ކޯޓަށް ހާޒިރުކޮށް، ގާނޫނީ ވަކީލަކު ހަމަޖައްސަވައިގެން ބަނގުރާ ގެންގުޅުމުގެ ދައުވާ އަށް ޖަވާބުދާރީވުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލްޣަފޫރަށް ކްރިމިނަލް ކޯޓުން ދެއްވައިފި އެވެ.

ހާމިދުގެ އިތުރުން ބަނގުރާ ގެންގުޅުމުގެ ދައުވާ އުފުލާފައި ވަނީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި ހއ. އަލިދޫ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ސ. ހުޅުދޫ ރީފްސައިޓް ޖާދުﷲ ޖަމީލުގެ މައްޗަށެވެ. އެތިން ބޭފުޅުންގެ ތެރެއިން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެވަޑައިގެންފައި ވަނީ ހާމިދު އެކަންޏެވެ.

ހާމިދުގެ މައްޗަށް ދައުވާ އިއްވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ އޭނާގެ އަތުން ބަނގުރާ ފެނިފައި ވަނީ ހދ. ހޮނޑައިދޫގައި މަސްތުވާތަކެއްޗާއި ބަނގުރާ ބޭނުންކޮށް އެތަކެތި ގެންގުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެރަށް ގޮސް ފުލުހުން އެރަށު ތެރެ ބަލައި ފާސްކުރަމުން ދަނިކޮށް ކަމަށެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ ފުލުހުން އެރަށުތެރެ ބަލައި ފާސްކުރަމުން ދަނިކޮށް އެރަށުގެ އުތުރު ފަރާތުގައި ބާއެއް ގޮތަށް ހަދާފައިވާ ހަޓް ކައިރިން އެ ތިން ބޭފުޅުން ފެނުނު އިރު، އެބޭފުޅުންގެ ތެރެއިން ޖާބިރުގެ އަތުގައި ބަނގުރާ ކަމަށް ޝައްކު ކުރެވޭ ދިޔާއެއްޗެއް ހުރި ބިއްލޫރި ތައްޓެއް ފެނިފައިވާ ކަމަށެވެ. އަދި ހާމިދު އަތުގައި ބަނގުރާ ކަމަށް ޝައްކުކުރެވޭ ދިޔާއެއްޗެއް އަޅާފައި ހުރި ޖޯޑެއް އޮއްވައި ފެނިގެން ފުލުހުން އެ ދެ މީހުންނާ ދިމާލަށް ދާންފެށުމުން ހާމިދުގެ އަތުގައި އޮތް ޖޯޑު އޭނާ އެއްލާލި ކަމަށެވެ.

ޖާބިރުގެ އަތުގައި އޮތް ތައްޓާ އެކު އޭނާގެ އަތުގައި ފުލުހުން ހިފަހައްޓައި އެތަނުގައި ހުރި މޭޒެއްގެ މަތީގައި އެތަށި ބެހެއްޓުމަށް ފަހު އެތަކެތީގައި ހުރި ތަކެތި ތަހުލީލު ކުރި އިރު ބަނގުއާތްވަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ އެ ތިން ބޭފުޅުން ތިބި ދިމާގައި ހުރި ގޮނޑިއެއްގެ މަތިން ފެނުނު ދެ ބިއްލޫރި ތަށްޓާއި އެބޭފުޅުން ތިބި ދިމާގައި ހުރި ހަޓުގެ ކައުންޓަރުމަތިން ފެނުނު "ބޯގޯ" ބްރޭންޑުގެ ފުޅިއާއި "ސެންލިއޯ" ބްރޭންޑުގެ ފުޅީގެ އިތުރުން "ހެނެއްސޭ" ބްރޭންޑުގެ ފުޅިއާއި ތިން ބިއްލޫރި ތަށީގައި ހުރި ދިޔާތަކެތި ބަނގުއާތްވަށް ޕޮޒިޓިވްވެފައިވާ ކަމަށް ތަހުލީލު ރިޕޯޓުން ދައްކާ ކަމަށެވެ.

ދައުވާ އަށް ޖަވާބުދާރީވާން ފުރުސަތު އެރުވުމުން ހާމިދު ވިދާޅުވީ އޭނާ ބޭނުންފުޅު ވަނީ ވަކީލަކު ހަމަޖެއްސުމަށް ފަހު ދައުވާ އަށް ޖަވާބުދާރީ ވުމަށް ކަމަށެވެ. އަދި ވިދާޅުވީ އެ މައްސަލަ އެހާ ތަފްސީލުކޮށް އެެނގިވަަޑައިގަތީ މިއަދު ކަަމަށާއި ކުރިން އެނގިވަޑައިގެންފައި އޮތީ އޭނާގެ މައްޗަށް ކުރާ ތުހުމަތަކީ ބަނގުރާ ގެންގުޅުއްވުމުގެ ތުހުމަތު ކަމަށެވެ.

ގާޒީ ވިދާޅުވީ އެ މައްސަލައިގެ އިތުރު ޝަރީއަތުގެ މަޖިލީހެއް އޮންނާނީ އަންނަ ބުރާސްފަތި ދުވަހު ކަމަށާއި އެދުވަހު ވަކީލަކާ އެކު ދައުވާ އަށް ޖަވާބުދާރީވުމުގެ ފުރުސަތު ދެއްވާނެ ކަމަށެވެ.

ގާޒީ ވިދާޅުވީ ޖާބިރު އާއި ޖާދުﷲ ކޯޓަށް ހާޒިރު ކުރެވޭ ގޮތެއް ނުވި ކަމަށާއި ކޯޓަށް ހާޒިރުމަށް ކުރާ މަސައްކަތް ނާކާމިޔާބު ވެއްޖެ ނަމަ ދެންޖެހޭނީ ބަންދުގައި ބަހައްޓައިގެން އެ ދެ ބޭފުޅުން ކޯޓަށް ހާޒިރު ކުރަން ކަމަށެވެ.

އަންނަ ބުރާސްފަތި ދުވަހު ބާއްވާ ޝަރީއަތުގެ މަޖިލީހަށް ޖާބިރާއި ޖާދުﷲ ހާޒިރުކުރެއްވިއްޖެ ނަމަ އެ ދެ ބޭފުޅުންނަށް ވެސް ދައުވާ އަށް ޖަވާބުދާރީވުމުގެ ފުރުސަތު ދެއްވާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

އަންނަ ބުރާސްފަތި ދުވަހުގެ އިތުރުން މި މަހުގެ 12 ވަނަ ދުވަހާއި 26 ވަނަ ދުވަހުގެ އިތުރުން 31 ވަނަ ދުވަހަށް ގާޒީ ވަނީ އެ މައްސަލަ ތާވަލް ކުރައްވާފަ އެވެ.

ގާޒީ ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހު އެބޭފުޅުން ދައުވާ އަށް ޖަވާބުދާރީ ވެވަޑައިގެންފި ނަމަ 12 ވަނަ ދުވަހު އޮންނާނީ ހެކި ހުށަހެޅުން ކަމަށެވެ. އަދި އެއަށް ފަހު 26 ވަނަ ދުވަހު ހެކިބަސް ނެގުމަށް ފަހު 31 ވަނަ ދުވަހު އެ މައްސަލައިގެ ޝަރުއީ ހުރިހާ އަޑުއެހުންތައް ނިންމާލައްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.