ދ. ކުޑަހުވަދޫގައި ފުލުހެއްގެ ސައިކަލެއް އަންދާލައި އޭނާގެ ގެއަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

ފުލުހުން ބުނީ ރޭ 1.45 އެހަކަންހާ އިރު ހިނގި އެ ހާދިސާގައި ބޭނުން ނުކުރެވޭ ވަރަށް ސައިކަލު އަނދާފައިވާ އިރު ގެއަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

"ސައިކަލު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި، އަލިފާނުގެ ސަބަބުން ގެއަށް ވެސް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައި،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ހާދިސާއާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ކުޑަހުވަދޫން ވާހަކަ ދެއްކި މީހަކު ބުނީ ދ. ވާނީން ކުޑަހުވަދު އަށް ހިޖުރަކުރި މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި ގެއެއްގައި ހުރި ސައިކަލެއްގައި ރޯވެ އަނދާފައިވާ ކަމަށާއި އެ ހާދިސާގައި ގެއަށް ވެސް ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

ކުޑަހުވަދޫ ރަށު ކައުންސިލުން ބުނީ އެފަދަ މައުލޫމާތެއް އަދި ލިބިފައި ނުވާ ކަމަށެވެ.

"އެފަދަ މައުލޫމާތެއް ކައުންސިލަކަށް އަދި ނުލިބޭ ރަސްމީކޮށެއް،" ކުޑަހުވަދޫ ރަށު ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އިހުސާން ވިދާޅުވި އެވެ.