31 Aug 2013, 11:48
އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކާ އެކު އެކި ދުވަސް މަތިން ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައި ވަނީ ހދ. ކުޅުދުއްފުށި، ޝުހާނީ، އަހުމަދު ހަސަން22،ގެ މައްޗަށެވެ.
އޭނާގެ މައްޗަށް ދައުވާކުރަން މިދިޔަ އަންގާރަ ދުވަހު ފޮނުވާފައި ވަނީ އެކި ދުވަސްމަތިން 17 އަހަރުގެ ކުއްޖަކާ އެކު ބަދުއަހުލާގީ އަމަލު ހިންގައި ޒިނޭކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށް ފުލުހުން ބުނެ އެވެ.
މި އަހަރުގެ ޖުލައި މަހުގެ 17 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި އެ މައްސަލައާ ގުޅިގެން އަހުމަދު ހަސަން ހައްޔަރުކޮށްފައި ވަނީ މިމަހުގެ އެއް ވަނަ ދުވަހު އެވެ. އަދި މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އެ އަތޮޅު ނޮޅިވަރަމް މެޖިސްޓްރޭޓް ކޯޓުން ވަނީ މުއްދަތު އިތުރުކޮށްދީފަ އެވެ.
ފުލުހުން ބުނީ އަހުމަދު ހަސަން އަކީ މާރާމާރީގެ މައްސަލަތަކުގެ ރެކޯޑާއި ކުޅުދުއްފުށި ޕޮލިސް ސްޓޭޝަން ދޮށަށް އެއްވެ ފުލުހުންނާއި ސިފައިންނަށް އިންޒާރުދީ ފުލުހުންނާއި ސިފައިންނަށް ގަލާއި ދަގަނޑުބުރި ފަދަ ތަކެތިން ހަމަލަދީ ފުލުހުންނާއި ސިފައިންގެ މަރުކަޒަށް ގަލާއި ދަގަނޑުބުރި ފަދަ ތަކެތި އުކައި ދައުލަތުގެ މުދަލަށް ގެއްލުންދީ ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި ކުޅުދުއްފުށި ޕޮލިސް ސްޓޭޝަން ހިސާރުކުރަން މަސައްކަތް ކުރި މައްސަލައިގެ ކުށުގެ ރެކޯޑު ވެސް އޮންނަ ފަރާތެއް ކަމަށެވެ.
އަދި އޭނާ އަކީ މާރާމާރީ އާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ އިތުރުން ލައިސަންސް ނުނަގާ އެއްގަމު އިންޖީނުލީ އުޅަދެއް ދުއްވުމުގެ ކުށުގައި ދައުވާ ކުރުމަށް ޕީޖީ އަށް މީގެ ކުރިން މައްސަލަ ފޮނުވާފައިވާ މީހެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ.