31 Aug 2013, 22:16
ދިމިޝްޤު (އޮގަސްޓް 31): ސޫރިޔާގައި ކެމިކަލް ހަތިޔާރުން ދީފައިވާ ކަމަށްބުނާ ޙަމަލާތަކާ ބެހޭ ތަޙްޤީޤްތައްކުރާ އދ.ގެ ޓީމު މަސައްކަތް ނިންމާލުމަށް ފަހު ދިމިޝްޤުން ފުރައިފި އެވެ.
މިކަން ހާމަކުރައްވަމުން އދ.ގެ ތަރްޖަމާނަކު ވިދާޅުވީ އދ.ގެ ޓީމު މަސައްކަތް ނިންމާލުމަށް ފަހު ދިމިޝްޤުން ފުރައިގެން ލުބްނާނުގެ ވެރިރަށް ބައިރޫތަށް ގޮސްފައިވާ ކަމުގަ އެވެ. އދ. ގެ ތަޙްޤީޤް ޓީމު ސޫރިޔާގައި މައިގަނޑުގޮތެއްގައި ކޮށްފައި ވަނީ ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވާ ކަމަށްބުނެވޭ ދިމިޝްޤުގެ ޣޫތާ ސަރަހައްދާއި އެނޫން ބައެއް ސަރަހައްދުތަކުގެ ބިމުންނާއި ކެމިކަލް ހަތިޔާރުގެ އަސަރުކޮށްފައިވާ ކަމަށް ބެލެވޭ މީހުންގެ ލެއިން ސާންޕަލް ނެގުމުގެ މަސައްކަތް ކަމަށް ޚަބަރު ލިބެ އެވެ. މީގެ އިތުރުން ކެމިކަލް ހަތިޔާރާ ބޭނުންކޮށްފައިވާ ކަމުގެ އެއްވެސް ނިޝާނެއް ނޫނީ ދަލީލެއް ފެންނަންހުރިތޯ ވެސް އދ.ގެ ޓީމުން ބަލާފައިވާ ކަމަށް އދ.ގެ ތަރްޖަމާން ވިދާޅުވި އެވެ.
ދިމިޝްޤުގެ ޣޫތާ ސަރަހައްދަށް ކެމިކަލް ހަތިޔާރުން ދިން ޙަމަލާގައި 1300 މީހުން މަރުވެފައިވާ ކަމަށް ސޫރިޔާގެ އިދިކޮޅު ފަރާތްތައް ބުނެފައިވެ އެވެ. އދ. ގެ އިސްމަސްއޫލުވެރި އަކު އިއްޔެ ވިދާޅުވެފައި ވަނީ ތަޙްޤީޤް ޓީމު ސޫރިޔާ އިން ނަގާފައިވާ ސާމްޕަލްތައް ތަޙްލީލު ކުރުމަށް މަދުވެގެން ދެހަފްތާގެ މުއްދަތެއް ނަގާނެ ކަމުގަ އެވެ. މިސާމްޕަލްތައް ތަޙްލީލު ކުރުމުން ސޫރިޔާގައި ކެމިކަލް ހަތިޔާރުން ޙަމަލާއެއްދީފައިވާކަން ނުވަތަ ނޫންކަން އެނގިގެން ދިޔަ ނަމަވެސް ކެމިކަލް ހަތިޔާރުން ޙަމަލާދިނީ ކޮންފަރާތަކުންކަން ކަށަވަރުކުރުމަކީ ކުރަން ވަރަށް ދަތިވާނެ ކަމެއްކަމަށް ކަމާ ބެހޭ މާހިރުން ވިދާޅުވެ އެވެ. (ބީ.ބީ.ސީ)