ޓީމެއްގެ ގޮތުގައި ރަނގަޅަށް ކުޅެވުނު ނަމަ ނޭޕާލަށް ބަނގުލަދޭޝް ބަލި ނުކުރެވޭނޭ ކަމަށް ބަންގާޅު ޓީމްގެ ޑަޗް ކޯޗު، ލޮޑްވިކް ވެން ޑި ކުރުއިފް ބުނެފި އެވެ.

އޭއެފްސީ ޗެލެންްޖް ކަޕް ކޮލިފައިންގައި ބަންގާޅު އަތުން 2-0 އިން ނޭޕާލް ބަލިވި ދަނޑުގައި، ހަމަ އެ ނަތީޖާއިން ނޭޕާލް އަތުން ބަލިވި މެޗަށް ފަހު، ބަންގުލަދޭޝްގެ ކޯޗު ބުނީ މިއީ ނޭޕާލަށް ހިފޭ ރަނގަޅު ބަދަލު ހިފުމަކަށް ވާނޭ ކަމަށެވެ.

"އެމީހުންނަށް މިއީ ވަރަށް ރަނގަޅު ނަތީޖާއެއް. އަދި ރަނގަޅު ބަދަލު ހިފުމެއް،" ކުރުއިފް ބުންޏެވެ. "އަހަންނަކީ އެހީތެރިވެދޭން ހުންނަ މީހެއް. އަހަރެން ބުނާނީ، އަހަރެންގެ ޓީމް ރަނގަޅު ޝޭޕެއްގައި އޮތްނަމަ، ނޭޕާލަށް އަހަރެމެން ބައްޔެއް ނުކުރެވޭނެޔޭ."

އިއްޔެގެ މެޗުގެ ފަހު ހާފުގައި ތަންކޮޅެއް ރަނގަޅަށް ކުޅުނުތަން ފެނިގެން ދިޔަ ނަމަވެސް ފުރަތަމަ 30 ވަރަކަށް މިނިޓްގެ ތެރޭގައި ބަންގާޅުގެ ކުޅުން ފެނިގެން ދިޔައީ ވަރަށް ދަށް ކޮށެވެ. އަދި އެޓީމް ކޮަޅަށް ނޭޕާލުން ޖެހި ދެލަނޑުވެސް ކާމިޔާބުކޮށްފައި ވަނީ، މެޗުގެ ފުރަތަ ހާފްގަ އެވެ.

"އަހަރެމެން ކުޅުނީ މޮޅުވާން އަދި އެ ރޫހުގައި. އެކަމަކު މިއީ އަހަރެމެންގެ ދުވަހެއް ނޫން. އަދި މެޗުގެ ފުރަތަމަ 30 މިނިޓު އަހަރެމެންނަށް ވަރަށް ގޯސްކޮށް ދިޔައީ،" ކުރުއިފް ބުންޏެވެ. "އަހަރެމެން ކޮޅަށް ލަނޑު ވަދެފައިވަނީ، ޑިފެންސިވް އެރާއެއްގެ ސަބަބުން. މެޗުގައި އަހަރެމެންނަށް ހެދުނު ގޯސްތަކާ ދޭތެރޭގައި މާދަމާ މަޝްވަރާކުރާނަން. އަދި ބަލިވި މެޗު ހަނދާން ނައްތާލާފައި ކުރިއަށް އޮތް މެޗަށް ތައްޔާރު ވާނީ."

ބަންގުލަދޭޝް ޓީމުގެ ކޯޗު ބުނީ، އެ ޓީމް މެޗަށް ނުކުތީ ވަރަށް ފުރިހަމަ އަށް ތައްޔާރު ވެގެން ކަމަށާއި، އަދި އެފަދަ ނަތީޖާއެއް ނުކުތުމުން ވަރަށް ބޮޑަށް މާޔޫސްވި ކަމަށެވެ.

"އަހަރެމެން މުބާރާތަށް ވަރަށް ބޮޑަށް ތައްޔާރުވިން. އަދި ވަރަށް ރަނގަޅު ހިޔާލުތަކާ އެކު ވަރަށް ބުރަކޮށް މަސައްކަތް ކުރިން. އަދި ޒަމާނީ ފުޓްބޯޅަ ކުޅުމަށްޓަކައި ކުޅުންތެރިން ބޭނުންވި ހުރިހާ ކަމެއް ކޮށްދިނިން. އެހެން ކަމުން މި ނަތީޖާއަކީ މާޔޫސްވާ ފަދަ ނަތީޖާއެއް،" ބަންގާޅުގެ ޑަޗް ކޯޗު ބުންޏެވެ.

ނޭޕާލްގެ ސަޕޯޓަރުން ފުރި ބާރުވެފައިވާ ސްޓޭޑިއަމްގައި ބަންގާޅު ބަލިވި މެޗަށްފަހު އެ ޓީމްގެ ކޯޗު ބުނީ، އެހާ ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި މެޗަކުން މޮޅު ވެވުމަކީ އިދިކޮޅު ޓީމަށް ވަރަށް ދަތި ކަމަކަށް ވާނޭ ކަމަށެވެ.

ބަންގާޅު ޓީމުގެ ބައެއް ކުޅުންތެރިންނަށް ރީނދޫ ކާޑުތަކެއް ދައްކާަފައި ވާތީ، އިއްޔެގެ މެޗުގެ ރެފްރީ، ޖޯޑަންގެ އަދްހަމް މުހައްމަދުގެ ބައެއް ނިންމުން ތަކަށްވެސް ކުރުއިފް ވަނީ، ފާޑު ކިޔާފަ އެެވެ.

"އަހަންނަކަށް ނޭނގެ އަހަރެންގެ ޓީމުގެ ކުޅުންތެރިންނަށް ރީނދޫ ކާޑި ދައްކަް ޖެހުނީ ކީއްވެ ކަމެއް. މީއީކީ ކާޑު ދައްކައިގެ ން އަހަރެން ޝަކުވާ ކުރަނީކީ ނޫން،" ބަންގާޅު ޓީމުގެ ކޯޗު ބުންޏެވެ.

ކުރައިފް ބުނީ، މެޗު ނިމެން ކައިރިވެފައި ވަނިކޮށް، އެޓީމުގެ ގޯލްކީޕަރަށް ނޭޕާލްގެ ކުޅުތެރިއަކު ވަރަށް ނުރައްކާތެރި ފައުލެއް ކުރުމުންވެސް ރެފްރީއަށް އެ މަންޒަރު ނުފެންނަ ކަމަށެވެ.