ސްރީލަންކާގެ އެސް.ޓީ.އެފް ކޭމްޕުން ސްވޮޓް ޓްރޭނިން ފުރިހަމަކުރުމަށް ފަހު ދިވެހި ފުލުހުންގެ ސްވޮޓް ޓީމް މާލެ އަތުވެއްޖެ އެވެ.

ލަންކާގައި މި ޖޫން މަހުގެ 23 އިން ފެށިގެން 10 ހަފްތާގެ މުއްދަތަށް ކުރިއަށް ދިޔަ ޕްރޮގްރާމުގެ ނިމުން ފާހަގަކުރުމަށް އިއްޔެ ލަންކާގެ އެސްޓީއެފް ކޭމްޕްގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހި ޕޮލިސް ކޮމިޝަނާ އަބްދުﷲ ރިޔާޒު އެވެ.

ރާއްޖެއިން މިތަމްރީނުގައި ބައިވެރިވި 24 ފުލުހުން ވެސް ވަނީ ކާމިޔާބުކަމާ އެކު ތަމްރިނު ފުރިހަމަކޮށްފަ އެވެ.

މި ތަމްރީނު ފުރިހަމަކުރުމަށްފަހު ސްވޮޓް ޓީމް ރޭ މާލެ އައުމުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ވަނީ އެ ފުލުހުންނާ ބައްދަލުކުރައްވާފަ އެވެ.

އެގޮތުން ޝަޙީދު ހުސައިން އާދަމް ބިލްޑިންގެ ކޮންފަރެންސް ރޫމުގައި އެފުލުހުންނާ ބައްދަލުކުރައްވާ ހުސެން ވަހީދު ދެއްކެވި ވާހަކަފުޅުގައި ސްވޮޓް ޓީމަކީ ކޮންމެ ގައުމެއްގެ ވެސް ފުލުހުންގެ ތެރޭގައި އޮންނަ އެންމެ އެލީޓް ފޯސް ކަމަށާއި އަދި އެފުލުހުންނަށް ދެވުނު ތަމްރީނަކީ މިސަރަހައްދުގައި ދެވޭ އެންމެ ފުރިހަމަ ތަމްރީނު ކަމަށް ވިދާޅުވި އެވެ.

އެސްޓީއެފް ކޭމްޕުގެ ފަރާތުން މި ތަމްރީނުގައި ބައިވެރި ދިވެހި ފުލުހުންނާގުޅޭ ގޮތުން ވަރަށް ރަނގަޅު ފީޑްބެކް ލިބިފައިވާ ކަމަށް ވިދާޅުވެ ހުރިހާ ފުލުހުންނަށް މަރުހަބާ ވިދާޅުވި އެވެ.

މިބައްދަލުވުމުގައި ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑުގެ ހެޑް އަދި އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް މިހާރު ކުރިއަށްދާ އޮޕަރޭޝަން "ބްލޫ ވޭވް"ގެ ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ސައުދީ ވެސް ބައިވެރިވެވަޑައިގެންފައިވެ އެވެ.

ފުލުހުންގެ ސްވޮޓް ޓީމަކީ ނުރައްކާތެރި ހާލަތްތަކުގައި މީހުންގެ ފުރާނަ ސަލާމަތްކުރުމުގެ ކުޅަދާނަކަމާއި ގާބިލްކަން ލިބިދިނުމަށް ހާއްސަ ތަމްރީނުތަކެއް ދީފައިވާ ސްޕެޝަލިސްޓް އޮޕަރެޝަންސްގެ ޓީމެކެވެ.

އެގޮތުން އެ ޓީމް އާންމު ގޮތެއްގައި ހަރަކާތްތެރިވާނީ މީހުން ރަހީނުކޮށްގެން އުޅޭ ހާލަތްތަކުގަ އާއި ބޮޑެތި ހަމަނުޖެހުންތައް ހިނގައި މީހުންގެ ފުރާނައަށް ނުރައްކާވާފަދަ ހާލަތްތަކުގަ އެވެ. މީގެ އިތުރުން ވެސް ހާއްސަ ރައްކާތެރިކަން ބޭނުންވާ އިއްޒަތްތެރިންނަށް ސަލާމަތީ ގޮތުން ރައްކާތެރިކަން ފޯރުކޮށްދިނުން ފަދަ ކަންކަމުގައި ވެސް ސްވޮޓް ޓީމް ހަރަކާތްތެރިވާނެ އެވެ.