31 Aug 2013, 22:07
ޖުމްހޫރީ ގުޅުމުގެ ވެރިކަމެއްގައި ހަ މަސް ދުވަހުގެ ތެރޭގައި ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އަނބުރާ ފޮނުވާލާނެ ކަމަށް ގާސިމް އިބްރާހީމްގެ ރަނިންމޭޓް ޑރ. ހަސަން ސައީދު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ގުޅުމުން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޑރ. ހަސަން ސައީދު ވިދާޅުވީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދައި އެމީހުން އަނބުރާ ގައުމަށް ފޮނުވާލާނީ ސަލާމަތީ ބާރުތަކުގެ އެހީގައި ކަމަށެވެ.
"ދިވެހި ރާއްޖޭގެ ސަލާމަތީ ބާރުތައް ބޭނުންކޮށްގެން ގާނޫނާ ގަވާއިދާ ޚިލާފަށް ތިބި ހުރިހާ އެންމެން ހޯދައި ކޮންމެ ޚަރަދެއްގައި ނަމަވެސް އެމީހުން ގައުމަށް އަނބުރާ ގައުމަށް ފޮނުވާލުން. އެއީ އަޅުގަނޑުމެންގެ ވައުދެއް. އެކަން ކުރަން އަޅުގަނޑުމެން ފުރަތަމަ ދުވަހުން ފެށިގެން ފަށާނަން. އަޅުގަނޑުމެންނަށް ލަފާ ކުރެވޭ ގޮތުގައި ހަ އެއްކަ މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާލެވޭނެ،" ޑރ. ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އަނބުރާ ފޮނުވާލުމަށް ފަހު އެފަދަ ގޮތަކަށް އިތުރަށް ބިދޭސީން އަޔަނުދިނުމަށް ޓަކައި ވެސް އެ ގުޅުމުގެ ސަރުކާރެއްގައި މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން ހަރުދަނާ ބޯޑާ ކޮންޓްރޯލް ސިސްޓަމެއް ގާއިމް ކުރުމާއި ރާއްޖޭގެ ބަނދަރުތައް ބައިނަލްއަގުވާމީ ފެންވަރަށް މޮނިޓާ ކުރުމަކީ ޖުމްހޫރީ ގުޅުމުގެ ސަރުކާރުން ކުރާނެ ކަމެއް ކަމަށް ވެސް ހަސަން ސައީދު ވިދާޅުވި އެވެ.
ހަރުދަނާ ބޯޑާ ކޮންޓްރޯލް ސިސްޓަމެއް ގާއިމް ކުރުމަށް ނިންމާފައި ވަނީ އެމެރިކާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މިހާރު ގާއިމްކޮށްފައިވާ ސިސްޓަމްގައި މައްސަކަތަކެއް ހުރުމުންތޯ ދެންނެވުމުން ހަސަން ސައީދު ވިދާޅުވީ މިހާރު ގާއިމްކޮށްފައިވާ ސިސްޓަމާ ބެހޭ ގޮތުން އެއްޗެއް ދެންނެވޭނީ އެ ސިސްޓަމް ދިރާސާ ކުރެއްވުމަށް ފަހު ކަމަށެވެ.
މިއަދުގެ ނިވްސް ކޮންފަރެންސްގައި ޖުމްހޫރީ ގުޅުމުގެ ސަރުކާރުގެ އިގްތިސީދީ ސިޔާސަތާ ބެހޭ ގޮތުން ކަމާ ގުޅުން ހުރި ފަންނީ ބޭފުޅުން މެދުވެރިކޮށް ވަނީ މައުލޫމާތު ދެއްވާފަ އެވެ.