މިއަދު ހެނދުނު ތ. ގުރައިދޫން ފުރައިގެން 70 މީހުންނާއެކު މާލެ އަންނަނިކޮށް ފަރަށް އެރި ބޯޓުގައި ތިބި މީހުން ސަލަމާތްކޮށް ބޯޓު ފުން ކުރުމުގެ މަސައްކަތް ކޯސްޓްގާޑުން ފަށައިފި އެވެ.


އެމްއެންޑީއެފްގެ ލެފްޓިނެންޓް އަބްދުﷲ އަލީ ވިދާޅުވީ ގުރައިދޫން ފުރައިގެން މާލެ އަށް ދަތުރު ކުރަނިކޮށް މިއަދު ހެނދުނު 7:30ގައި މ. އަތޮޅު ފަޅު ރަށެއް ކަމަށްވާ ރާބަނޑޭރިހުރާގެ ފަރަށް އެރި ގުރައިދޫ "ފެނޭބާ" ބޯޓްގައި ތިބި ހުރިހާ އެންމެން މިހާރު މ. ދިއްގަރަށް ގެންގޮސްފައިވާ ކަމަށާއި އެއް ވެސް ދަތުރުވެރިއަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.


"އަންހެނުންނާ ކުޑަކުދިން ވެސް ގިނަ އަދަދަކަށް މި ބޯޓުގައި ތިބި. އެ އެމެން ވެސް މިހާރު ވަނީ ދިއްގަރުގައި،" އަބްދުﷲ އަލީ ވިދާޅުވި އެވެ.  


އުރުނު ބޯޓުގައި 17 ކުޑަކުދިން ވެސް ތިއްބެވެ.


އަބްދުﷲ އަލީ ވިދާޅުވީ ކޯސްޓްގާޑުން މިއަދު މެންދުރު "ފެނޭބާ" ކައިރިއަށް ގޮސް މީހުން ސަލާމާތްކޮށް ބެލި އިރު ބޯޓުގެ އިންޖީނު ރޫމާ ދިމާ ބަނޑުފިލާ ފޫ ގޮސްފައިވާތީ އެތަން ބެއްދުމުގެ މަސައްކަތްކޮށް ބޯޓަށް ދިޔަވުން ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.


"ބޯޓުގެ ވެރިފަރާތުން  ދިއްގަރުން ދޯންޏެއް ގެންނާތީ އަޅުގަނޑުމެން މިތިބީ މަޑުކޮށްލައިގެން އެ ދޯނި ގެނައުމުން އަޅުގަނޑުމެން ބޯޓު ފުން ކުރުމުގެ މަސައްކަތް ފަށާނަން،" އަބްދުﷲ އަލީ ވިދާޅުވި އެވެ.


ސަން އޮންލައިނަށް އެނގިފައިވާ ގޮތުގައި "ފެނޭބާ" ފަރަށް އަރާފައި ވަނީ އެހެން މީހެއްގެ އަތަށް ހުންގާނު ދިނުމަށްފަހު ކެޕްޓަން ނިދާފައި އޮއްވަ އެވެ.