ނ. މަނަދޫއިން މުރުޝިދު އަބްދުލްހަކީމް

ޕީޕީއެމް ސަރުކާރެގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އެންމެ ފުރަތަމަ "ޒިޔާރަތްކުރާ" އަތޮޅަކަށް ނ. އަތޮޅު ވެގެންދާނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ނ. އަތޮޅުގެ ބައެއް ރަށްތަކަށް ޕީޕީއެމް އާއި އެމްޑީއޭގެ ކޯލިޝަނުން ކުރަމުންދާ ކެމްޕެއިން ދަތުރުގައި މި އަތޮޅު މަނަދޫގައި ވަޑައިގެން ޔާމިން ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ތިއްބެވި ކެންޑިޑޭޓުންގެ ތެރެއިން އެހެން އެއްވެސް ކެންޑިޑޭޓަކަށް ނުގެންދެވޭނެ ފަދަ ތަރައްގީއެއް ޕީޕީއެމްގެ ސަރުކާރެއްގައި ގެނެސްދެއްވާނެ ކަމަށެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ އިރާދަކުރެއްވިޔާ ރައީސް މައުމޫނުގެ ސަރުކާރުގައި ނ. އަތޮޅަށް އެ ބެހެއްޓި ހާއްސަ އިހްތިރާމް، ނުވަތަ ހާއްސަ ގަދަރު ނުވަތަ، ހާއްސަ ޝައުގުވެރިކަން، މިފަހަރު ﷲގެ ރަހްމަތްފުޅުން ޕީޕީއެމް ސަރުކާރެއް މިންވަރު ކޮށްދެއްވައިފިނަމަ އެކަން އޮންނާނެއޭ، އެހެން އެއްވެސް ރިޔާސީ ކެންޑިޑޭޓެއްގެ ސަރުކާރެއްގައި ނުގެނެވޭފަދަ ތަރައްގީ އަޅުގަނޑުމެން އިރާދަކުރެއްވިޔާ ގެންނާނަނަމޭ،" ޔާމިން ވިދާޅުވި އެވެ.

ނ. އަތޮޅަށް ބޮޑު ތަރައްގީއެއް އަންނަން ޖެހޭ ސަބަބުތައް ތަފްސީލުކޮށްދެއްވަމުން ޔާމިން ވިދާޅުވީ އެމްޑީއޭގެ ލީޑަރު މުހައްމަދު ސިޔާމް އަހުމަދާއި އެ ޕާޓީގެ ނައިބު ލީޑަރު އަލީ މައުރޫފަކީ ނ. އަތޮޅަށް ނިސްބަތްވާ ބޭފުޅުން ކަމަށް ވުމުން ނ. އަތޮޅަށް ތަރައްގީ އަންނަންޖެހޭ ކަމަށެވެ.

"ނ. އަތޮޅަށް މި ތަރައްގީ ގެނަން ޖެހޭ ސަބަބުތައް ވަރަށް ގިނަގުނަ. އަޅުގަނޑުމެން ކޯލިޝަނުގެ ލީޑަރަކީ އަދި ނައިބު ލީޑަރަކީ ވެސް ނ. އަތޮޅު ބޭފުޅުން. އަދި ހަމަ އެހެންމެ އަޅުގަނޑަކީ ވެސް ނ. އަތޮޅު މީހެއް. މި ކަހަލަ އެތައް ސަބަބެއް ހުރުމާއި އެތަކެއް ޒަމާންތަކެއް ވަންދެން ނ. އަތޮޅުގެ ގޮނޑި ފުރުމުގެ ޝަރަފް ނ. އަތޮޅުގެ ރައްޔިތުން ދިނުމާއެކު ވެސް، އަޅުގަނޑުމެންގެ ސަރުކާރެއްގައި ނ. އަތޮޅަކީ ތަރައްގީގެ މަޝްރޫއުތަކުގައި އެންމެ ފުރަތަމަ ޒިޔާރަތްކުރާ ރަށަކަށް ވެގެންދާނެ. އެއީ ޝައްކެތް ވެސް އޮތް ކަމެއް ނޫން،" ޔާމިން ވިދާޅުވި އެވެ.

ޔާމިން އިތުރަށް ވިދާޅުވީ އެމަނިކުފާނު ބޭނުންވަނީ ރާއްޖޭގެ ހުރިހާ ސަރައްދަކަށް ތަރައްގީ ގެނައުން ކަމަށާއި އެމަނިކުފާނު ހޮއްވަވައިފި ނަމަ ވޯޓު "ތަރައްގީ ގައިމު" ވެގެންދާނެ ކަމަށެވެ.

މަނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަމުން ޕީޕީއެމްގެ ރައީސް މައުމޫން ވިދާޅުވީ މިގައުމަށް ތަރައްގީއެއް ގެނެވޭނެ އަދި އިގުތިސާދު ހަމައަކަށް އެޅުވޭނެ ކެންޑިޑޭޓަކީ އަބްދުﷲ ޔާމިން ކަމަށެވެ. އެމްޑީއޭގެ އިން ޕީޕީއެމްއަށް ގުޅުމުން ނ. އަތޮޅުގެ ސަޕޯޓް ޔާމިނަށް އިތުރުވެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.