަހަރުގެ ދެވަނަ ކުއާޓަ ރިޕޯޓުގައިވާ ގޮތުން ހިއްސާއަކަށް 0.33 (5.8ރގެ) ޑޮލަރުގެ ގެއްލުމެއް ލިބިފައިވެ އެވެ. ނަމަވެސް މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެ ކުންފުނީގެ ހިއްސާއަކުން ހިއްސާއަކަށް 0.06 (92 ލާރީގެ) ޑޮލަރުގެ ފައިދާއެއް ވަނީ ލިބިފަ އެވެ. އޭރު ފައިދާ ލިބިފައި ވަނީ ކްލަބްފަރު ހިންގައިގެންނެވެ.
އެމްޓީޑީސީ އިން ހުކުރު ދުވަހު އާންމުކޮށްފައިވާ މި އަހަރުގެ ދެވަނަ ކުއާޓާގެ ތަފާސްހިސާބުތަކަށް ބަލާ އިރު މި އަހަރުގެ ދެ ވަނަ ކުއާޓާގައި އެ ކުންފުންޏަށް 4.3 (66.3 މިލިއަން ރުފިޔާ) މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ އިރު އެއް މިލިއަން ޑޮލަރުގެ ގެއްލުމެއް ވަނީ ވެފަ އެވެ.