ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅޭ ކޮންމެ މެޗަކީވެސް ދެކޭނީ ފައިނަލް މެޗެއްގެ ގޮތުގައި ކަމަށް މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާގެ ހޮލެންޑް ކޯޗް ވިމް ކުއެވަމަން ބުނެފި އެވެ.

މިއަދު ހަވީރު ޕާކިސްތާނާ ދެކޮޅަށް އިންޑިއާ ކުޅެން ހަމަޖެހިފައިވާ މެޗާ ބެހޭގޮތުން ކުއެވަމަންސް ބުނީ، އިންޑިއާ އަކީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމު ކަމަށްވާއިރު އެތަށި ދިފާއު ކުރުމަށް އިންޑިއާ ކުޅޭ ކޮންމެ މެޗަކީވެސް މުހިއްމު މެޗެއް ކަމަށެވެ.

"މުބާރާތުގެ ތަށި ދިފާއު ކުރުމަށް އިންޑިއާ މިކުޅެނީ. އަހަރެމެން ފަސް މެޗު ކުޅެން އެބަޖެހޭ. އަހަރެން ދެކޭ ގޮތުގައި އިންޑިއާ ކުޅޭ ކޮންމެ މެޗަކީ ވެސް ފައިނަލް މެޗެއް. އެހެން ވީމާ އަރެެމެން ފަސް ފައިނަލް މެޗު ކުޅެން އެބަޖެހޭ އިންޑިއާގައި ތަށި ބެހެއްޓުމަށް،" ކުއެވަމަންސް ބުންޏެވެ.

ކޮއެވަމަންސް ބުނީ، ގްރޫޕްގައި ހިމެނޭ ހުރިހާ ޓީމް ތަކަކީވެސް ވަރުގަދަ ޓީމުތަކެއް ކަމަށާއި، އެހެން ކަމުން ހުރިހާ އެހެން ކަމުން މުބާރާތް ކާމިޔާބު ކުރަން ބޭނުންނަމަ ހުރިހާ މެޗަކުން މޮޅުވުން ވަރަށް މުހިއްމު ކަމަށެވެ.

"ކުރިންވެސް ބުނިހެން އަހަރެމެން ދެކެނީ އިދިކޮޅު ހުރިހާ ޓީމް ތަކަކީވެސް ވަރުގަދަ ޓީމުތަކެއްގެ ގޮތުގައި. އެހެން ކަމުން، މުބާރާތުގެ ތަށި ދިފާއުކުރަން ބޭނުން ކަމަށްވާނަ، ހުރިހާ މެޗެއް ކާމިޔާބުކުރަން އެބަ ޖެހޭ،" އިންޑިއާ ކޯޗު ބުންޏެވެ.

ކޮއެމަންސް ބުނީ، މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަށް އަބަދުވެސް ޕްރެޝަރު އޮންނާނެ ކަމަށާއި އެހެން ނަމަވެސް އިންޑިއާ އޮތީ މުބާރާތް ކާމިޔާބު ކުރުމަށް ފުރިހަމައަށް ތައްޔާރު ވެގެން ކަމަށެވެ.

އިންޑިއާ ޓީމްގެ ކެޕްޓަން ސްނިލް ޗެތްރީ ބުނީ، އެންމެ ފަހުގެ މުބާރާތާ މި މުބާރާތާ ހުރި ތަފާތަކީ ހަމަ އެކަނި މުބާރާތް ކުޅޭ ގައުމު ކަމަށާއި އިންޑިއާ ޓީމްގެ ހުރިހާ ކުުޅުންތެރިންވެސް ތިބީ މިފަހަރުގެ މުބާރާތް ކާމިޔާބު ކުރުމަށް ވަރަށް ފުރިހަމައަށް ތައްޔާރު ވެގެން ކަމަށެވެ.

އިންޑިއާ އާއި ޕާކިސްތާނުގެ ކުރިމަތިލުންތަކަށް ބަލާއިރު 23 މެޗުގެ ތެރެއިން ނުވަ މެޗު އިންޑިއާ ކޮޅަށް ނިމިފައިވާއިރު އޭގެ ތެރެއިން 11 މެޗް ޑްރޯވެ، ޕާކިސްތާނަށް އިންޑިއާގެ މައްޗަށް ކުރި ހޯދިފައިވަނީ، އެންމެ 3 ފަހަރު އެވެ.

އިންޑިއާއާއި ޕާކިސްތާން ބައްދަލު ކުރާ މެޗު އޮންނާނީ، ކަތުމަންޑުގެ ދަސަރަތު ސްޓޭޑިއަމްގައި މިއަދު ހަވީރު ރާއްޖޭ ގަޑިން 5:45ގަ އެވެ.