01 Sep 2013, 11:31
ސާފް ޗެމްޕިއަންޝިޕްގައި ޕާކިސްތާން ކުޅޭ ފުަރަތަމަ މެޗުގައި މިއަދު ހަވީރު އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާއާ ދެކޮޅަށް ނުކުންނަ އިރު އެޓީމަށް އެސްވެސް ޕްރެޝަރެއް ނެތްކަމަށް ޕާކިސްތާން ޓީމުގެ އެސިސްޓެންޓް ކޯޗް ޝާހްޒާދު އަންވަރު ބުނެފި އެވެ.
އަންވަރު ބުނީ، މުބާރާތުގެ ގްރޫޕް އޮފް ޑެތްގެ ގޮތުގައި އޮތް ގްރޫޕްގައި ޕާކިސްތާން އޮތުމުން އެއީ އެއްގޮތަކަށްވެސް ޓީމަށް އޮތް ޕްރެޝަރެއްގެ ގޮތުގައި ނުދެކޭ ކަމަށެވެ.
"އިންޑިއާ އާއި ބަންގުލަދޭޝްއާ ކުޅެންޖެހޭތީ އަހަރެމެން މިތިބީ ވަރަށް ރަނގަޅު ރޫހެއްގައި. މި ސަރަހައްދުގައި ހުރިހާ ޓީމް ތަކެއްވެސް ވަރަށް ހަމަހަމަ. އެހެން ވީމާ ނުބުނެވޭނެ މިވެނި ޓީމެކޭ މޮޅީ ނުވަތަ މިވެނި ޓީމެކޭ ދެރައީ. ޕާކިސްތާން ޓީމަށް ބަލި ނުކުރެވޭނެ އެއްވެސް ޓީމެއް ނެތް،" ޝަހުޒާދު ބުންޏެވެ.
ޝާހު ޒާދު ބުނީ، މިފަހަރުގެ މުބާރާތަށް އެޓިމް ވަނީ ވަރަށް ފުރިހަމައަށް ތައްޔާރު ވެފައި ކަމަށާއި އެހެން ކަމުން މުބާރާތުގެ ދެވަނަ ބުރަށް އެޓީމަށް ދެވޭނޭ ކަމުގެ ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށެވެ.
"ފުރަތަމަ ކުޅެން މިޖެހެނީ، އިންޑިއާއާ ދެންން މުބާރާތް ބާއްވާ ގައުމު ކަމަށްވާ ނޭޕާލްއާ. އެހެންވީމާ އެއްވެސް ޕްރެޝަރެއް ނެތް. އހަރެމެންނަށް ދެވަނަ ބުރަށް ދެވޭނޭ ކަމުގެ ޔަގީންކަން ވަރަށް ބޮޑު،" ޝާހްޒާދު ބުންޏެވެ.
ޝާހުޒާދު ބުނީ، އެ ޓީމުގައި ގައުމުން ބޭރުގައި ކުޅޭ ފަސް ކުޅުންތެރިން ހިމެނުމަކީވެސް ކުޅުންތެރިންނަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށާއި އަދި އެކުޅުންތެރިންގެ ފަރާތުމް ޓީމުގައި ތިބި ޒުވާން އެހެން ކުޅުންތެރިންނަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުންދާ ކަމަށެވެ.
އިންޑިއާ އާއި ޕާކިސްތާނުގެ ކުރިމަތިލުންތަކަށް ބަލާއިރު މިހާތަނަށް ވާދަކުރި 23 މެޗުގެ ތެރެއިން ނުވަ މެޗު އިންޑިއާ ކޮޅަށް ނިމިފައިވާއިރު އޭގެ ތެރެއިން 11 މެޗް ޑްރޯވެ، ޕާކިސްތާނަށް އިންޑިއާގެ މައްޗަށް ކުރި ހޯދިފައިވަނީ، އެންމެ 3 ފަހަރު އެވެ.
އިންޑިއާއާއި ޕާކިސްތާން ބައްދަލު ކުރާ މެޗު އޮންނާނީ، ކަތުމަންޑުގެ ދަސަރަތު ސްޓޭޑިއަމްގައި މިއަދު ހަވީރު ރާއްޖޭ ގަޑިން 5:45ގަ އެވެ.