31 Aug 2013, 14:33
ކުޅުދުއްފުށީ އަންހެނުންގެ ކޮމެޓީގެ ރައީސާ އުއްމު ކުލްސޫމް މިއަދު ޕީޕީއެމް އަށް ސޮއިކުރައްވައިފި އެވެ.
ޕީޕީއެމްގެ އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވައި ކުޅުދުއްފުށީ އަންހެނުންގެ ކޮމެޓީގެ ރައީސާ ވިދާޅުވީ އެކަމަނާ ޕީޕީއެމްއާ ގުޅިވަޑައިގަތީ އަންހެނުންގެ ތަރައްގީ އަށް ޕީޕީއެމް އަށް ވުރެ ބޮޑަށް މަސައްކަތް ކުރާ އެހެން ޕާޓީއެއް ނެތުމުން ކަމަށެވެ.
"އަންހެނުންގެ ތަރައްގީ އަށް ޕީޕީއެމް އަށް ވުރެ ބޮޑަށް މަސައްކަތް ކުރާ ބައެއްނެތް،" ކުލްސޫމް ވިދާޅުވި އެވެ.
އުއްމު ކުލްސޫމް ވިދާޅުވީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމަކީ ކުޅުދުއްފުއްޓާއި އަދި މުޅި ރާއްޖޭގެ ތަރައްގީ އަށް ވަރަށް ބޯޑެތި ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި އެކަމަނާ އަބަދު ވެސް އެންމެ ތާއީދު ކުރައްވާ ސިޔާސީ ލީޑަރަކީ ރައީސް މައުމޫން ކަމަށެވެ.
ކުލްސޫމް މިއަދު ޕީޕީއެެމްއާ ގުޅިވަޑައިގަތީ އެ ޕާޓީގެ ކައުންސިލް މެންބަރު އަދި އެ ޕާޓީގެ އަންހެނުންގެ ގޮފީގެ ރައީސް ދުންޔާ މައުމޫންގެ ހާޒިރުގަ އެވެ. ކުލްސޫމް ޕީޕީއެމް އަށް ސޮއި ކުރެއްވުމުން ދުންޔާ ވިދާޅުވީ ޕީޕީއެމް އަކީ އަންހެނުންގެ ތަރައްގީ އަށް މަސައްކުރާ އަދި ކުރާނެ ޕާޓީއެއްް ކަމަށާއި އެ ޕާޓީގެ ވެރިކަމެއްގައި ގޭގައި ތިއްބަވާ އަންހެން ބޭފުޅުންނަށް ވެސް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށެވެ. އެ ގޮތުން އެ ޕާޓީގެ މެނިފެސްޓޯގައި ގޭގައި އަންހެން ބޭފުޅުން ތިއްބަވައިގެން ވެސް މަސައްކަތް ކުރެވޭނެ ގޮތްތަކެއް އިންތިޒާމު ކުރައްވާފައިވާނެ ކަމަށެވެ.
ދުންޔާ އިތުރަށް ވިދާޅުވީ ޕީޕީއެމްގެ މެނިފެސްޓޯ ތައްޔާރުކޮށްފައި ވަނީ އެކި ދާއިރާތަކުން ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި އިލްމީ ގޮތުން ވެސް ވަރަށް މަތީ ފަންނީ ބޭފުޅުންގެ ޕެނަލަކުން ކަމަށެވެ.
އެ ޕާޓީގެ މެނިފެސްޓޯ ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ޕްރިންޓްކޮށް އާންމު ކުރައްވާނެ ކަމަށް ދުންޔާ ވިދާޅުވި އެވެ.