01 Sep 2013, 11:29
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ކޮންމެ މީހަކު ވެސް ގަލަމެއް ހިފައިގެން ދިއުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސް ކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް "ސަން"އަށް މިއަދު ވިދާޅުވީ ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމުން ދެލިފޭދިގެންދާ ގަލަން ތަކެއް ގެންގުޅެމުންދާ ކަމުގެ މައުލޫމާތު އެ ކޮމިޝަނަށް ވެސް ލިބިފައިވާ ކަމަށެވެ. އެހެން ކަމުން ކޮންމެ މީހަކުވެސް އެމީހަކަށް އިތުބާރު ކުރެއްވޭ ގަލަމެއް ހިފައިގެން ވޯޓްލާން ދިއުމަށް ކޮމިޝަނުން އިލްތިމާސް ކުރާ ކަމަށެވެ.
"އަޅުގަނޑުމެންގެ އިލްތިމާސް އަކީ ކޮންމެ ބޭފުޅަކު ވެސް ވޯޓް ލުމަށް ވަޑައިގެންނަވާއިރު ގަލަމެއް ހިއްޕަވައިގެން ވަޑައިގެންނަވާށޭ. އެ ބޭފުޅަކަށް އިތުބާރު ކުރެވޭ ގަލަމެއް ޓެސްޓް ކުރެއްވުމަށް ހިއްޕަވައިގެން ވަޑައިގަތުމަށް އަޅުގަނޑުމެން އިލްތިމާސް ކުރަން،" ފުއާދު ވިދާޅުވި އެވެ.
ފުއާދު ވިދާޅުވީ އެ މައްސަލަ ފުލުހުންގެ ފަރާތުން ވެސް އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މީގެ ދެ ހަފްތާ އެއްހާ ދުވަސް ކުރިން އެފަދަ ގަލަން ތަކެއް އުޅޭ ކަމަށް ބުނެ އެމްޑީޕީ އާއި ޖޭޕީން ވެސް އެ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
ގަލަމާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ފުއާދު ވިދާޅުވީ އެފަދަ ގަލަމެއް އަދި އެ ކޮމިޝަނަށް ލިބިފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ ވޯޓް ލުމަށް ގަލަން ގެންނައިރު އެ ގަލަމެއް ޓެސްޓް ކުރުމަށް ފަހު ގެނައުމަށް އެ ކޮމިޝަނުން އެދޭ ކަމަށެވެ.
ފުއާދު އިތުރަށް ވިދާޅުވީ ވޯޓް ފޮށި ކައިރީ ބާއްވާފައިވާ ގަލަން އެއްވެސް ފަރާތަކުން ބަދަލު ކޮށްފި ނަމަ ނުވަތަ އެފަދަ އަމަލެއް ހިންގަން މަސައްކަތް ކޮށްފިނަމަ އެ މީހަކާއި ދޭތެރޭ ވަގުތުން ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އެއްވެސް މީހަކު ގެންނަ ގަލަމެއް ވޯޓް ފޮށި ކައިރީ ބާއްވާތޯ އެ ކޮމިޝަނުން ބަލާނެ ކަމަށާއި އެފަދަ ކަމެއް ހިންގައިފި މީހަކާއި ދޭތެރޭ ވެސް ގާނޫނީ ފިޔަވަޅު ވަގުތުން އަޅާނެ ކަމަށެވެ.