ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން ދިވެހި ވިޔަފާރިވެރިންގެ ޖަމްއިއްޔާ އިން ދޭން ނިންމާފައިވާ ލޯން އެހީ އަންނަ ޑިސެމްބަރު މަހު ދޫކުރަން ފަށާނެ ކަމަށް އެ ޖަމްއިއްޔާއިން ބުނެފި އެވެ.


ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން އެ ޖަމްއިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފް މިއަދު ވިދާޅުވީ އެ ލޯނަށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލި ފުރުސަތުގައި 300 އަށް ވުރެ ގިނަ ފަރާތުން ފޯމު ހުށަހަޅާފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ އެ ފަރާތްތަކުގެ މައުލޫމާތުގެ ސައްހަކަން ބެލުމާއި ލޯން އެހީ ހައްގުވާ ފަރާތްތައް ކަނޑައެޅުން ކަމަށެވެ.


"މި އަހަރުގެ ޖެނުއަރީން ފެށިގެން އަޅުގަނޑުމެން އެޕްލިކޭޝަން ލާން ހުޅުވާލި ފުރުސަތު މިވަނީ ހަމަވެފައި. އެ މުއްދަތުގެ ތެރޭގައި ފޯމުލީ ހުރިހާ އެންމެންގެ ނަންތައް ފޮނުވާލާނީ ކޯޓަށާއި، ޕޮލިހަށާއި ތަންތަނަށް. މީގައި [މައުލޫމާތުގައި] މައްސަލައެއް އުޅޭތޯ ބަލަން. ދެން އެ މައްސަލަތައް ނޫޅޭ މީހުންނަށް ދޭނީ ޕުރޮޕޯޝަލް ހުށަހަޅަން. [އެ އަށް ފަހު] އެ ޕުރޮޕޯޝަލްތައް އިވެލުއޭޓް ކުރާނީ. އޭގެން ވިންވާ [ކާމިޔާބުވާ] ބަޔަކަށް މި ލާރި ދޫކުރާނީ،" އާސިފް ވިދާޅުވި އެވެ.


ވިޔަފާރިވެރިންގެ ގައުމީ ޖަމްއިއްޔާއިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޭން ނިންމާފައިވާ އެ ލޯންގެ ކަންތައްތައް ކުރިއަށް ގެންދާނީ ވަރަށް ހާމަކަން ބޮޑުކޮށް ކަމަށް އާސިފު ވިދާޅުވި އެވެ. އަދި އެ ލޯނަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ނަންތައް ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހާމަ ކުރާނެ ކަމަށް ވެސް އާސިފު ވިދާޅުވި އެވެ.


"އެ ލާރި ދޫކުރި މީހަކާއި އެ ބަޔަކާ މި ހުރިހާ އެއްޗެއް އެނގޭނެ މީޑިއާއަށް. އެހެންވެ ސުވާލުކުރަން  ތިޔަ ބޭފުޅުންނަށް  ފުރުސަތު ވެސް ލިބޭނެ. އެޕްލައި ކުރި ހުރިހާ މީހުންގެ ނަންތައް ހަވީރުގައި ޝާއިއު ކުރާނަން،" އާސިފް ވިދާޅުވި އެވެ.


ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް، އެ ޖަމިއްޔާއިން އެއްވެސް އިންޓްރެސްޓަކާ ނުލާ އަނބުރާ ދައްކާ ގޮތަށް ދޭ ފައިސާގެ އެހީ ދޭން ނިންމީ، ވިޔަފާރި ފަށައިގެން އުޅޭ ފަރާތްތަކުގެ ވިޔަފާރިއަށް ބަލައި، ފައިސާގެ އެހީތެރިކަމެއް ވެދިނުމުގެ ގޮތުން ކަމަށް ވިޔަފާރިންގެ ޖަމްއިއްޔާ އިން ބުންޏެވެ.


ނަމަވެސް އެއީ ކިހާވަރެއްގެ ބަޖެޓެއްގެ ތެރެއިން އަދި ފަރާތަކަށް ދޫކުރާނީ ކިހާ ފައިސާއެއް ކަމެއް އާސިފު ވިދާޅެއް ނުވެ އެވެ.