01 Sep 2013, 13:15
ހުޅުމާލޭ ބޮޑު މިސްކިތުގެ ތެރެއަށް ވާރޭ ވެހޭތީ އެ ކަމުން ރައްކާތެރިވުމަށް އެ މިސްކިތުގައި "ފުޅިބުރި" ބަހައްޓައިފި އެވެ.
ހުޅުމާލޭ، ލާލޭ އިންޓަނޭޝަނަލް ސުކޫލް ކައިރި ހުންނަ މިސްކިތައް "ސަން"އިން ގޮސް ބެލިބެލުމުން އެ މިސްކިތައް ވާރޭ ވެހޭތީ ހަތް ފުޅިބުރި މިސްކިތުގެ އެކި ހިސާބްތަކުގައި ބަހައްޓާފައި ހުއްޓެވެ.
އެކަމާއި ގުޅޭގޮތުން އެ މިސްކިތް ސާފްކޮށް ބެލަހެއްޓުމަށް ހަވާލުކޮށްފައިހުރި ބިދޭސީއަކާއި ވާހަކަދައްކާލުމުން އޭނާ ބުނީ އެ މިސްކިތައް ފެންވެހެނީ މިސްކިތުގެ ގުއްބުން ކަމަށާއި އެކަން ދިމާވާތާ ވަރަށް ގިނަ ދުވަސް ވެފައިވާ ކަމަށެވެ. އަދި މިހާރު އެކަން ހައްލުކުރަނީ ފަސް ލިޓަރުގެ ފެންފުޅި ބުރިކޮށް އެތާ ބަހައްޓައިގެން ކަމަށް އޭނާ ބުންޏެވެ.
"ނަމާދު ކުރާ ޓައިމްގަ ފުޅި ނަގަނީ، ދެން އަނެއްކާވެސް ބަހައްޓަނީ، އެ ޓައިމްގަ ވެސް ބައިވަރު ފެން ވެހެނީ" މިސްކިތް ސާފް ކުރުމަށް ހަވާލުވެ ހުރި ބިދޭސީ މީހާ ބުންޏެވެ.
އިސްލާމިކް މިނިސްޓާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެ މައްސަލަ ހައްލުކުރެވެން އޮތީ ވަރަށް ބޮޑު ފަންޑެއް ލިބިގެން ކަމަށާއި އެކަމަށް ގަތަރުގެ އިސްލާމިކް މިނިސްޓަރު އެހީ ވެދެއްވަން އެއްބަސްވެފައިވާ ކަމަށެވެ. އެގޮތުން އެބޭފުޅާ އެކަމަށް އެއްލައްކަ ޑޮލަރު ދިނުމަށް ނިންމާފައިވާއިރު އޭގެ ތެރެއިން 50000 ޑޮލަރު ލިބިފައިވާ ކަމަށާއި އަދި ބާކީ ބައި ވަރަށް އަވަހަށް ލިބޭނެ ކަމަށް ޝަހީމް ވިދާޅޫވި އެވެ.
"އަޅުގަނޑުމެން ހުރިހާ ފަރާތްތަކަކުން ގުޅިގެން އެ މިސްކިތުގެ ގުއްބުގެ މައްސަލަ ހައްލު ކުރުމަށް މިދަނީ މަސައްކަތްކުރަމުން، ހަގީގަތުގައި އެ ކަމަށް ވަރަށް ބޮޑު ފަންޑެއް ބޭނުންވޭ،" ޝަހީމް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް މައްސަލަ ހައްލުކުރެވޭނެ ވަކި ތާރީހެއް ވިދާޅެއްނުވެ އެވެ.