"މާލޭ ޓީވީ"ގެ ނަމުގައި ބަޔަކު ޓީވީ ސްޓޭޝަނެއް ގާއިމުކޮށް މަހެއްހާ ދުވަހުގެ ތެރޭގައި ހިދުމަތްދޭން ފެއްޓޭވަރު ވާނެ ކަމަށް އެ ސްޓޭޝަން އޮޕަރޭޓް ކުރާ ފަރާތުން ބުނެފި އެވެ.


ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން އެ އޮޕަރޭޝަނުގައި އިސްކޮށް އުޅުއްވާ ހުސައިން އާދިލް މިއަދު ވިދާޅުވީ، ހަބަރާއި މުނިފޫހިފުލުވުމުގެ ޕްރޮގްރާމްތަކަށް ހާއްސަކޮށްފައިވާ ސްޓޭޝަނުގެ ހިދުމަތް ފުރަތަމަ ދޭނީ ފިއުޗާ ޓީވީ އަށް ދީފައިވާ ފްރީކްއަންސީ މެދުވެރިކޮށް ކަމަށެވެ.


އޭނާ ވިދާޅުވީ 24 ގަޑި އިރަށް ޓްރާންސްމިޝަން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ސްޓޭޝަނުގައި މިހާރު ކުރިއަށް ދަނީ ސްޓޭޝަންގެ އަޕްގްރޭޑިން މަސައްކަތްތައް ކަމަށެވެ.


"މާލޭ ޓީވީގެ ކޮންޓެންޓް ފިއުޗާ ޓީވީ އަށް ޕްރޮވައިޑް[ ފޯރުކޮށްދިނުން]ކޮށް ދިނުމާ ގުޅިގެން ފިއުޗާ ޓީވީގެ އިންފްރާސްޓްރަކްޗާއެއްކޮށް ބަދަލުކޮށް އަދި އަޕްގްރޭޑިން މަސައްކަތްތައް މިހާރު ކުރިއަށް މިގެންދަނީ. އެއަށް ފަހު ސްޓޭޝަނަށް ބޭނުންވާ އިތުރު މީހުން ތަމްރީން ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނަން،" 24 ގަޑިއިރަށް ލައިސަންސް ނަގާފައިވާ ސްޓޭޝަނާ ބެހޭ ގޮތުން އާދިލް ވިދާޅުވި އެވެ.


އޭނާ ވިދާޅުވީ ސްޓޭޝަނުގެ ހިދުމަތް ފެށޭ އިރު ފުރަތަމަ ހިދުމަތް ލިބޭނީ މާލެ އާއި މާލެ ކައިރީ ރަށްތަކަށް ކަމަށާއި ނަމަވެސް ކުރިއަށް އޮތް ތާނގައި ރާއްޖޭގެ އެކި އަތޮޅުތަކަށް އެ ޓީވީގެ ސިގުނަލް ލިބޭނެ ކަމަށެވެ.


އާންމުކޮށް ފިލްމާއި ލަވަ މިހާރު ފޮނުވަމުން އަންނަ ސްޓޭޝަނުގެ ހިދުމަތް މިހާރު ހަމައެކަނި ލިބެނީ ބީ ނެޓުން އެކަންޏެވެ. ނަމަވެސް އާދިލް ވިދާޅުވީ ވަރަށް އަވަހަށް މީޑިއާ ނެޓް މެދުވެރިކޮށް ވެސް އެ ސްޓޭޝަނުގެ ހިދުމަތް ލިބޭނެ ކަމަށެވެ.


އާދިލް ވިދާޅުވީ ފިއުޗާ ޓީވީން ޓެސްޓް ސިގްނަލް ދޫކުރަމުން ދާތާ މަހެއްހާ ދުވަސް ވެފައިވާ ކަމަށެވެ.


އޭނާ ވިދާޅުވީ ފަށާއިރު ފިއުޗާ ޓީވީ މެދުވެރިކޮށް ސްޓޭޝަނުގެ ހިދުމަތް ދޭން ފެއްޓި ނަމަވެސް މާލޭ ޓީވީގެ ނަމުގައި ފްރީކްއެންސީ ލައިސަންސަށް އެދޭނެ ކަމަށާއި ފަހުން އޮޕަރޭޓް ކުރާނީ އެ ނަމުގައި ކަމަށެވެ. ­­


މާލޭ ޓީވީ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާނީ ކޮން ބައެއް ކަމެއް އަދި ފައިނޭންސް ކުރަނީ ކޮން ބައެއް ކަމެއް އާދިލް ވިދާޅެއް ނުވި އެވެ. ނަމަވެސް ސަން އޮންލައިނަށް އެނގިފައިވާ ގޮތުގައި އެ ސްޓޭޝަން ވުޖޫދަށް ގެނައުމުގައި އިސްކޮށް އުޅުއްވަނީ ދިއެފްއެމްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ އަހުމަދު ސަލީމެވެ.