01 Sep 2013, 15:01
ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް 10،000 މެންބަރުންގެ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭނެ ކަމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ކަނޑައަޅާފައިވާ މާއްދާ ސުޕްރީމް ކޯޓުން މިއަދު ބާތިލް ކޮށްފި އެވެ.
ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް 10،000 މެންބަރުންގެ ފޯމް ހުށަހަޅަން ޖެހޭނެ ކަމަށް ބުނެފައި ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައި އެވެ.
އެ ހުކުމްގައި ބުނެފައި ވަނީ ގާނޫނު އަސާސީގެ 30 ވަނަ މާއްދާގެ (ހ) އިން ކޮންމެ ރައްޔިތަކަށްމެ ކަށަވަރު ކޮށްދީފައިވާ ސިޔާސީ ޕާޓީ ހިންގައި ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު މިނިވަން ދިމިގްރާތީ މުޖުތަމައުގައި ލިބިދެވޭ މިންވަރަށް ވުރެ ބޮޑަށް ހަނިކުރެވިފައިވާކަން އެ ގާނޫނަށް ބެލުމުން އެނގޭ ކަމަށެވެ.
އެ ހުކުމްގައި ފާހަގަކޮށްފައިވާ ނުކުތާތަކާ އެއްގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނު އިސްލާހު ކުރުމަށް ވެސް އެ ހުކުމުން ވަނީ ރައްޔިތުންގެ މަޖިލީހަށް އަންގާފަ އެވެ.
އެގޮތަށް ގާނޫނު އިސްލާހުކޮށް އަމަލު ކުރެވެންދެން ސިޔާސީ ޕާޓީ އުފެއްދުމަށް އެދި ހުށަހަޅާ ފަރާތުން އެ ޕާޓީއެއްގެ މެންބަރަކަށް ވުމަށް އެދިފައިވާ މަދުވެގެން 3000 މީހުންގެ ސޮއި ހޯދައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ ގޮތަށް ކުރިން އޮތް އޮތުން ބާތިލުނުވެ އެގޮތަށް އަމަލުކުރުން ދެމި އޮންނާނެ ކަމަށް ވެސް ސުޕްރީމް ކޯޓު ހަތް ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ކަނޑައަޅާފަ އެވެ.