31 Aug 2013, 14:58
އައްޑޫ ސިޓީގައި ޕެޓްރޯލު ވިއްކާ ތަންތަނުން ވެހިކަލްތަކަށް ޕެޓްރޯލު އަޅައިދިނުން ފިޔަވައި އެހެނިހެން ބޭނުންތަކަށް ވިއްކާ ޕެޓްރޯލު ގަންނަ ފަރާތްތަކުގެ މައުލޫމާތު ބެލެހެއްޓުމަށް އައްޑޫ ސިޓީ ކައުންސިލުން އަންގައިފި އެވެ.
އައްޑޫ ސިޓީގެ މޭޔަރު އަބުދުﷲ ސޯދިގު (ސޯބެ) މިއަދު ސަން އަށް ވިދާޅުވީ މާދަމަ އިން ފެށިގެން ޕެޓްރޯލު ވިއްކާ ފަރާތްތަކަށް އެެ ގޮތަށް އަމަލު ކުރުމަށް އެންގީ އެ ސިޓީގެ ސަލާމަތާއި ރައްކާތެރިކަން ޔަގީން ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކަމަށެވެ.
އޭނާ ވިދާޅުވީ އެކަމަކީ ސީދާ ރިޔާސީ އިންތިޚާބާ ދިމާކޮށް ކުރާ ކަމަކަށް ވިޔަސް އެ ސިޓީގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަން ޖެހޭ ކޮންމެ ކަމެއްް ކުރުމަކީ އެ ކައުންސިލުން އަބަދު ވެސް ކުރާނެ ކަމެއް ކަމަށެވެ.
ސޯބެ ވިދާޅުވީ އެ ސިޓީގެ ބައެއް ގޭގައި ޕެޓްރޯލު ޝެޑް ހަދައިގެން ޕެޓްރޯލު ވިއްކަމުންދާ ކަމަށާއި އެކަމަކީ ވެސް ނުރައްކާތެރި ކަމެއްކަން އެ ވިޔާފާރި ކުރާ ފަރާތްތަކުގައި ދަންނަވާފައިވާނެ ކަމަށެވެ.
"ބައެއް ގޭގެ ތެރޭ ޕެޓްރޯލު ޝެޑް ހަދައިގެން އެބަ ވިއްކާ. އެކަމަކީ ވަރަށް ނުރައްކާތެރި ކަމެއް. އެފަދަ ބޭފުޅުންނާ އަޅުގަނޑުމެން ދޭތެރެއަކުން މަޝްވަރާކޮށް އެވާހަކަ ދަންނަވަން،" ސޯބެ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގޭގެތެރޭ ޕެޓްރޯލު ޝެޑް ހަދައިގެން ހިންގާ ފަރާތްތަކަށް ޕެޓްރޯލު ޝެޑްތައް ހިންގަން ވަކިން ބިންދޫކުރުމަށް ވެސް ވިސްނަމުން އަންނަ ކަމަށެވެ.
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ އިން އިއްޔެ ނެރެފައިވާ ނޫސްބަޔާނެއްގައި ވެސް ބުނެފައި ވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މާދަމަ އިން ފެށިގެން ވެހިކަލްތަކަށް ޕެޓްރޯލު އަޅައިދިނުން ފިޔަވައި އެހެނިހެން ގޮތް ގޮތުން ޕެޓްރޯލު ގަންނަ ފަރާތްތަކުގެ މައުލޫމާތު ޕެޓްރޯލު ވިއްކާ ފަރާތްތަކުން ބެލެހެއްޓުމަކީ ކޮންމެހެން ކުރަން ޖެހޭ މުހިންމު ކަމެއް ކަމަށް ޕެޓްރޯލް ވިއްކާ ފަރާއްތަކަށް އަންގާފައިވާނެ ކަމަށެވެ.
ސިޓީ ކައުންސިލްގެ އިއުލާނުގައި އަދި ބުނެފައި ވަނީ އެ އިދާރާ އިން ވަކި ގޮތެއް ކަނޑައަޅަންދެން ވެހިކަލްތަކަށް ޕެޓްރޯލު އެޅުން ފިޔަވައި އެހެނިހެން ގޮތް ގޮތުން ޕެޓްރޯލު ގަންނަ ފަރާތްތަކުގެ މައުލޫމާތު ބެލެހެއްޓުމަކީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ހިފެހެއްޓުމަށް އަޅަން ޖެހޭ ފިޔަވަޅަކަށް ވާތީ އެގޮތުގެ މަތިން އަމަލު ކުރުމަށް އަންގާފައިވާ ކަމަށެވެ.
އައްޑޫ ސިޓީ ކައުންސިލުން އެގޮތަށް އަމަލު ކުރުމަށް އަންގާފައިވާ އިރު، މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހު އައްޑޫ ސިޓީގެ ކޯޓުތަކާއި ޕޮލިސް ސްޓޭޝަންތަކުގައި ހުޅުޖަހައި އެތަންތަން ބޭނުން ނުކުރެވޭ ވަރަށް ވަނީ އަންދާލައިފަ އެވެ.