ޑިމޮކްރަސީގެ ތާކިހާ ރާއްޖެ އަށް އަޅަން ޖެހިފައިވާ އިރު، އެތާކިހަލަކީ ރާއްޖެއަށް މާބޮޑު ތާކިހަލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި "ގައުމައިގެން ކުރިއަށް" ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.

ރޭ ހދ. ހަނިމާދޫގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ރާއްޖޭގައި މިއޮތް ސިޔާސީ ނިޒާމަކީ ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގައި އޮންނަ ނިޒާމު ކަމަށާއި ރާއްޖެއަކީ އަދި ތަރައްގީވެފައިވާ ގައުމެއް ނޫން ކަމުން ޑިމޮކްރަސީގެ ތާކިހާ ރާއްޖެއަށް މާބޮޑު ކަމަށެވެ.

އަދި އެންމެން އެތާކިހަލުގައި ހިފާ ދެމުމުގެ ބަދަލުގައި، ގުޅިގެން އެތާކިހާ ހެޔޮވަރުކުރަން ޖެހިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގެ ހާލަތު އޮތީ އެމެރިކާގެ ފެންވަރަކު ނޫން. އިނގިރޭސިވިލާތުގެ ފެންވަރަކު ނޫން. އެކަމަކު ރާއްޖެ އަށް އަޅަން މިޖެހުނު ތާކިހާ، ޑިމޮކްރަސީގެ ތާކިހަލަކީ އަޅުގަނޑުމެންނަށް މާބޮޑު ތާކިހަލެއް. މިކަހަލަ ދަނޑިވަޅެއްގައި އަޅުގަނޑުމެންނަކަށް ނެތް އެއް ބަޔަކު އަނެއް ބަޔަކަށް އެތާކިހަލުގައި ހިފާ ދެމޭކަށް. އަޅުގަނޑުމެން އެބަޖެހޭ އެންމެ އެކީގައި އެ ހެޔޮވަރުކުރަން،" ރައީސް ވަހީދު ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ރާއްޖެ ނޫން އެހެން ގައުމެއްގައި ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ކޯލިޝަންގެ ރައީސްއާ ދެކޮޅަށް އިންތިހާބަކަށް ނުނުކުންނާނެ ކަމަށާއި އެކަންވެސް ރާއްޖެ އިން ފެންނަމުންދާ ކަމަށެވެ.

"ކޮން ގައުމެއްގަތޯ އެމީހާގެ (ރައީސް) ކޯލިޝަންގެ ތެރެއިން ވާދަކުރާނެ ދެކެންޑިޑޭޓުން ނިކުމެތިބެނީ؟ އަޅުގަނޑު ދަންނަ އެއްވެސް ގައުމެއްގައި ނޯވޭ. އަދި ކޮން ގައުމެއްގައިތޯ މިހާރުގެ ރައީސާއި އޭގެ ކުރީގެ ރައީސާއި އޭގެ ކުރީގެ ރައީސްގެ ކޮއްކޮއާ، މިހުރިހާ ރައީސުންތައް އެއްފަހަރާ އިންތިހާބެއްގައި ކުރިމަތިލަނީ؟ އެއްވެސް ގައުމެއްގައި ވާކަމެއް ނޫން އެއީކީ އެއް. ދިވެހިރާއްޖޭގެ މިއަދު އެކަން އެބަވޭ. އަޅުގަނޑުމެން ޖެހޭ އެކަން ގަބޫލުކުރަން،" ރައީސް ވަހީދު ވިދާޅުވި އެވެ.

ހަނިމާދޫ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވަހީދު ވަނީ އެރަށުގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ފައްޓަވާ ދެއްވާފަ އެވެ.

އެކަމަށް އިޝާރާތްކުރައްވާ ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވީ ރާއްޖޭގެ ގިނަ ރަށްރަށުގައި ބަނދަރާއި މަގު އަދި ނަރުދަމާ ހެދުމުގެ މަސައްކަތް އެމަނިކުފާނުގެ ވެރިކަމުގައި ފައްޓަވާފައިވާ ކަމަށާއި އެކަން އިތުރަށް ކުރިއަށް ގެންދިއުމަށް ޓަކައި އެމަނިކުފާނަށް އިތުރު ފަސް އަހަރު ބޭނުންފުޅުވާ ކަމަށެވެ.

"ވޭތުވެ ދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ވާނީ 52 ރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް ފަށާފައި. އޭގެ ސަބަބުން އަޅުގަނޑުމެނަށް މިވަނީ އެތަކެއް ރަށުގައި ބަނދަރު ހެދުމުގެ މަސައްކަތް ފެށިފައި. 66 ކިލޯމީޓަރުގެ މަގު މިހާރު އަޅުގަނޑުމެން ހަދަމުން މިގެންދަނީ،" ރައީސް ވަހީދު ވިދާޅުވި އެވެ.

ރައީސް ވަހީދު ވިދާޅުވީ ދޮޅު އަހަރަކީ ވަރަށް ކުރު މުއްދަތެއް ކަމަށާއި ފަށާފައިވާ މަސައްކަތްތައް ކޮޅެއްގައި ޖެއްސުމަށް ރައްޔިތުން އިތުރު ފަސް އަހަރު ދެއްވަން ޖެހޭ ކަމަށެވެ.