ސަރުކާރާއި ރައްޔިތުން ހިއްސާވާ ޓޫރިޒަމް ކުންފުނި، އެމްޓީޑީސީ އަށް މި އަހަރުގެ ދެވަނަ ކުއާޓާގައި ހިއްސާއަކަށް 0.33 (5.8ރގެ) ޑޮލަރުގެ ގެއްލުމެއް ވެފައިވާ ކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެ ކުންފުނީގެ ހިއްސާއަކުން ހިއްސާއަކަށް 0.06 (92 ލާރީގެ) ޑޮލަރުގެ ފައިދާއެއް ވަނީ ލިބިފަ އެވެ.

އެމްޓީޑީސީ އިން ހުކުރު ދުވަހު އާންމުކޮށްފައިވާ މި އަހަރުގެ ދެވަނަ ކުއާޓާގެ ތަފާސްހިސާބުތަކަށް ބަލާ އިރު މި އަހަރުގެ ދެ ވަނަ ކުއާޓާގައި އެ ކުންފުންޏަށް 4.3 (66.3 މިލިއަން ރުފިޔާ) މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ އިރު އެއް މިލިއަން ޑޮލަރުގެ ގެއްލުމެއް ވަނީ ވެފަ އެވެ.

އެ ކުންފުންޏަށް މި އަހަރުގެ ފުރަތަމަ ކުއާޓާގައި ވަނީ ދެ ލައްކަ ޑޮލަރުގެ ފައިދާއެއް ވެފަ އެވެ.

އެމްޓީޑީސީން ބުނެފައި ވަނީ އެ ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ވަނީ އެ ކުންފުނިން އައްޑޫގައި ތަރައްގީކޮށްފައިވާ ހެރެތެރެ ރިސޯޓުން ކަމަށެވެ. އަދި އެ ރިސޯޓް ވިއްކާލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

މި އަހަރުގެ ދެ ވަނަ ކުއާޓާގެ މާލީ ބަޔާން އާންމުކޮށްފައި ނުވާތީ ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ވަނީ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ޖޫރިމަނާކޮށްފަ އެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓާގައި ފައިދާވެ ދެ ވަނަކުއާޓާގައި އެކުންފުންޏަށް ގެއްލުމާ ކުރިމަތިވެފައިވާ އިރު 2011 ވަނަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާ އިރު ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި އެއްވެސް އެއްޗެއް ނުލިބެ އެވެ. އެމްޓީޑީސީ އަށް 2011 އަހަރު ނިންމާލަން ޖެހުނީ 3.8 މިލިއަން ޑޮލަރު (58.5 މިލިއަން ރުފިޔާގެ) ގެއްލުމާ އެކު އެވެ. އެއީ ހިއްސާއަކަށް 1.21 ޑޮލަރު، (18.7ރ)ގެއްލުމެކެވެ. އަދި ވޭތުވެ ދިޔަ ތިން އަހަރު ވެސް އެ ކުންފުނީގެ ހިއްސާދާރުންނަށް އެއްވެސް ފައިދާއެއް ނުލިބުނެވެ.