މާލޭ ސިޓީ ކައުންސިލްގެ އިދާރާ އާ އިންވެގެން އޮންނަ ގޯތީގައި ހަޓް ހަދައި އެމްޑީޕީގެ ރިޔާސީ ކެންޕެއިން "ޖަގަހަ"އެއްގެ ގޮތުގައި ބޭނުން ކުރަން ފަށައިފި އެވެ.

އެމްޑީޕީ އަށް މެޖޯރިޓީ އޮންނަ ސިޓީ ކައުންސިލަށް ދޫކޮށްފައިވާ ބިމުގެ ތެރެއިން އެ ކައުންސިލުގެ ބިއްދޮށުން އޮންނަ ހުސްބިމުގައި އެމްޑީޕީން ވަނީ ހަޓުތަކެއް ޖަހައިފަ އެވެ. އެ ހަޓުތަކުގެ ތެރޭގައި މޭޖުތައް އަތުރައިގެން އެ ޕާޓީގެ މެމްބަރުންތަކެއް ގެންދަނީ ރިޔާސީ އިންތިހާބަށް އެޕާޓީން ވާން ޖެހޭ ތައްޔާރީތަކުގެ މަސައްކަތްތައް ކުރަމުންނެވެ.

އޭގެ އިތުރުން އެސަރަހައްދުގައި އެމްޑީޕީގެ ރިޔާސީ އިންތިހާބްގެ ސިޔާސަތުތައް ދައްކުވައިދޭ ބޯޑުތަކެއް ވެސް ވަނީ ބަހައްޓައިފަ އެވެ.

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހިމް ސުޖާއު މިއަދު ސަން އަށް ވިދާޅުވީ އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކެއް ހިންގުމަށް އެ ކައުންސިލްގައި އޮންނަ ހުސްބިން ދޫކޮށްފައި ވަނީ އެކައުންސިލްގެ ގަވާއިދާ އެއްގޮތަށް ކުއްޔަށް ކަމަށެވެ. އަދި މީގެ ދެ ދުވަސް ކުރިން އެމްޑީޕީން އެ ބިމުގެ ބޭނުންކުރަމުން އަންނަ ކަމަށާއި އެޕާޓީ އަށް އެ ބިން މިމަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ދޫކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކައުންސިލްުގައި އޮންނަ ހުސް ސަރަހައްދަކީ އެކިއެކި ހަރަކާތްތައް ހިންގުމަށް އަބަދުވެސް ކައުންސިލުން ކުއްޔަށް ދެމުން އަންނަ ބައެއް. ދެން އެމްޑީޕީގެ މެޖޯރިޓީ އޮންނާތީ ކަންނޭނގެ، އެޕާޓީން ނޫން ބަޔަކު އެތަން ކުއްޔަށް ހިފަން ނުވެސް އެދޭ. އެމްޑީޕީގެ ހަރަކާތްތައް ހިންގަމުން ގެންދަނީ އެތަނުގައި ގަވާއިދާ އެއްގޮތަަށް،" ސުޖާއު ވިދާޅުވި އެވެ.

ސިޓީ ކައުންސިލުގެ ބިއްދޮަށުން އޮންނަ އެ ހުސްބިމުގެ ސަރަހައްދު މިމަހުގެ 6 ވަނަ ދުވަހާއި 7 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަންގެ ބޭނުމަކަށް ދޫކޮށްފައިވާ ކަމަށް ވެސް ސުޖާއު ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަމިއްލަފުޅަށް އިސްތިއުފާދެއްވުމާ އެކު އެމްޑީޕީން ވަނީ އެ ޕާޓީގެ ސިޔާސީ ހަރަކާތައް ހިންގާ ތަނެއްގެ ގޮތުގައި އުސްފަސްގަނޑު ހަދައިފަ އެވެ. އެ ބިން ވެސް އެމްޑީޕީން ބޭނުން ކުރަމުން ދަނީ ސިޓީ ކައުންސިލުން ދީގެންނެވެ.