އައްޑޫ ސިޓީ ފޭދޫ ސްކޫލުގެ މުވައްޒަފުންލައްވައި ރަސްމީ ގަޑީގައި އަމިއްލަ މަސައްކަތެއް ކުރިވި ކަމުގެ ތުހުމަތުގައި ޕްރިންސިޕަލަކާއި ޓީޗަރެއްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)އަށް ފޮނުވައިފި އެވެ.

ދައުވާ ކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވައިފައި ވަނީ ފޭދޫ ސްކޫލުގެ ކުރީގެ ޕްރިންސިޕަލް ޢަބްދުއްލަތީފް އަލީ ގެ މައްޗަށާއި ކުރީގެ ލީޑިން ޓީޗަރު އަބްދުﷲ ޒުހައިރުގެ މައްޗަށެވެ. އެ ދެ މީހުންނަކީ ވެސް ފޭދޫ މީހުންނެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގަށްފަހު އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބަޔާނެއްގައި ބުނެފައި ވަނީ އޮންލައިންކޮށް އެއްޗެހި ވިއްކާ ބޭރު ސައިޓެއް ކަމަށްވާ އީބޭއިން އޯޑަރުކޮށްގެން، ފޯސްޓް އޮފީހަށް ލިބިފައި ހުންނަ ބައެއް ތަކެތި އެ ސުކޫލުގެ ބައެއް މުވައްޒަފުން ލައްވާ ސްކޫލުގެ ޕްރިންސިޕަލް އަބްދުއް ލަތީފާއި ޓީޗަރު ޒުހައިރު ގެންނަ ކަމަށާއި އެގޮތަށް ގެންނަ ތަކެތި ސުކޫލުގެ ބައެއް މުވައްޒަފުން ލައްވާ ސްކޫލަށާއި ބައެއް ފަހަރު ޕްރިންސިޕަލްގެ ގެއަށް ވެސް ގެންގޮސްދޭ ކަމަށެވެ.

އެގޮތުން މަހަކު ދެތިން ފަހަރު ޢަބްދުއްލަތީފް އާއި ޒުހައިރު އޮންލައިންކޮށް ގެންނަ ތަކެތި މުވައްޒަފުން ލައްވައި ސުކޫލަށް ގެންނަކަން އޭސީސީގެ ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމަށް ވެސް އެބަޔާނުގައި ބުނެފައި ވެއެވެ. އަދި އެހެން ގެންނަ ތަކެތި ސްކޫލުގައި ބަހައްޓައިގެން ސްކޫލުގެ މުވައްޒަފުންނާއި ޓީޗަރުންނަށް ވިއްކާ ހަދާ ކަމަށާއި އެގޮތުން އީބޭއިން ގެނައި ފޯނެއް ސްކޫލުގެ ރަސްމީ ގަޑީގައި ސްކޫލުގެ މުވައްޒަފަކަށް ވިއްކާފައިވާ ކަމަށް ވެސް އޭސީސީން ބުނެފައި ވެއެވެ.