01 Sep 2013, 08:47
ބަންގުލަދޭޝްއާ ދެކޮޅަށް ކުޅެ 2-0 އިން ނޭޕާލް މޮޅުވި މެޗުގައި ހުރިހާ ކުޅުންތެރިންވެސް ފެނިގެން ދިޔައީ، ބަތަލުންގެ ގޮތުގައި ކަމަށް ނޭޕާލްގެ އެމެރިކަން ކޯޗު ޖެކް ސްޓެފާނޯސްކީ ބުނެފި އެވެ.
ސާފް ޗެމްޕިއަންޝިޕް 2013ގެ ފުރަތަމަ މެޗުގައި އިއްޔެ ނޭޕާލް ޓީމުން އެންމެ ފާހަގަ ކޮށްލެވޭ ކުޅުންތެރައަކީ ކޮބައިތޯ ނޫސްވެރިން ސުވާލު ކުރުމުން ނޭޕާލް ކޯޗް ބުނީ ޓީމް މޮޅުވީ ވަކި ކުޅުންތެރިއަކު އެކަނި މަސައްކަތް ކޮށްގެން ނޫންކަމަށާއި ޓީމެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ކަމަށެވެ.
"ތީ ޖަވާބުދޭން ވަރަށް އުނދަގޫ ސުވާލެއް. މުޅި ޓީމްގެ ތެރެއިން މިވެނި ކުޅުންތެރިއަކީއޭ ހީރޯއަކީ ބުނަން ވަރަށް ދަތި. އަހަރެމެން ކުޅުނީ ޓީމެއްގެ ގޮތުގައި އެހެން ކަމުން ހުރިހާ ކުޅުންތެރިންނަކީ ވެސް މިއަދު ބަތަލުން،" އިއްޔެގެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ނޭޕާލް ކޯޗު ބުންޏެވެ.
ގާތް ގަނޑަކަށް 22،000 މީހުނަށް ވަދެވޭ ދަސަރަތު ސްޓޭޑިއަމްގައި ތޮއްޖެހިފައި ތިބި ސަޕޯޓަރުންނަށް އަމާޒުކޮް ޖެކް ބުނީ، އިއްޔެގެ ކާމިޔާބީގައި ކުޅުންތެރިންގެ އިތުރުން ސަޕޯޓަރުންގެ ހިއްސާވެސް ވަރަށް ބޮޑު ކަމަށާއި އެހެން ކަމުން ސަޕޯޓަރުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.
"އަހަރެެންގެ ވަށައިގެން ތިބި ސަޕޯޓަރުން މެދު ނުކެނޑި ދެމުން ގެންދިޔަ ތަރުހީބަކީ ޓީމަށް ލިބުނު އިތުރު ހިތްވަރެއް. އެހެން ކަމުން ސަޕޯޓަރުންނަނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" ކޯޗު ބުންޏެވެ.
އިއްޔެގެ މެޗުގައި ނޭޕާލް ކާމިޔާބު ކުރި ދެލަނޑުވެސް މެޗުގެ ފުރަތަމަ ހާފްގައި ކާމިޔާބު ކޮށްފައިވާ އިރު، ފަހުހާފުގައި ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ބަންގާޅު ޓީމުން ވަނީ، ނޭޕާލް ޓީމުން އިތުރަށް ނަތީޖާ ފުޅާ ކުރިޔަ ނުދީ ހިފަހައްޓާފަ އެވެ.
"އަހަރެމެން މޮޅުވީ. އެކަމަކު އެއީ ދެ ހާފްގެ މެޗެއް. ބަންގުލަދޭޝްއަށް މެޗުގެ ތެރެއަށް ވަދެވުނީ، ދެވަނަ ހާފުގަ. އަދި އެޓީމް ދެވަނަ ހާފްގައި ތަންކޮޅެއް ރަނަގަޅަށް ކުޅެ ފުރުސަތުތައް ތަނަވަސް ކުރި،" ނޭޕާލްގެ ކޯޗު ބުންޏެވެ. "ފުރަތަމަ މެޗުން މޮޅުވުމަކީ ވަރަށް މުހިއްމު ކަމެއް. އަހަރެމެން ބޭނުންވި ގޮތަށް ކުޅެ ތިން ޕޮއިންޓް ލިބިފައި މިވަނީ."
މުބާރާތުގައި ނޭޕާލް ހިމެނޭ ގްރޫޕް "އޭ" ފަޅީގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ނޭޕާލަށް އެންމެ އުނދަގޫ ވާނީ ކޮން ޓީމެއްތޯ ސުވާލު ކުރުމުން ކޯޗު ބުނީ އެއްވެސް ޓީމަކީ ފަސޭހަ ޓީމެއްގެ ގޮތުގައި ނުދެކޭ ކަމަށެވެ.
"އަހެން މިހާރު ބޭނުންވަނީ ތިންވަނަ ލަނޑެއް ކާމިޔާބު ކުރެވޭނެ ގޮތެއް ބަލަން. އަހަރެން މި މެޗާދޭތެރޭގައި ވަރަށް ހިތްހަމަ ޖެހޭ ދެން އޮތީ އިންޑިޔާއާއި ޕާކިސްތާން ކުޅޭ މެޗު ބެލުން. އެއަށްފަހު ޓީމު ރާވާނެ ގޮތެއް ވިސްނަންވީ،" ކޯޗު ބުންޏެވެ. "ގްރޫޕްގައި ހިމެނޭ ހުރިހާ ޓީމްތައްވެސް މުހިއްމު. އިދިކޮޅު ޓީމަކީ އިންޑިއާ ނުވަތަ ޕާކިސްތާން ކަމުގައިވީ ނަމަވެސް."
ގްރޫޕް ސްޓޭޖްގައި ނޭޕާލް ކުޅޭ ދެވަނަ މެޗުގައި އަންގާރަ ދުވަހު ހަވީރު ވާދަކުރާނީ، ޕާކިސްތާނާ ދެކޮޅަށެވެ.