20 Nov 2010, 11:57
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި މާލޭ ސިޓީ ކައުންސިލަށް ވާދަކުރާނެ ކަން މިހާތަނަށް ކަށަވަރުވެފައިވާ ހަތަރު ކެނޑިޑޭޓުންގެ ނަން އެމްޑީޕީން ހާމަ ކޮށްފި އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކަންތައް ކުރިއަށް ގެންދިއުމުގައި ހަރަކާތްތެރިވާ އެމްޑީޕީގެ މާލޭ ކޯޑިނޭޓަރު ސޮފްވާން އަލީ މިއަދު ވިދާޅުވީ، ޕްރައިމަރީގައި ވާދަކުރަން ނުޖެހި އެމްޑީޕީގެ ޓިކެޓް ލިބިފައިވާ ހަތަރު ކެނޑިޑޭޓުންނަކީ، ގަލޮޅު ދެކުނު ދާއިރާ އިން ޢަބްދުﷲ ޝަފީއު، ގ. ކިޔަވާގެ، އާއި މައްޗަންގޮޅީ އުތުރު ދާއިރާއިން، މއ. ޖަނބުގަސްދޮށުގެ، ހަސަން އަފީފް (ޖަންބު ހަސަން) އާއި މާފަންނު އުތުރު ދާއިރާ އިން، އަހުމަދު ސަމާހު ރަޝީދު/މ. ސިސްކިންގެ އިތުރުން މާފަންނު ހުޅަނގު ދާއިރާ އިން މ. ކުޑަވެޔޮމަތީގޭ މުޙައްމަދު ފަލާޙް (ފަލާ) ކަމަށެވެ. އަދި އެ ކެންޑިޑޭޓުންނަށް ޓިކެޓް ކަށަވަރުވެފައި ވަނީ، އެ ދާއިރާތަކުން އިތުރު ބަޔަކު ކުރިމަތިލާފައިވާ ބައެއް ކެނޑިޑޭޓުން ނަން އަނބުރާ ގެންދިއުމުން ޕްރައިމަރީ އަކަށްދާން ނުޖެހުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސޮފްވާން އިތުރަށް ވިދާޅުވީ، މާލޭ ސިޓީ ކައުންސިލްގެ ޓިކެޓް ހޯދުމަށް ޕްރައިމަރީގައި ވާދަކުރުމަށް ކުރިމަތިލި މީހުންގެ ތެރެއިން މިހާތަނަށް ހަތަރު މީހަކު ނަން އަނބުރާ ގެންދަވާފައިވާ ކަމަށެވެ. ނަން އަނބުރާ ގެންދެވި ބޭފުޅުންގެ ތެރޭގައި މެދު ހެންވޭރު ދާއިރާ އަށް ކުރިމަތިލެއްވި، ޑެޕިއުޓީ މިނިސްޓަރު އޮފް ފޮރިން އެފެއަޒް އަޙުމަދު ނަސީމް ހިމެނި ވަޑައިގަންނަވަ އެވެ. ނަސީމުގެ އިތުރުން ނަން އަނބުރައި ގެންދަވާފައި ވަނީ، ގަލޮޅު އުތުރު ދާއިރާއަށް ކުރިމަތިލެއްވި، ގ. ކަކާގެއާގެ ޙުސައިން އާދަމާއި ވިލިމާފަންނު ދާއިރާ އަށް ކުރިމަތިލެއްވި، މުޙައްމަދު އިޤްނާޒް ޢަލީ އާއި މާކިފް ޢަބްދުﷲ އެވެ.
މެދު ހެންވޭރު ދާއިރާ އަށް ކުރިމަތި ލައްވާފައި ބޭފުޅުންގެ ތެރޭގައި މިހާރު ލިސްޓްގައި ވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ އާސިމް ތައުފީޤާއި މަޝްހޫރު ފިލްމީ ތަރި ލުފްޝާން ޝަކީބް (ލޫއްޕެ) އެވެ. ގަލޮޅު އުތުރު ދާއިރާގެ ލިސްޓަގައި، ގ. ދުވެލި ޢަބްދުﷲ ސަލީމް އާއި ގ. ވަޑިނޮޅުގޭ މުހައްމަދު އަފްރާޙް ޚަލީލް އާއި ގ. ރަންގިރީގޭ ޝެހެނާޒް ވާފިރެވެ. ވިލި މާފަންނު ދާއިރާގެ ލިސްޓްގައި ހިމެނެނީ އެމްޑީޕީ، ވިލިމާފަންނު ދާއިރާގެ ރައީސް އަރުހަމް ޙުސައިން، އާއި އަހުމަދު ރިލްވާން އެވެ.
ފެބުރުއަރީ 5 ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭ ސިޓީކައުންސިލްގައި ވާދަ ކުރުމަށް އެމްޑީޕީ ޓިކެޓް ހޯދުމަށް ސަރުކާރުގެ އިސް މަގާމުގަކުގައި ތިއްބެވި ބައެއް ބޭފުޅުން ވެސް، އަންނަ ހުކުރު ދުވަހު ބާއްވާ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައ މިނިސްޓަރު އޮފް ސްޓޭޓް ފޯ ހިއުމަން ރިސޯސަސް ޔޫތު އެންޑް ސްޕޯޓްސް މުހައްމަދު ރަޝީދު ހުސައިން އާއި އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް (މައިޒާން) އަލި މަނިކާއި، މާލޭ މުނިސިޕަލްޓީގެ ރައީސް ސަރަނގު އާދަމް މަނިކު ހިމެނިވަޑައިގަންނަވަ އެވެ.