ސިޔާސީ ފަރާތްތައް ބުނާ ގޮތުން މިގައުމު ވަނީ ޑިމޮކުރަސީ އަށް ފައްކާވެފަ އެވެ. ނަމަވެސް ހަގީގަތަކީ ގައުމު ވަނީ އެހެން ވައްތަރެއްގެ ޑިމޮކުރަސީ އަށް "ޣަރަގު" ވެފަ އެވެ. ރާއްޖޭގައި ޑިމޮކުރަސީ ނިޒާމްގެ ބައެއް ސިފަތައް ހުރި ނަމަވެސް އޭގެ ވެސް އެންމެ މުހިންމު ސިފަތައް އެންމެ ފުރިހަމަ ގޮތުގައި ނުފެނެ އެވެ. އަންނަ ހޮނިހިރު ދުވަހު ނަގާ ރިޔާސީ ވޯޓަށް ނުފޫޒުން އެއްކިބާވެ ބޭނުން މީހަކަށް ވޯޓްލުމުގެ މިނިވަންކަމެއް ނެތެވެ. ބަލި ގަބޫލް ކުރުގެ ރިވެތި ސިފަތަކެއް ވެސް ނެތެވެ.

ރާއްޖޭގެ ފަހު ސިޔާސީ ތާރީހަށް ބަލާއިރު ފެނިގެންދާ ހިތާމަވެރި ހަގީގަތަކީ "ސިޔާސީ ކަތުރުފަނީގެ" ސަބަބުން އާއިލާތައް ބައިބައިވެ ލޭގެ ގުޅުން ކަނޑާ ހިސާބަށް ގޮސްފައިވާ ކަމެވެ. އެފަދަ ހާދިސާތައް އެންމެ ބޮޑަށް އިތުރު ވަނީ އިންތިހާބުތަކާއި ކައިރިވުމުންނެވެ. އެގޮތުން ބައެއް އިންތިހާބްތަކާއި ގުޅިގެން ވޯޓް ދޭ މީހެއްގެ މައްސަލާގައި ދެމަފިރިން ވަރިވެފައި އެބަހުއްޓެވެ. އިންތިހާބަށް ހަފްތާއެއްވީ އިރު އެފަދަ ހިތާމަވެރި ކިތަންމެ ކަމެއް މިއަދު ވެސް މިގައުމުގައި ހިނގަމުންދާ ކަމެވެ. ސިޔާސީ ޕާޓީ އާއި ތިމާގެ ފިކުރަށް ލޭގެ ގުޅުން ކަނޑަމުންދާ ކަމެވެ.

"އަޅުގަނޑުގެ އެއްބަންޑު އެއްބަފާ ދައްތަޔާ އޭނަގެ ފިރިމީހަޔާ ވާހަކަ ނުދައްކާތާ ސީދާ ދެ މަސް ވެއްޖެ، ދެމީހުން ދަނީ ދެ ޕާޓީގެ ހަރަކާތްތަކަށް، މަށަށްހިޔެއްނުވޭ އެއް މޭޒްމަތިން ކާހެނެއް ވެސް، ކިތަންމެ ފަހަރަކު ބުނެފިން ތިހެން ނޫޅޭށޭ އެކަމް ޕިސް ޕިސް އެ އޮތީ ވާކަމެއް ހުވާ،" ކޮފީއަކުން ދިމާވި ރައްޓެއްސަކު ބުންޏެވެ.

ޑިމޮކުރަސީގެ ވާހަކަ ދައްކާއިރު އެނިޒާމުގައި އެންމެ ބޮޑަށް ބާރުއަޅާ އެއްކަމަކީ އެ މީހަކީ ކިތަންމެ ނިކަމެތި މީހަކަށްވީ ނަމަވެސް އެމީހަކު ދެކޭގޮތެއް ހާމަކުރުމުގެ މިނިވަންކަން ލިބުމެވެ. އަދި އެމީހަކަށް ގަބޫލްކުރެވޭ ކެންޑިޑޭޓަކަށް ވޯޓް ލުމުގެ ހައްގު ނުފޫޒަކާއި ނުލައި ލިބިގެންދިއުމެވެ. އެ ފުރުސަތު ނުލިބޭނަމަ މީގެ ކުރިން ދިވެހިންނަށް ކަމުނުދިޔަ "ފާހަގަ ލައިފައި ވޯޓް ކަރުދާސްކޮޅު ދޭ" ނުވަތަ "ތިމާ ނަމުގައި ވެރިން ވޯޓްލާ" ނިޒާމްއަކާއި މިއަދުގެ ނިޒާމާއި މާބޮޑު ތަފާތެއް ނެތެވެ. ނަމަވެސް ހަގީގަތަކީ އެ ނިޒާމް ކަމުނުދިޔަ ފަރާތްތައް ވެސް މިއަދު ތިމާ ސަޕޯޓްކުރާ ކެނޑިޑޭޓައް އަނެކާ ސަޕޯޓް ނުކުރާތީ ނުވަތަ ވޯޓް ނުލާތީ ގުޅުން ކަނޑާ ކަމެވެ. އެ ބުނާ ޑިމޮކުރަސީން ވެސް ކަމުދަނީ ވަކިބައެއްބާ އެވެ؟

އެންމެ ބޮޑު ޑިމޮކުރަސީ ކަމަށް ބުނާ އެމެރިކާ އިން މިސާލުތައް ދައްކައިގެން ސިޔާސީ ފަރާތްތައް ޕޯޑިއަމްތަކުގައި ވާހަކަތައް ދައްކާއިރު ހިތާމައަކީ އެމެރިކާގެ ޑިމޮކުރަސީގެ ރީތި އަދި ރަނގަޅު ސިފަތައް ރާއްޖޭގެ ސިޔާސީ މަޝްރަހުން ނުފެންނާތީ އެވެ. އެގޮތުން ބަލާނަމަ އެމެރިކާގެ ރިޔާސީ ރޭހުގައި މިހާރުގެ ރައީސް ބަރަކް އޮބާމާއާއި ވާދަކޮށް ނާކާމިޔާބުވެވަޑައިގެންވި ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް މިޓްރޮމްނީ އަމަލުކުރިގޮތް މިގައުމުގެ ކެނޑިޑޭޓްއިންނަށް ފެނޭބާ އެވެ؟ އަދި ދައުރު ހަމަވެގެން އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިޔު ބުޝް އަމަލުކުރި ގޮތް ނޭންގެނީބާ އެވެ؟ އަދި އިންތިހާބްތައް ނިމި އެނުކުންނަ ނަތީޖާއާ އެކު ގައުމަށް ހުރިހާ ސިޔާސީ ފަރާތްތަކަކުން ހުސްވާކަން މިގައުމުގެ ސިޔާސީ ފަރާތްތަކަށް ނޭންގެނީބާ އެވެ؟

މިގައުމުގެ ޑިމޮކުރަސީގެ ހަޔާތުގެ އިންތިހާބްތަކަށް ބަލާއިރު ނަތީޖާ ގަބޫލް ނުކުރުމާއި ނަތީޖާ އާއި ގުޅޭ ގޮތުން ޝަކުވާ ކުރުމާއި ބަލި ގަބޫލް ނުކުރުމަށް ހަމަނުޖެހުން ހިންގުމަކީ ހިނގާފައިވާ ކަންކަމެވެ. އަދި ވޯޓުން ރައްޔިތުން ނޫނެކޭ ބުނުމުން ސިޔާސީ ކަންކަމަށް "ހޯހޯ" ކިޔާފަ ދިޔަ ފަރާތްތައް އަނބުރާ އައިސް ސިޔާސީ ވުމާއި ވެރިކަމުން ފައިބައިގެން ގައުމުގެ އިގްތިސާދު ބޮއިކޮޓް ކުރަން ގޮވުމަކީ ދެރަ ކަމެކެވެ. ސިޔާސީ ޕާޓީތަކަށް މެޖޯރިޓީ ލިބިފައިވާ މުއައްސަސާތައް މެދުވެރިކޮށް އޭރު އޮންނަ ވެރި ކަމަކާއި "ޖެއްސުމަށް" ކަންކަން ކުރުމާއި އޭގެ ނަތީޖާއެއްގެ ގޮތުން ހަމަނުޖެހުން އުފެދުން ފަދަ ކަންކަން ހިމެނެ އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ސިޔާސީ ޕާޓީތަކުން މޮޅުވާނެ ކަމަށް އެ ބުނާ ޔަގީން ކަމުން ނަތީޖާ ނުކުންނަ ގޮތަކުން އެޕާޓީތަކުގެ މޭކަރާނެކަން ޔަގީނެވެ. އެގޮތުން މިއީ އިންސާފްވެރި އިންތިހާބަކަށް ވެއްޖެ ނަމަ ތިމަންނާމެން ހޮވޭނެ ކަމަށް ބުނާ ބުނުމީ ތިމަންނާމެން ނުހޮވިއްޖެ ނަމަ އިންތިހާބާއިދޭތެރޭ ސުވާލު އުފައްދަފާނެކަން ކަމެވެ. އަދި މިއަދު އުފެދޭ ސުވާލަކީ އިންތިހާބުގެ ނަތީޖާއަކަށްވާ ގޮތުން ގައުމުގައި އުފެދޭނީ ކޮންކަހަލަ ހަމަނުޖެހުންތަކެއް ބާއެވެ؟

ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ވިދާޅުވީ އެއްވެސް ބަޔަކު ރިޔާސީ އިންތިހާބުގެ ވޯޓުލުން ހުއްޓުވާލުމުގެ ގޮތުން ކަމެއް ރާވަފައި ނުވަތަ އެފަދަ ކަމެއް ރާވަމުންދާ ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިއްޖެ ނަމަ އެބަޔަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ރިޔާސީ އިންތިހާބަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށް ރިޔާޒް ވިދާޅުވެފައިވެ އެވެ.

ޑިމޮކުރަސީއޭ ރައްޔިތުންގެ ހައްގޭ ވިދާޅުވެ ސިޔާސީ ފަރާތްތަކުން ވަކާލާތުކުރާ ނަމަ އިންތިހާބްގެ ނަތީޖާއަށް އިހުތިރާމްކޮށް ގައުމަށް ހިދުމަތްކުރަންޖެހެ އެވެ. އޭގެ ބަދަލުގައި ގައުމުގައި ހަމަނުޖެހުން ހިންގުމާއި ގައުމުގެ އަގު ބޭރު ދުނިޔޭގައި ވެއްޓުމަށް މަސައްކަތް ކުރުމާއި ތިމާގެ ނުފޫޒް އޮންނަ މުއައްސަސާތައް މެދުވެރިކޮށް ދައުލަތައް ޖެއްސުން ކުރުން ހުއްޓުވަން ޖެހެއެވެ.

ގައުމެއްގެ ހައިސިއްޔަތުން މިގައުމު މިއަދު އެދެނީ ތަރައްގީ ގައިމު ކުރަން ފުރުސަތު ނުލިބުނު ނަމަވެސް ގައުމައިގެން ކުރިއަށް ނުދެވުނު ނަމަވެސް އަދި ޔަގީން ނުވި ނަމަވެސް އެއްބުރުން ނުހޮވުނު ނަމަވެސް ގައުމު އެދެނީ ހަމަޖެހުމާއި ފާގަތި ރާއްޖެއެކެވެ. ބޭނުމީ ހަމަޖެހުމާއި ތަރައްގީ އެވެ.