31 Aug 2013, 15:43
އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ މަގެއްގެ މަތީގައި ދުއްވަމުން ދިޔަ ބަހެއްގެ ތެރޭގައި ޒުވާން އަންހެން ކުއްޖަކު ރޭޕްކޮށް މަރާލި މައްސަލައިގެ ދައުވާ ލިބުނު ކުޑަކުއްޖެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ އެވެ.
މީގެ ނުވަ މަސް ދުވަސް ކުރިން ހިންގި އެ ޖަރީމާއާ ގުޅިގެން ދައުވާ އުފުލާފައިވާ ކުއްޖާގެ މައްޗަށް ދިއްލީ ޖްވެނައިލް ޖަސްޓިސް ބޯޑުން ހުކުމް ކުރީ ކުދިން އިސްލާހު ކުރުމަށް ގާއިމްކޮށްފައިވާ ގެއެއްގައި ތިން އަހަރު ދުވަހު ބެހެއްޓުމަށް ކަމަށް ޓައިމްސް އޮފް އިންޑިއާ ނޫހުން ބުންޏެވެ. ގޭންގް ރޭޕް ހާދިސާގައި ކުށްވެރިވާ ކަމަށް މިއަދު ހުކުމްކުރި ކުއްޖާ އަށް، އެ ހާދިސާ ހިނގި އިރު ވީ 17 އަހަރެވެ.
ކުޑަކުދިން ކުރާ ކުށްތަކަށް އިންޑިއާގައި އޮންނަ ގާނޫނު "ޖްވެނައިލް ޖަސްޓިސް އެކްޓް"ގައިވާ ގޮތުން ކުޑަކުއްޖަކަށް ދެވޭ އެންމެ ބޮޑު އަދަބަކީ އިސްލާހިއްޔާއެއްގައި ބަންދުކޮށްފައި ބެހެއްޓުމެވެ.
ދިއްލީގެ މަގެއްގެ މަތީގައި ދުއްވަމުން ދިޔަ ބަހެއްގެ ތެރޭގައި ހަ ފިރިހެނުން ވެގެން 23 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް، ލާއިންސާނީ އަނިޔާތައް ދިނުމުގެ ސަބަބުން އޭނާ މަރުވި ހާދިސާއަކީ މުޅި ދުނިޔެ ސިހުނު ހާދިސާއެކެވެ.
އެ ޖަރީމާގައި ޝާމިލުވާ މީހަކަށް މިހާ ލުއި އަދަބެއް އައުމުން އެގައުމުގެ އާއްމުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. ކުޑަކުއްޖެއް ކަމަށް ބަލާ އުމުރު 16 އަހަރަށް ދަށް ކުރުމަށް އިންޑިއާގެ ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.