ޖާސޫސު ކުރާ ޑިވައިސެއް ހަރުކޮށްފައިވާ ކަމަށް ހީކޮށް، މިސުރު ސަރުކާރުން ދޫންޏެއް ހައްޔަރުކޮށްފި އެވެ.

ވެރިރަށް ގާހިރާގެ އިރު ދެކުނުން 250 މޭލު ދުރުގައިވާ ގިނާ ނަމަކަށް ކިޔާ ރަށުގައި ފުލުހުން ހައްޔަރު ކުރި އިރުވައިހުދު އާއިލާގެ ދޫންޏަކީ އާއްމުންގެ މީހަކު ފުލުހުންނާ ހަވާލު ކުރި ދޫންޏެއް ކަމަށް އިނގިރޭސިވިލާތުގެ ޑެއިލީ މެއިލް ނޫހުން ބުންޏެވެ.

ދޫނި ފުލުހުންނާ ހަވާލުކުރި މީހާ އެކަން ކުރީ އޭތީގައި އިލެކްޓްރޯނިކް އާލާތެއް ހަރުކޮށްފައި ހުރީމާ ކަމަށް އެނޫސް ބުންޏެވެ. ދޫންޏާއި ދޫނީގައި ހަރުކޮށްފައިވާ އާލާތް ފުލުހުން ބަލައި ފާސްކޮށްފައިވާ ކަމަށް ގިނާގެ ފުލުހުންގެ ވެރިޔާ މުހައްމަދު ކަމާލް އާ ހަވާލާދީ ނޫހުގައިވެ އެވެ.

އޭނާ ވިދާޅުވެފައި ވަނީ ދޫނީގައި ހަރުކޮށްފައިވާ އާލާތަކީ ހަމަލާ ދިނުމަށް ނުވަތަ ޖާސޫސް ކުރާ އާލާތެއް ނޫން ކަން މިހާރު އެނގިފައިވާ ކަމަށެވެ. އަދި އެއީ ދިރޭ ތަކެތި އުޅޭ ނޫޅޭގޮތް ދިރާސާ ކުރުމަށް ބޭނުން ކުރާ ޒާތުގެ "ވައިލްޑް ލައިފް ޓްރެކާ"އެއް ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ހައްޔަރުކުރި ދޫނި ދޫކޮށްލި ކަމެއް ނުވަތަ ނޫންކަމެއް އަދި ނޭނގެ އެވެ.