ރިޔާސީ އިންތިހާބްގައި މިފަހަރު އަލަށް ވޯޓް ލުމުގެ ހައްގު ލިބުނު 18 އަހަރު ފުރިފައިވާ ޒުވާނުންނާ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނަޝީދު ބައްދަލުކުރައްވައިފި އެވެ.

ރައީސް ނަޝީދާ ޒުވާނުން ބައްދަލުކުރުމަށް "ސްޕީޑް ޑޭޓް"ގެ ނަމުގައި "ސީ ހައުސް"ގައި ރޭ ބޭއްވި އެ އިވެންޓަގައި ޒުވާނުން ނަޝީދާ ބައްދަލުކޮށްފައި ވަނީ ގްރޫޕްތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގްރޫޕަކަށް ވެސް އެއް މިނެޓްގެ ވަގުތުކޮޅެއް ނަޝީދު ދެއްވި އެވެ. ޖުމްލަ 200 އަށް ވުރެ ގިނަ ޒުވާނުން ސީހައުސްގެ ކޮފީ މޭޒުން ރޭ ނަޝީދާ ބައްދަލު ކުރި ކަމަށް އެމްޑީޕީން ބުންޏެވެ.

އެއް މިނެޓްގެ އެ ވަގުތުކޮޅުގެ ތެރޭގައި ޒުވާނުން ވަނީ ތަފާތު އެކިއެކި ދާއިރާތަކުންނާއި އެމްޑީޕީގެ ސިޔާސަތުތަކާއި ގުޅޭގޮތުން ސީދާ ރައީސް ނަޝީދާ ސުވާލުކޮށްފަ އެވެ. އަދި ލިބުނު ވަގުތުކޮޅުގައި އެމަނިކުފާނާއެކު ފޮޓޯ ނެގުމާއި، އޮޓޯގްރާފް ހޯދުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އެ ބައްދަލުކުރުމަށް ބޭއްވި އެ އިވެންޓްގައި ޒުވާނުން ވަނީ އެކި އެކި ކަންކަމާއި ގުޅިގެން ޒުވާނުންގެ ހިތުގައި އުފެދިފައިވާ ނުތަނަވަސް ކަން ރައީސް ނަޝީދާ ވަނީ ހިއްސާކޮށްފަ އެވެ.