ޕީޕީއެމް އާއި އެމްޑީއޭގެ ކޯލިޝަން ސަރުކާރެއްގައި ޓޫރިޒަމް ދާއިރާ އިން އިތުރުކުރާ ވަޒީފާތަކުގެ ތެރެއިން 5000 ވަޒީފާ ނ. އަތޮޅަށް އިތުރު ކުރައްވާނެ ކަމަށް އެމްޑީއޭގެ ލީޑަރު އަހްމަދު ޝިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

އެމްޑީއޭ އާއި ޕީޕީއެމްގެ ކޯލިޝަނުން ނ. ހޮޅުދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ ޕީޕީއެމްގެ ސަރުކާރެއްގައި ޓޫރިޒަމް ދާއިރާ އިން ދެ އަހަރުގެ ތެރޭގައި 5000 ވަޒީފާ އިތުކުރައްވާނެ ކަމަށެވެ.

"ޓޫރިޒަމް ދާއިރާ އިން 94000 ވަޒީފާ ގެނެސްދޭނެ. އޭގެ ތެރެއިން ކުރިއަށް އޮތް ދެ އަހަރު ދުވަސްތެރޭގައި ނ. އަތޮޅުގައި އެކަނި ވެސް 5000 ވަޒީފާ އުފެދިގެންދާނެ،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމު ވިދާޅުވީ ތަރައްގީއަކީ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކޮށްދެއްވުން ކަމަށާއި ޕީޕީއެމް ސަރުކާރެއްގައި އެކަން ޔަގީންކޮށްދެއްވާނެ ކަމަށެވެ. އަދި ޔާމީނަކީ މި ރާއްޖެ ރަނގަޅު މިސްރާބަކަށް ގެނެސްދެއްވާނެ ބޭފުޅެއް ކަމަށް ކަމަށް ވެސް ޝިޔާމު ވިދާޅުވި އެވެ.

އޭގެ އިތުރުން ޝިޔާމް ވިދާޅުވީ އެމްޑީޕީ ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ސިއްހީ ނިޒަމާއި ތައުލީމް ނިޒާމް ވަނީ ހަލާކުވެގެން ގޮސްފައި ކަމަށާއި ރާއްޖޭގެ މިސްކިތްތައް ވެސް ވަނީ އަޅާ ނުލާ ހުރުމުގެ ސަބަބުން ހަލާކުވާން ކައިރިވެފައި ކަމަށާއި ޕީޕީއެމް އާއި އެމްޑީއޭ އިން އެކުވެގެން އުފެދޭ ސަރުކާރެއްގައި މިސްކިތްތައް ރަނގަޅަށް ބަލަހައްޓާނެ ކަމަށެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ވައުދުވެވަޑައިގެންފައި ވަނީ ޕީޕީއެމް ސަރުކާރެއްގައި އާމްދަނީ އިތުރުކުރުމަށް ޓަކައި 10 ރަށެއް ރިސޯޓްތަކުގެ ގޮތުގައި އަލަށް ތަރައްގީ ކުރައްވާނެ ކަމަށާއި އަދި 94000 ވަޒީފާގެ ފުރުސަތުތައް އިތުރުކުރައްވާނެ ކަމަށެވެ.