01 Sep 2013, 09:46
ނ. ޅޮހީން: މުރުޝިދު އަބްދުލްހަކީމް
ކޮރަޕްޝަނޭ ކިޔައިގެން އެހެން ބޭފުޅުންނާ ދިމާލަށް އިނގިލި ދިއްކުރުމުގެ ކުރިން "އަމިއްލަފުޅު ގޭތެރެއިން، އަރާ ހުންނެވި އޮޑި އިސްލާހު ކުރުމަށް ފަހު" އެފަދަ ވާހަކަތައް ދެއްކެވުން ރަނގަޅުވާނޭ ކަމަށް ވިދާޅުވެ، ޖުމްހޫރީ ގުޅުމުގެ ރަނިން މޭޓް ޑރ. ހަސަން ސައީދަށް ޕީޕީއެމްގެ ރަނިން މޭޓް ޑރ. މުހައްމަދު ޖަމީލު އަހުމަދު ބަހުގެ ހަމަލާއެއް ދެއްވައިފި އެވެ.
ޕީޕީއެމް އިން ނ. ހޮޅުދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމަށް އިޝާރާތް ކުރައްވައި ޑރ. ޖަމީލު ވިދާޅުވީ ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ބެލުމުގެ ކުރިން ފުރަތަމަ ބަލަންވީ ރިޔާސީ އިންތިހާބު ބޯމަތިވެފައި ވަނިކޮށް، އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ވިލާފައުންޑޭޝަންގެ ނަމުގައި ގާސިމް އިބްރާހީމް ބައްސަވާ ލެޕްޓޮޕްތަކާއި ޓީވީތަކުގެ މައްސަލަތައް ކަމަށެވެ.
ޑރ. ޖަމީލު ވިދާޅުވީ އިންތިހާބު އައުމަށް ކުޑަތަން ވެފައި ވަނިކޮށް ގޭގެއަށް ގޮސް ހަދިޔާ ބަދިޔާ ބަހާ އަދި ލެޕްޓޮޕާއި ޓީވީ ފަދަ އެއްޗެހި ދިނުމަކީ ރިޝްވަތުނޫން އެހެން އެއްޗެއް ނޫން ކަމަށެވެ. އަދި ޑރ. ހަސަން ސައީދު ބައްލަވަންވީ އެ މައްސަލަތައް ކަމަށެވެ.
"ކޮބާތޯ ކޮރަޕްޝަން ހުއްޓުވުމާ ބެހޭ ގާނޫނު. ކޮބާ އިލެކްޝަންސް ކޮމިޝަނުގެ ގާނޫނު. އެ ގާނޫނުގައި ވަރަށް ސާފުކޮށް ބުނެފައިވޭ އިންތިހާބަށް ނުފޫޒު ފޯރާގޮތަށް އެއްވެސް ރައްޔިތަކު އެއްވެސް ކަމެއް ކޮށްގެންނުވާނެ[ކަމަށް]. އަޅުގަނޑުމެން މި ދައްކަނީ ވެރިކަމަށް ވަޑައިގަންނަވަން މަސައްކަތްކުރާ ބޭފުޅެއްގެ ވާހަކަ. އެހެންވީމާ ޑރ. ހަސަން އަށް ދަންނަވާލަން ބޭނުން ވަނީ އެހެން އެއްވެސް ކަމެއް ބެލުމުގެ ކުރިން އަމިއްލަފުޅު ގޭތެރެއިން، އަރާ ހުންނެވި އޮޑި އިސްލާހު ކުރުމަށް ފަހު ދެން އެހެން ކަމަކަށް އެނބުރެން މަސައްކަތްކުރަމާ ހިނގާށޭ،" ޑރ. ޖަމީލު ވިދާޅުވި އެވެ.
ކުރީގެ ހޯމް މިނިސްޓަރު ޑރ. ޖަމީލު ހަސަން ސައީދަށް ރައްދު ދެއްވައި ވިދާޅުވީ އެ ބޭފުޅުން ބައްލަވާ ކަރަޕްޝަނުގެ މައްސަލައިގައި އެންމެ ފުރަތަމަ ޣަރަގުގުވެގެން ދާނީ ހަސަން ހުންނެވި އޮޑި ކަމަށެވެ.
"ޑރ. ހަސަން ސައީދަށް ދަންނަވާލަން ބޭނުން ވަނީ ކަރަޕްޝަން މައްސަލައެއް މަނިކުފާނު ބައްލަވަން ބޭނުންފުޅުވާ ނަމަ އެންމެ ފުރަތަމަ ގަރަގުވެގެން ދާނީ މިހާރު އަރާހުންނެވި އޮޑިއޭ،" ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓަށް އިޝާރާތް ކުރައްވައި ޖަމީލު ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ވިދާޅުވީ އެ މަނިކުފާނުގެ މައްޗަށް ތުހުމަތު ކުރާ 800 މިލިއަން ޑޮލަރުގެ މައްސަލަ ބެލުމަށް ކުރީގެ ސަރުކާރުން ބޭރުގެ ބޮޑެތި އޮޑިޓް ފާމުތަކާ ހަވާލުކޮށްގެން 15 ވަރަކަށް މިލިއަން ޑޮލަރު ހަރަދު ކުރި ކަމަށާއި ނަމަވެސް ނަތީޖާއަކީ "ސުމެއް" ކަމަށެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ ކުރީ ސަރުކާރުން ވެސް ތިޔަ ވިދާޅުވާ ފައިސާއެއް ހޯދެއްވުމަށް ކުރި މަސައްކަތުގެ އަގަކީ ރައްޔިތުންގެ ހަޒާނާއިން ގާތްގަނޑަކަށް 15 މިލިއަން ޑޮލަރު ހޭދަކުރި ކަމެކޭ. ލިބުނީ ސުމެއް. އެހެންވީމާ ދަންނަވާލަން ބޭނުން ވަނީ މިރަށަށް އައިމާ އެބަ އިނގެއޭ މިރަށް ކުނިނައްތާލާ ނިޒާމެއް އެބަ ބޭނުންވާކަން. މިރަށަށް އައީމާ އަޅުގަނޑުމެނަށް އެބަ އިނގޭ ކިތަންމެ ކުޑަ ވާރޭ ކޮޅެއް ވެހުނަސް މިރަށަކީ ފެންބޮޑުވާށެއް. މިރަށް ރަށުގެ ތަރައްގީއަށް ބޭނުންވާ ވަޒީފާ ނޫންތޯ މި ބޭފުޅުނަށް ވެރިކަން ލިބިވަޑައިގެންފި ނަމަ ކުރައްވާނީ،" ޔާމިން ވިދާޅުވި އެވެ.
ޔާމިން ވިދާޅުވީ އެ މަނިކުފާނާ މެދު ތުހުމަތު ކުރާ "ވަގު" ވިޔަފާރީގެ މައްސަލަ ކުރިއަށް ނުގެންގޮސް ހުއްޓާލާފައި ވަނީ އެމްޑީޕީ ސަރުކާރުން ކަމަށާއި ނަމަވެސް އެ މައްސަލަ ބެލުން ހުއްޓާލީ މިހާރުގެ ސަރުކާރުން ކަމަށް ޑރ. ހަސަން ވިދާޅުވަމުންދާ އިރު އެކަމުގެ ޒިންމާ ވެސް ނަންގަވަން ޖެހޭނީ އޭރު އެޑްވައިޒަރުނަށް ތިބި ބޭފުޅުންކަމަށެވެ.