31 Aug 2013, 14:44
މާލޭގައި ހުރި ގެއެއްގެ ތިން ވަނަ ފަންގިފިލައިން އަންހެނަކު ކާރެއްގެ މައްޗަށް ވެއްޓި އަނިޔާތަކެއް ވެއްޖެ އެވެ.
ގ. މަހުމާ ގޭގެ ތިން ވަނަ ފަންގިފިލައިން ރޭ ދަންވަރު 01:25 އެހާކަށް ހާއިރު އަންހެނަކު ވެއްޓިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެގޭގެ ތިން ވަނަ ބުރިން އަންހެން މީހާ ވެއްޓުނު އިރު، އިތުރު ދެ މީހަކު ތިއްބެވެ. އެ ދެ މީހުން މިއަދު ހެނދުނު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ހާދިސާ ހިނގި ގޮތުގެ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
"ސަން" އެނގިފައިވާ ގޮތުގައި މަހުމާގެއިން އަންހެން މީހާ ވެއްޓި ޖެހުނީ އެގޭގެ ތިރީ ފާޝަނާކިލެގެ މަހުގައި ޕާކުކޮށްފައި އޮތް ކާރެއްގެ މައްޗަށެވެ. އަންހެން މީހާ ކާރުގެ މައްޗަށް ވެއްޓުމުން ކާރުގެ މަތި ބަނޑިލާފައިވެ އެވެ.
ވެއްޓުނު އަންހެން މީހާ އަށް ފަރުވާ ދިނުމަށް ފުލުހުން ވަނީ އޭނާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންގޮސްފަ އެވެ. އައިޖީއެމް އެޗުން އޭނާއާ ބެހޭ މައުލޫމާތެއް އަދި ނުދޭތީ އޭނާ އަށް ލިބިފައި ވަނީ ކިހާވަރެއްގެ ޒަހަމްތަކެއް ކަމެއް އަދި ވަނީ ނޭނގިފަ އެވެ.
މިއީ މިމަހުގެ ތެރޭގައި ހިނގި މިފަދަ ދެވަނަ ހާދިސާ އެވެ. މިމަހުގެ 14 ވަނަ ދުވަހު ހިނގި ހާދިސާއެއްގައި އުމުރުން އަށް އަހަރުގެ ކުއްޖަކު ގެއެއްގެ ފުރަތަމަ ފަންގިފިލައިން ވެއްޓި ވަނީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ.
މާލޭގެ އިމާރާތްތަކުގެ ސަލާމަތީ ކަންތައްތައް ރަނގަޅު ކުރުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ ( މަސީ) އިން ވަނީ ގޮވާލާފަ އެވެ. ސަލާމަތީ ކަންތައްތައް ރަނގަޅު ނޫން ތަންތަނުން މީހުން ހުސްކޮށް، އެތަންތަނުގެ ވެރިންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ވެސް އެޖަމިއްޔާ އިން ކުރިން ނެރުނު ބަޔާނެއްގައި ގޮވާލާފައިވެ އެވެ.