މިއަދު ހަވީރު އަށް ވަނަ ސާފް ޗެމްޕިއަންޝިޕް ހުޅުވާ މެޗުގައި ނޭޕާލާއި ބަންގުލަދޭޝް ބައްދަލު ކުރާ މެޗު ބެލުމަށްޓަކައި ނޭޕާލުގެ ސަޕޯޓަރުން ތިން ގަޑިއިރު ކުރިން މެޗު ކުޅޭ ދަޝްރަތު ސްޓޭޑިއަމްގެ ގޭޓް ތައްކައިރީ ކިޔު ހަދާލައިފި އެވެ.

މިފަހަރުގެ މުބާރާތް ނޭޕާލްގައި ބާއްވާ އިރު މި މުބާރާތް ނޭޕާލް ކާމިޔާބު ކުރުމަކީ ނޭޕާލްގެ ހުރިހާ ސަޕޯޓަރުންވެސް ވަރަށް ބޮޑު އުންމީދަކަށް ވާއިރު ކުޅުންތެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން ނޭޕާލްގެ ފުޓްބޯލް އެސޯސިއޭޝަނުން މިހާރުވެސް ވަނީ، މުބާރާތް ކާމިޔާބު ކޮށްފި ނަމަ ކުޅުންތެރިންނަށް އުމުރު ދުވަހަށް މުސާރަ ދިނުމަށް ހަމަ ޖައްސާފަ އެވެ.

އޯލް ނޭޕާލް ފުޓްބޯލް އެސޯސިއޭޝަން (އަންފާ) އިން ބުނެފައިވަނީ، މިފަހަރުގެ މުބާރާތް ކާމިޔާބު ކޮށްފި ނަމަ ޓީމުގެ ކުޅުންތެރިންނަށް، އުމުރު ދުވަހަހަށް މަހަކު 10،000 ނޭޕާލީ ރުޕީސް އިން މުސާރަ ދޭނޭ ކަމަށެވެ.

"ސަން އޮންލައިން"އިން ދަޝްރަތު ސްޓޭޑިއަމްގެ ބޭރުގައި ދަނޑަށް ވަނުމަށް ކިޔު ހަދައިގެން ތިބި ބައެއް ސަޕޯޓަރުންނާ ސުވާލު ކޮށްލުމުން ބުނީ، މިއަދުގެ މެޗް ނޭޕާލް ޓީމުން ކާމިޔާބު ކުރާނޭ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް އެބަ އޮތް ކަމަށާއި، ސަޕޯޓަރުންގެ ފަރާތުން ލިބެން ޖެހޭ ހުރިހާ އެހީތެރިކަމެއް ދިނުމަށް ސަޕޯޓަރުން ތިބީ ވަރަށް ފޯރީގައި ކަމަށެވެ.

ނޭޕާލްގެ އޮންލައިން ނޫހެއް ކަމަށްވާ ގޯލްނޭޕާލްގެ ސީއީއޯ ބިކްރަމް ތާޕާ ބުނީ، މިފަހަރުގެ މުބާރާތުން ރަނގަޅު ކާމިޔާބެއް ޓީމަށް ނުހޯދިއްޖެ ނަމަ ސަޕޯޓަރުން ކުޅުންތެރިންނާ ދިމާކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"އެންމެ ކުޑަމިނުން ސެމީ ފައިނަލާ ހަމައަށް ދެވެން ޖެހޭނެ. އެހެން ނޫނީ، ސަޕޯޓަރުން ކުޅުންތެރިންގެ ގައިގައި ތަޅައިވެސް ގަންނާނެ،" ބިކްރަމް ބުންޏެވެ.

މުބާރާތް ފެށުމުގެ ރަސްމިއްޔާތު މެޗު ފެށުމުގެ އެއް ގަޑިއިރު ކުރިން ފެށުމަށް ހަމަޖެހިފައިވާ އިރު، ދަނޑުގެ ތައްޔާރީތައް ފެންނަނީ ވަރަށް ކުޑަކޮށެވެ. އެހެން ނަމަވެސް މިހާރުވެސް ދަނޑުގައި ވަރަށް ގިނަ އަދަދެއްގެ ރަޔަޓް ފުލުހުން ދަނީ ހަރަކާތްތެރި ވަމުންނެވެ.

އަންފާ އިން ލަފާ ކުރާގޮތުގައި މިއަދުގެ މެޗުބަލަން ގާތްގަނޑަކަށް 18،000 އަށްވުރެ ގިނަ ބެލުންތެރިން ދަނޑަށް ވަންނާނެ އެވެ.