01 Sep 2013, 11:35
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ހަލް ސިޓީ އަތުން 2-0 ލަނޑުން ފަސޭހަ ކަމާއެކު މެންޗެސްޓާ ސިޓީ މޮޅުވެއްޖެ އެވެ.
މެންޗެސްޓާ ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ އެމެޗުގެ ފުރަތަމަ ލަނޑު މެޗުގެ 65 ވަނަ މިނެޓުގައި ސިޓީއަށް ކާމިޔާބު ކޮށްދިނީ ސްޕެއިންގެ ފޯވާޑް އަލްވާރޯ ނެގްރެޑޯ އެވެ. ސިޓީގެ ދެ ވަނަ ލަނޑު މެޗުގެ 90 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ އައިވަރީކޯސްޓުގެ މިޑްފީލްޑަރު ޔާޔާ ޓޯރޭ އެވެ.
ރޭގެ މެޗަށްފަހު މެން ސިޓީގެ ކޯޗު މެނުއަލް ޕެލެގްރިނީ ބުނީ، ރޭގެ މޮޅާއެކު ޓީމއަށް އާހިތްވަރެއް ލިބިއްޖެ ކަމަށާއި މެޗުގެ ފުރަތަމަ ހާފަށް ވުރެ ދެވަނަ ހާފުގައި ޓީމުގެ ކުޅުންތެރިންގެ ފަރާތުން ފެނުނީ ތަފާތު މޮޅު ކުޅުމެއް ކަމަށެވެ.
"ރޭގެ މޮޅާއެކު ޓީމަށް ހިތް ވަރު ލިބިއްޖެ. ހުރީ ކުޅުންތެރިންގެ ފަރާތުން ވެސް ފެނުނީ މޮޅު ކުޅުމެއް،" މެން ސިޓީގެ ކޯޗު މެނުއަލް ޕެލެގްރިނީ ބުންޏެވެ.
މެންސިޓީ އަތުން ރޭ ބަލިވި ހަލް ސިޓީގެ ކޯޗު ބްރޫސް ބުނީ، ސިޓީ ކަހަލަ މޮޅު ޓީމަކާ ދެކޮޅަށް ކުޅެ ރޭ ނެރުނު ނަތީޖާއާ މެދު ހިތްހަމަ ޖެހޭ ކަމަށާއި މެޗުގައި ލަނޑު ޖަހަން ލިބުނު ފުރުސަތުތައް ރަނގަޅު ގޮތުގައި ބޭނުން ކުރެވުނު ނަމަ ނަތީޖާ މިއަށް ވުރެވެސް ރަނގަޅު ވިސް ކަމަށެވެ.
ޕްރެމިއާ ލީގުގައި މިއަދާ މިރޭ ވެސް މެޗްތަކެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން މިއަދު ހަވީރު ރާއްޖެ ގަޑިން 5:30 ގައި ބައްދަލު ކުރާނީ ލިވަޕޫލް އާއި މެންޗެސްޓާ ޔުނައިޓެޑެވެ. އަދި ހަމަ އެގަޑީގައި ދެ ން ކުލޭ މެޗުގައި ބައްދަލުކުރާނީ ވެސްޓްބޯމިޗް އާއި ސްވެންސީ ސިތީއެވެ. އަދި މިރޭ ރާއްޖެ ގަޑިން 8:00 ގައި ބައްދަލުކުރާނީ އާސެނަލް އާއި ޓޮޓެންހަމް އެވެ.