01 Sep 2013, 15:20
ގދ. ގައްދޫން ކަރަންޓް ކެނޑި، ޚިދުމަތްތައް ފޯރުކޮށް ދިނުމުގައި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ކައުންސިލް އިދާރާ އިން ބުނެފި އެވެ.
ގައްދޫ ކައުންސިލްގެ ރައީސް މުހައްމަދު ރިޒާން ވިދާޅުވީ މިއަދު ހެނދުނު 9:00 ފެށިގެން މުޅި ރަށުން ކަރަންޓް ކަނޑައިގެން ގޮސްފައިވާ ކަމަށާއި ކަރަންޓް ލިބޭނެ އިރެއް ވެސް ނޭނގޭ ކަމަށެވެ. ކައުންސިލަރު ވިދާޅުވީ އެ ރަށުގައި ހުރި 250 ކިލޯ ވޮޓުގެ އިންޖީނު ހަލާކުވެގެން މާލެ ފޮނުވާލާފައިވާ އިރު ރަށުން ބޭނުން ކުރަމުންގެން ދިޔަ 300 ކިލޯ ވޮޓުގެ އިންޖީނު މިއަދު ހަލާކުވުމުން ބެކަޕަށް އިތުރު އިންޖީނެއް ނެތް ކަމަށެވެ.
ގާތްގަނޑަކަށް 3،500 މީހުންގެ އާބާދީއެއް އޮންނަ ގައްދޫން ކަރަންޓް ކެނޑުމުން، ރަށުގެ މުއައްސަސާތަކުގެ ހިދުމަތް ވަނީ ހުއްޓިފަ އެވެ. ގައްދޫ ކައުންސިލްގެ ރައީސް ރިޒާން ވިދާޅުވީ ކުރިއަށް އޮތް ތިން ދުވަހު ވެސް ކަރަންޓް ލިބޭނެ ކަމެއް ވެސް ނޭނގޭ ކަމަށާއި ހޮސްޕިޓަލުގެ އައިވީ ފުޅިތަކާއި ފިހާރަތަކުގައި ފިނިކޮށްފައި ހުރި މަހުގެ ބާވަތްތައް ހަލާކުވެ ދިއުމުގެ ބިރު އެބަ އޮތް ކަމަށެވެ.
ކައުންސިލަރު ވިދާޅުވީ އެ ރަށަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލު ކުރުމަށް އިންޖީނެއް ހޯދުމަށް ސަރުކާރުގައި މީގެ ކުރިން އެދުމުން އެ ރަށަށް 500 ކިލޯ ވޮޓުގެ އިންޖީނެއް ހޯދައިދޭން ސަރުކާރުން ނިންމި ނަމަވެސް ފަހުން އެކަން ވެގެން ދިޔަ ގޮތް ކައުންސިލަށް ވެސް އެނގިފައިނުވާ ކަމަށެވެ.
ގައްދޫއަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ފެނަކަ ކޯޕަރޭޝަންގެ އިސްވެރިއެއް ކަމަށްވާ ޒާހިރު އުސްމާނަށް އެކަމާ ގުޅޭ ގޮތުން ގުޅާލުމުން ވިދާޅުވީ މައުލުމާތު ދެވެނީ ސަންއޮންލައިނަށް ކަން ކަށަވަރު ނުވާތީ އެކަމާ ގުޅޭ މައުލޫމާތު ހިއްސާ ކުރެވެން ނެތް ކަމަށެވެ.