31 Aug 2013, 16:55
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބާ ދިމާކޮށް ފޭދިގެން ގޮސް ދެލިފިލާ ގަލަމެއް ވޯޓު ފޮށިތައް ކައިރީގައި ބަޔަކު ބެހެއްޓުމަށް މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތުތަކެއް ޕީޕީއެމް އިން ކޮށްފި އެވެ.
ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ތަރުޖުމާނު އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅުދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވީ ވޯޓު ކޮޅުގައި ފާހަގަ ޖެހުމުން "45 މިނިޓް ތެރޭ ފޭދިގެންދާ ކަހަލަ ދެއްޔެއް ހުންނަ ގަލަމެއް" ވޯޓު ފޮށިތައް ކައިރީ ބަހައްޓަން އުޅޭ ކަމަގެ މައުލޫމާތު އެ ޕާޓީ އަށް ލިބިފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މި އަންނަނީ މި ރިޔާސީ އިންތިހާބާ ގުޅިގެން އަޅުގަނޑުމެންގެ ކަންބޮޑުވުންތަކެއް ހުރިކަން ހާމަކުރަމުން. އެގޮތުން އަޅުގަނޑުމެންނަށް މީގެ ދުވަސްތަކެއް ކުރިން މައުލޫމާތު މި ލިބުނީ ވޯޓްލާ ދުވަހު ވޯޓު ފޮށިތައް ކައިރީ ގަލަންތަކެއް ބަހައްޓަން އުޅޭ ކަމަށް. އެ ގަލަމަކީ ފާހަގަ ޖެހުމުން 45 މިނިޓް ތެރޭ ފޭދިގެންދާ ކަހަލަ ދެއްޔެއް ހުންނަ ގަލަމެއް،" މަހުލޫފް ވިދާޅުވި އެވެ.
މިއަދުގެ ނޫސްކޮންފަރެންސުގައި މަހުލޫފު ވަނީ އެފަދަ ގަލަމެއް ނޫސްވެރިންނާ ވެސް ހިއްސާކޮށްފަ އެވެ. އޭނާ ވިދާޅުވީ އެ ޕާޓީ އަށް އެ ގަލަން ފޮނުވާފައި ވަނީ އެ ޕާޓީ އަށް ސަޕޯޓް ކުރާ މީހެއްގެ ފަރާތުން ކަމަށާއި އެހެންވެ، އިލެކްޝަންސް ކޮމިޝަނާއި އަދި އާންމުންގެ ސަމާލު ކަމަށް އެ މައްސަލަ ގެންނެވީ، އެކަމުގެ ސީރިއަސް ކަމުން ކަމަށެވެ. އަދި އެ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ރަސްމީކޮށް މިއަދު ހުށަހަޅުއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގަލަމާ ބެހޭ ގޮތުން މަހުލޫފް ވިދާޅުވީ އެފަދަ ގަލަމަކުން ވޯޓް ލެވިއްޖެ ނަމަ ފާހަގަ ފޮހެވިގެން ދިއުމުން ލާ ވޯޓް ބާތިލު ވެގެންދާނެ ކަމަށެވެ.
މަހުލޫފް ވިދާޅުވީ އެފަދަ ގަލަންތަކެއް ވޯޓް ފޮށިތައް ކައިރީގައި ބަހައްޓައިފި ނަމަ އެކަމުގެ ގެއްލުން ވެގެންދާނީ ހަމައެކަނި ޕީޕީއެމް އަށް ނޫން ކަމަށާއި ހުރިހާ ރިޔާސީ ކެންޑިޑޭޓުންނަށް ވެސް އެކަމުގެ ގެއްލުން ވެގެންދާނެ ކަމަށެވެ. އެހެން ކަމުން ހުރިހާ ރައްޔިތުންނާއި ޕާޓީތަކާއި އަދި ރިޔާސީ ކެންޑިޑޭޓުން އެ ކަމަށް ސަމާލު ވުމަށް މަހުލޫފް އިލްތިމާސް ކުރެއްވި އެވެ.