01 Sep 2013, 11:38
ބައިނަލް އަގުވާމީ މަގު ޗާޓެއް އެކުލަވާލުމަށް ގައުމީ ފެންވަރުގެ މަސައްކަތު ބައްދަލުވުމެއް ކަސްޓަމްސުން ފަށައިފި އެވެ.
މިއަދު ހެނދުނު ކަސްޓަމްސް ބިލްޑިންގްގައި ފެށި އެ މަސައްކަތު ބައްދަލުވުމަކީ އިންޓަނެޝަނަލް ކޮންވެންޝަން އޮން ދަ ސިމްޕްލިކޭޝަން އެންޑް ހާމަނައިޒޭޝަން އޮފް ކަސްޓަމްސް ޕްރޮސިޖާސް ނުވަތަ ރިވައިޒްޑް ކިޔޯޓޯ ކޮންވެންޝަން (އާރްކޭސީ)ގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒު ކުރުމަށް މަގު ޗާޓެއް އެކުލަވާލުމަށް ހިންގާ މަސައްކަތު ބައްދަލުވުމެކެވެ.
"ނެޝަނަލް ވާކްޝޮޕް އޮން އެކްސެޝަން ޓު ރިވައިޒްޑް ކިޔޯޓޯ ކޮންވެންޝަން"ގެ ނަމުގައި ފެށި އެ މަސައްކަތު ބައްދަލުވުން ހަތަރު ދުވަހަށް ކުރިއަށްދާނެ އެވެ. ޖުމްލަ 25 ކަސްޓަމްސް އޮފިސަރުން ބައިވެރިވެފައިވާ އެ ބައްދަލުވުން ކުރިއަށް ގެންދަނީ ރީޖަނަލް އޮފީސް ފޯ ކެޕޭސިޓީ ބިލްޑިންގް އޭޝިއާ ޕެސިފިކް އާއި ދިވެހި ކަސްޓަމްސް ގުޅިގެންނެވެ. އަދި އެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަނީ ވޯލްޑް ކަސްޓަމްސް އޯގަނައިޒޭޝަންގެ މާހިރުންނެވެ.
މަސައްކަތު ބައްދަލުވުމާ ބެހޭ ގޮތުން މައުލުމާތު ދެއްވަމުން ކަސްޓަމްސް އޮފިސަރު ސްޕްރިންގްޓެންޑެންޑް އަހުމަދު ފަހީމް ވިދާޅުވީ އެ ވޯކްޝޮޕްގެ މައިގަނޑު މަގްސަދަކީ ރިވައިޒްޑް ކިޔޯޓޯ ސިސްޓަމް އަށް ދިވެހިން އަހުލުވެރި ކުރުންވުން ކަމަށެވެ. އަދި ކަސްޓަމްސް އިން މިހާރު ކުރަމުންދާ މަސައްކަތް މިހާރަށް ވުރެ އިތުރަށް ހަލުވި ކޮށް ގެންދިޔުން ކަމަށެވެ.
ފަހީމް އިތުރަށް ވިދާޅުވީ އެ ފަދަ މަސައްކަތު ބައްދަލުވުމެއްގެ ސަބަބުން މިނިވަން ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމް ވެގެން ދާނެ ކަމަށާއި އޭގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑު މަންފާ އެއް ވެގެން ދާނެ ކަމަށެވެ.