ވޮޝިންޓަން (ސެޕްޓެމްބަރ 1): ސޫރިޔާއަށް ޙަމަލާ ދިނުމާބެހޭ ގޮތުން އެމެރިކާގެ ރައީސް ބަރަކް އޮބާމާ ހުށަހަޅުއްވާ ފައިވާ ބިލްގެ ދެލިކޮޕީއާބެހޭ ގޮތުން ބަހުސު ކުރުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 9 ވަނަ ދުވަހުގައި ކަމަށް އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވް އިން ބުނެފި އެވެ.

ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ރައީސް ޖޯން ޕީނަރ އާއި އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ބައެއް މެންބަރުން ސޮއިކުރައްވައި ނެރުއްވާފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ސޫރިޔާ އަށް ޙަމަލާ ދިނުމާބެހޭ ގޮތުން އޮބާމާ ހުށަހަޅުއްވާ ފައިވާ ބިލްގެ މައްސަލަ ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ތަޅުމަށް ގެނައުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 9 އެއްގައި ކަމަށާ މިކަމަށް މުއްދަތެއް ދިނުމަށް ނިންމީ ސޫރިޔާއަށް ޙަމަލާދޭން ޖެހޭ ސަބަބުތައް ކޮންގްރެސް އަށް ހުށަހެޅުމަށް އޮބާމާގެ ސަރުކާރަށް ވަގުތު ދިނުމަށް ކަމުގައެވެ. އޮބާމާ އިއްޔެ ވަނީ އެމެރިކާ ސިފައިން ސޫރިޔާ އަށް ޙަމަލާ ދިނުމަށް ކޮންގްރެސްގެ ރުހުން ހޯދުމަށް އެދި މިކަމާ ބެހޭ ބިލެއް ކޮންގްރެސްއަށް ހުށަހަޅާފަ އެވެ.

މިބިލްގައި ސޫރިޔާއަށް އިސްވެ ޙަމަލާދޭން ޖެހޭ ކަމަށާ މިކަންކުރަން ޖެހެނީ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރުން އެގައުމުގެ ރައްޔިތުންނާ ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުންކޮށްފައި ވާތީ އެކަމަށް ރައްދުދިނުމުގެ ގޮތުން ކަމަށް ބުނެފައިވެ އެވެ. މިބިލް ހުށަހެޅުއްވުމަށް ފަހު ދެއްވި ބަޔާނެއްގައި އޮބާމާ ވިދާޅުވެފައި ވަނީ ސޫރިޔާ އަށް ޙަމަލާދިނުމަށް އޭނާގެ ސަރުކާރުން ނިންމާފައިވާ ކަމަށާ ނަމަވެސް މާފުޅާދާއިރާއެއްގައި ސޫރިޔާއަށް ޙަމަލާދޭން ރާވާފައިނުވާ ކަމުގަ އެވެ. އެމެރިކާގެ ޙަމަލާތައް އަމާޒު ވާނީ ސޫރިޔާގެ ވަކި ސަރަހައްދުތަކެއްގައިވާ ވަކި އަމާޒު ތަކަކަށް ކަމަށާ މިއީ "ލިމިޓެޑް" ހަމަލާތަކެއް ކަމަށްވެސް އޮބާމާ ވިދާޅުވެފައިވެ އެވެ. ނަމަވެސް ޙަމަލާދޭނެ ތަންތަން އޮބާމާ ހާމަކުރައްވާފައެއް ނުވެ އެވެ.

ސޫރިޔާގެ ވެރިރަށް ދިމިޝްޤުގެ ޣޫތާ ސަރަހައްދަށް ކެމިކަލް ހަތިޔާރުން ޙަމަލާދީ 1300 އަށް ވުރެ ގިނަ މީހުން މަރާލާފައިވާ ކަމަށް އެގައުމުގެ އިދިކޮޅު ހަނގުރާމަވެރިން ބުނާއިރު އެމެރިކާގެ ޚާރިޖީ ވަޒީރު ވަނީ މިޙަމަލާ ދީފައިވަނީ ސޫރިޔާ ސިފައިން ކަމަށް ތުހުމަތު ކުރައްވައި މިޙަމަލާގައި ދެ ހާހެއްހާ މީހުން މަރުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރަކީ އިދިކޮޅު ކޮންމެ ފަރާތަކާ ދެކޮޅަށް ވެސް ކެމިކަލް ހަތިޔާރު ފަދަ ނުރައްކާތެރި ހަތިޔާރުން ޙަމަލާދޭން ފަސްނުޖެހޭނެ ސަރުކާރެއްކަން އެސަރުކާރުގެ އަނިޔާވެރި އަމަލުތަކުން ވަނީ ސާބިތުވެފަ އެވެ. ނަމަވެސް ދިމިޝްޤު ޣޫތާ ސަރަހައްދަށް ކެމިކަލް ޙަމަލާއެއް ދިންކަން ވެސް މުސްތަޤިއްލު ފަރާތަކުން ކަށަވަރުކޮށްދީފައެއް ނުވެ އެވެ. އަދި ބައްޝާރުގެ ސަރުކާރެކޭ އެއްގޮތަށް ސޫރިޔާގެ ހަނގުރާމަވެރިންގެ ތެރޭގައި ހިމެނޭ ހަރުކަށި ބައެއް ޖަމާއަތްތަކަކީ ވެސް ހަނގުރާމައިގެ މަޤްސަދްތައް ޙާސިލް ކުރުމަށްޓަކައި އިންސާނިއްޔަތާ ޚިލާފު ކޮންމެފަދަ އަނިޔާވެރި ޢަމަލެއް ވެސް ހިންގަފާނެ ޖަމާއަތްތަކެއް ކަމަށްވަނީ ބެލެވިފަ އެވެ. މިފަދަ ޖަމާއަތްތަކުން ސޫރިޔާގެ އެތެރޭގައި ބޮންގޮއްވައި މީހުން މެރުމުގެ ޙަމަލާތައް ތަކުރާރުކޮށް ކުރިޔަށްގެންގޮސްފައިވާކަން ވަނީ ހާމަވެފަ އެވެ.

ސޫރިޔާއާ ދެކޮޅަށް އެމެރިކާ ދޭ އާދައިގެ ޙަމަލާއަކުން ސޫރިޔާ ސިފައިންނަށް މާބޮޑު އަސަރެއް ނުކުރާނެ ކަމަށާ ސޫރިޔާ އަށް އާދައިގެ ޙަމަލާތަކެއް އެމެރިކާ ދިނުމަކީ އެމެރިކާގެ ނުކުޅެދުންތެރިކަން ހާމަވާނެ ކަމެއް ކަމަށް މުރާސިލުން ބުނެ އެވެ. ބައްޝާރުގެ ސަރުކާރު ވައްޓާލުމަކީ ވެސް އަދި އިދިކޮޅު ހަނގުރާމަވެރިންނަށް ކާމިޔާބު ލިބުމަކީ ވެސް އެމެރިކާގެ ގައުމީ މަސްލަހަތާ ފުށައަރާނެ ކަމެއް ކަމަށްވާތީ ސޫރިޔާއާ މުޢާމަލާތް ކުރުމުގައި އެމެރިކާ އަށް މާގިނަ ފުރްސަތުތަކެއް ނެތްކަމަށް ތަޖްރިބާކާރުން ދެކެ އެވެ. (ނޫސްއެޖެންސީތައް)