މާކަންޓައިލް ކޯޓެއް (ވިޔަފާރި އާއި ބެހޭ ކޯޓެއް) ގާއިމް ކުރުމުގެ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ވައްދައިފި އެވެ. މާކަންޓައިލް ކޯޓެއް ގާއިމް ކުރުމުގެ ބިލް މަޖިލީހަށް ވެއްދީ 2011 ވަނަ އަހަރު ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ އެވެ.

މާކަންޓައިލް ކޯޓުގެ ބިލްގައިވާ ގޮތުން "މާކަންޓައިލް ކޯޓް"ގެ މަގުސަދަކީ ގާނޫނު ގަބޫލުކުރާ ގުޅުމަކުން ގުޅިފައިވާ ދެ ފަރާތުގެ ދެމެދުގައި ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކުގެ މެދުގައި ހިނގާ ވިޔަފާރީގެ މުއާމަލާތްތަކާއި ގުޅޭ ގޮތުން އުފެދޭ މައްސަލަތައް ހައްލުކުރުމަށް ތަހުސީސްވެގެންވާ ކޯޓެއް ގާއިމް ކުރުމެވެ. އަދި ދިވެހިރާއްޖޭގައި ނުވަތަ ދިވެހިރާއްޖޭގެ ފަރާތްތަކާއިއެކު ވިޔަފާރީގެ މުއާމަލާތްތައް ހިންގާ ފަރާތްތަކުގެ ކުރިމަތީގައި ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމުގެ އިތުބާރު އާލާކޮށް ދިވެހިރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކަށް އެކަށޭނެ ރައްކާތެރިކަން އޮތް ކަމުގެ ޔަގީންކަން ލިބިދިނުމަށް މަގުފަހި ކުރުމަކީ ވެސް އެ އެ ބިލްގެ މަގުސަދެއް ކަމަށް ބުނެފައިވެ އެވެ.

އެ ބިލްގައި ބުނެފައިވާ ގޮތުން "މާކަންޓައިލް ކޯޓް" އަކީ ކޯޓުތަކާއި ބެހޭ ގާނޫނުގެ 52 މާއްދާގެ (ށ) ގެ ދަށުން އުފައްދާފައިވާ ސުޕީރިއާ ކޯޓުތަކާއި އެއް ދަރަޖައެއްގެ ކޯޓެކެވެ. އަދި އެ ކޯޓު ގާއިމް ކުރެވިގެން ދާނީ މާލޭގަ އެވެ. އަދި އެ ކޯޓުގައި ތިބޭނީ ހަތް ފަނޑިޔާރުންނެވެ.

"މާކަންޓައިލް ކޯޓް" ގެ ބިލްގައި ބުނެފައިވާ ގޮތުން އެ ބިލް ގާނޫނަކަށްވެ އަމަލުކުރަންފަށާ ތާރީހުން ފެށިގެން ސިވިލް ކޯޓުން ބަލަމުންއައި މައްސަލަތަކުގެ ތެރެއިން މާކަންޓައިލް ޚޯޓުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ މައްސަލަތަކާއި މުވަޒަފުން އެ ކޯޓަށް ބަދަލުވެގެންދާނެ އެވެ.

މާކަންޓައިލް ކޯޓުން ބަލާ މައްސަލަތައައް ހަ ޑިވިޝަނަކަށް ބަހާލާފައިވެ އެވެ. އެއީ ކޮންސްޓްރޮކޮޝަން ޑިވިޝަން، ބޭންކިން އެންޑި ފައިނޭންޝަލް ސާވިސް ޑިވިޝަން، ޓޫރިޒަމް ޑިވިޝަން، އިންވެސްޓްމެންޓް ޑިވިޝަން، ގުޑުސް އެންޑު ސާވިސަސް ޑިވިޝަން، ޕްރޮޕްރައޓަރީ ޑިވިޝަން އެވެ.

"މާކަޓައިލް ކޯޓް" ގެ ބިލްގައި ބުނެފައިވާ ގޮތުން ވިޔަފާރީގެ މައްސަލަތަކުގެ ތެރެއިން އެ ކޯޓަށް އިހްތިސާސް ލިބިގެންވާ މައްސަލަތަކަކީ ފަތުރުވެރިކަން، ކޮންސްޓްރޮކްޝަން، ބައިނައްލަޢުވާމީ ވިޔަފާރި، އިންޝުއަރެންސް، ވައިގެ ދަތުރުފަތުރު، މެރިޓައިމް، ޝިޕިން، ބޭންކިން އާއި މާލީ ހިދުމަތް، ފައިނޭންސް ލީޒިން، ސެކިޔުރިޓީޒް، ފިކުރީ މުދަލުގެ ހައްގުތައް، މަސްވެރިކަން، ކުންފުނި، ޕާޓްނާޝިޕް، އަދި ޕްރޮފެޝަނަލް ލައިބިލިޓީގެ މައްސަލަތަކެވެ.

ބިލްގައި ބުނެފައިވާ ގޮތުން 15،000،000 މިލިޔަން ރުފިޔާއިން ފެށިގެން މަތީގެ އަދަދުގެ ފައިސާ ހިމެނޭ ނުވަތަ އެ އަގުތަކުގެ މުދާ ހިމެނޭ މައްސަލަތައް ވެސް ބަލާނީ އެ ކޯޓުންނެވެ. އެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ކޮންޓްރެކްޓް، މައްސަލަތަކާއި މުދާ ވިއްކުމާއި ހިދުމަތް ފޯރުކޮށްދިނުން، އަދި މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތަށް ހިމާޔަތް ކުރުން، އެ ކޯޓުގެ އިހްތިސާސްގެ ތެރޭގައި ހިމެނެއެވެ.

މާކަންޓައިލް ކޯޓުގެ ބިލުގައި ބުނެފައިވާ ގޮތުން އެ ކޯޓަށް ހުށަހަޅާ މައްސަލަތައް ބަލައި ހުކުމް ކުރުމަށްޓަކައި ކޮމަން ލޯ ނިޒާމްގެ އުސޫލުތަކާއި އެއްގޮތަށް ޝަރުއީ ނިޒާމް ހިންގާ ބޭރު ގައުމުތަކުގެ ފަނޑިޔާރުން އެ ކޯޓަށް ކޮންޓެރެކްޓް އުސޫލުން ގެނެވިދާނެ އެވެ. އަދި އެ ފަނޑިޔާރުންގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ ބިލް ގާނޫނަކަށްވެ އަމަލު ކުރަންފަށާ ތާރީހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން އެ މަޖިލީހުންނެވެ.

ބިލްގައި ބުނެފައިވާ ގޮތުން މާކަންޓައިލް ކޯޓަށް ހުށަހެޅޭ މައްސަލަ ތަކުގައި އެ މައްސަލައެއްގައި ހިމެނޭ ހަސްމުން ހެކިބަސް ދިނުމަށް ހުށަހަޅާ މީހުންގެ ހެކިބަސް ނުވަތަ ކޯޓުން ކަނޑައަޅާ ފަރާތެއްގެ ނުވަތަ ފަރާތްތަކެއްގެ ހެކިބަސް ޓެލެފޯން ނުވަތަ ވީޑިއޯ ނުވަތަ އެ ނޫންވެސް މުވާސަލާތީ ވަސީލަތްތައް މެދުވެރިކޮށް ނެގުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެ އެވެ.

މާކަންޓައިލް ކޯޓުގެ ބިލްގައިވާ ގޮތުން އެ ކޯޓަށް އެ ފަރާތަށް ވުރެ ގިނަ ފަރާތް އެކުވެގެން އެއް މައްސަލަ އެއްގެ ގޮތުގައި ވެސް އެ ކޯޓަށް މައްސަލަ ހުށަހެޅޭނެ އެވެ. އެގޮތުން އެއް އަމަލެއް އެއް މުއާމަލާތެއްގައި ބައިވެރިވެފައިވާ މީހުންގެ މައްޗަށް ހުށަހަޅާ މައްސަލަތަކުގައި ދައުވާކުރާއިރު ކޮންމެ މީހެއްގެ މައްޗަށް ކުރާ ދައުވާ ޝަރީޢަތުގައި ވަކިވަކިން ނުވަތަ އެކުގައި ވެސް ހުށަހެޅިދާނެ އެވެ.

މާކަންޓައިލް ބިލްގައި އިތުރަށް ބުނެފައިވާ ގޮތުން އެ ކޯޓުގައި ރާއްޖޭން ބޭރުގެ ވަކީލުންނަށް ވެސް ވަކާލާތު ކުރެވިދާނެ އެވެ. އެފަދަ ވަކީލުންނަށް އެ ކޯޓުން ހަދާ ގަވާއިދެއްގެ ދަށުން ހާއްސަ ހުއްދަ އެއް ދޫލުރަން ޖެހޭނެ އެވެ. އަދި ރާއްޖެއިން ބޭރުގެ ވަކީލުންނަށް އެ ކޯޓުގައި ވަކާލު ކުރެވޭނީ މާކަންޓައިލް ކޯޓުން ދޫކުރާ ހުއްދައެއްގެ ދަށުންނެވެ.