އޭފްސީ ޗެލެންޖް ކަޕް ކޮލިފައިންގައި ބަންގާޅު އަތުން 2-0 އިން ބަލިވި މެޗުގެ ބަދަލުހިފައި 2-0 އިން ބަންގާޅު ބަލިކޮށް ސާފް ޗެމްޕިއަންޝިޕްގައި ނޭޕާލް ފެށުން ރަނގަޅު ކޮށްފި އެވެ.

ސަރަހައްދުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ހުޅުވުގެ ގޮތުން ކަތަމަންޑޫގެ ދަސަރަތު ސްޓޭޑިއަމްގައި މިއަދު މުބާރާތް ބާއްވާ ގައުމާއި، ބަންގުލަދޭޝް ބައްދަލު ކުރި މެޗުގައި ނޭޕާލުން ވަނީ، ލަނޑު ޖަހާނޭ ގިނަ ފުރުސަތުތަކެއް އުފައްދާފަ އެވެ.

މެޗުގެ 17 ވަނަ މިނިޓުގައި ނޭޕާލަށް ބަންގާޅުގެ ގޯލް ހުޅުވާލަ ދިނީ، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި، އަނިލް ގުރުންގު އެވެ. އަނިލް އެ ލަނޑު ކާމިޔާބު ކުރީ ބަންގާޅުގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ނޭޕާލް ކުޅުންތެރިޔަކު ނަގައިދިން ހުރަހެއް ބޮލުން ޖަހައި ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ގާތްގަނޑަކަށް 22،000 ސަޕޯޓަރުންގެ ކުރިމަތީގައި ނޭޕާލުގެ ދެވަނަ ލަނޑު މެޗުގެ 31 ވަނަ މިނިޓުގައި ކާމިޔާބުކޮށް ދިނީ ބާރަތު ކަވާސް އެވެ. ބާރަތު އެ ލަނޑު ކާމިޔާބު ކުރީ ނޭޕާލަށް ލިބުނު ކޯނަރެއް ބަންގާޅުގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެޓީމުގެ ގޯލްގެ ތެރެއަށް ފޮނުވާލައިގެން ނެވެ.

ފަހު ހާފުގައި ނޭޕާލު ޓީމުން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ބަންގާޅު ޓީމުން ވަނީ، ޑިފެންސް ވަރުގަދަ ކޮށް އިތުރު ލަނޑެއް ނޭޕާލް ކާމިޔާބުކުރިޔަ ނުދީ ހިފަހައްޓާފަ އެވެ.

އަށްވަނަ ސާފް ޗެމްޕިއަންޝިޕް މުބާރާތް ރަސްމީކޮށް ހުޅުއްވައި ދެއްވީ ނޭޕާލްގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ރާމް ކުމާރު ސްރެޝްތާ އެވެ.

މުބާރާތުގެ ދެވަނަ މެޗުގައި މާދަމާ ހަވީރު ވާދަކުރާނީ ގްރޫޕް އޭ ގެ އިންޑިޔާއާއި ޕާކިސްތާން އެވެ. މެޗު ފަށާނީ މާލޭ ގަޑިން ހަވީރު 5:45ގަ އެވެ.