31 Aug 2013, 10:39
ވައިޓް ހައުސް (އޮގަސްޓް 31): ސޫރިޔާއާ ދެކޮޅަށް ޢަސްކަރީ ގޮތުން ފިޔަވަޅުއެޅުމުގައި އިސްކަންދޭނީ އެމެރިކާގެ ގައުމީ މަސްލަޙަތަށް ކަމަށް ވައިޓް ހައުސް އިން ބުނެފި އެވެ. ވައިޓް ހައުސްއިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ސޫރިޔާއަށް ޙަމަލާދިނުމުގެ މައްސަލާގައި ރައީސް ބަރަކް އޮބާމާ ނިންމަވާ ނިންމުންތަކުގައި ބައްލަވާނީ އެމެރިކާގެ ގައުމީ މަސްލަހަތަށް ކަމުގަ އެވެ.
ވައިޓް ހައުސް އިން މިބަޔާން ނެރުމުގެކުރިން އޮބާމާ ވަނީ ސޫރިޔާ އިން ރައްޔިތުންނާ ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވާކަން އެމެރިކާ އަށް ކަށަވަރުވެފައިވާ ކަމަށާ ނަމަވެސް މިކަމާގުޅިގެން ސޫރިޔާ ސަރުކާރާ ދެކޮޅަށް އަސްކަރީ ފިޔަވަޅެއް އެޅުމާ ބެހޭ އެއްވެސް ނިންމުމެއް އަދި ނުނިންމަވާ ކަމަށް ވިދާޅުވެފަ އެވެ. ސޫރިޔާއާ ދެކޮޅަށް އާދައިގެ ޙަމަލާތަކެއް ދީގެން ކެމިކަލް ހަތިޔާރުގެ ޙަމަލާތައް ނުހުއްޓުވޭނެ ކަމަށާ ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ސީދާގޮތެއްގައި ބޭރުގެ ފަރާތްތަކެއް ވަނުމަކީ ވެސް ހަނގުރާމަ ދިގުލައި އިތުރު ބައެއްގެ ފުރާނަގޮސް އެކަމުގެ ނުރައްކާ އަވަށްޓެރި ގައުމުތަކަށް ފެތުރި ސޫރިޔާގެ މައްސަލައަށް ހައްލެއް ހޯދުން ދަތިވެގެން ހިނގައިދާނެ ކަމެއް ކަމަށް ވެސް އޮބާމާވަނީ ވިދާޅުވެފަ އެވެ. ނަމަވެސް މިއަހަރުގެ ކުރީކޮޅު އޮބާމާ ވަނީ ސޫރިޔާ އިން ކެމިކަލް ހަތިޔާރު ބޭނުންކުރުމަކީ ރަތްރޮނގު ކަމަށާ މިކަން އެމެރިކާއަށް ކަށަވަރުވެއްޖެ ނަމަ ފަސްނުޖެހި ސީރިޔާއާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.
ސޫރިޔާގެ ދާޚިލީ ހަނގުރާމައިގާ ލައްކައަކަށްވުރެ ގިނަމީހުން މަރުވެ އެތަށް މިލިޔަންބަޔަކު ޙާލުގައިޖެހި ސޫރިޔާގެ ބޮޑުބައެއް ފަނާވެގެންދިޔައިރު އެމެރިކާ ހިމޭނުން އޮވެފައި އެގައުމުގެ ރައްޔިތުންގެ ޙިމާޔަތުގައި ކަމަށްބުނެ ސޫރިޔާއާ ދެކޮޅަށް އަސްކަރީ ފިޔަވަޅުއެޅުމާބެހޭގޮތުން މިހާރު އެމެރިކާ ވާހަކަ ދައްކަމުން ގެންދަނީ ސިޔާސީ އަދި ޢަސްކަރީ މަޤްސަދް ތަކެއް އޮވެގެން ކަމަށްވަނީ ބެލެވިފައެވެ.
އަދި އިސްރާއީލުގެ މަސްލަހަތެއްނެތި ނޫނީ އިސްރާއީލުގެ ފުރިހަމަ ރުހުންނެތި ސޫރިޔާއަށް ޙަމަލާ ދިނުމަކީ އެމެރިކާ ކުރާނެކަމެއް ނޫންކަމަށް ވެސް ވަނީ ބެލެވިފަ އެވެ. ބާރުގެ ބޭނުންކޮށްގެން ބައްޝާރުގެ ވެރިކަން ވައްޓާލުމަކީ އެގައުމުގެސޫރިޔާގެ ހަނގުރާމަވެރި ޖަމާއަތްތަކުގެ ތެރޭގައި ހިމެނޭ އަލްޤާޢިދާ އަށް ނިސްބަތްވާ ކަމަށްބުނެވޭ ބޮންގޮއްވާ ޖަމާއަތްތަކުގެ ނުރައްކާ އިސްރާއީލަށް ފޯރާނެ ކަމެއްކަމަށްވާ އިރު އެމެރިކާ ސޫރިޔާއަށް ޙަމަލާދޭނީ ބައްޝާރުގެ ވެރިކަން ވައްޓާލުމުގެ ބަދަލުގައި ސޫރިޔާގެ ކެމިކަލް ހަތިޔާރާއި ދުރުރާސްތާގެ މިސައިލް ފަދަ އިސްރާއީލަށް ކުރިމަތިވެދާނެ ނުރައްކާތައްސޫރިޔާ އިން ނައްތާލުމަށް ކަމަށް ތަޖްރިބާކާރުން ދެކެ އެވެ.
މިގޮތުން ސޫރިޔާއަށް އަރައިގަތުމުގައި ނޫނީ އެގައުމަށް ޙަމަލާދިނުމުގައި އެމެރިކާގެ އެންމެ ބޮޑު ލަނޑުދަނިއަކަށް ވާނީ އިސްރާއީލު އެދޭގޮތަށް ސޫރިޔާގެ ކެމިކަލް ހަތިޔާރުގެ ސްޓޮކް ނައްތާލުމުގެ އިތުރުން ސޫރިޔާގައިވާ ދުރުރާސްތާގެ މިސައިލްތައް ހަލާކުކޮށްލުން ކަމަށާ މިހަތިޔާރުތަކަކީ އިސްރާއީލުގެ އިތުރުން އެމެރިކާގެ ވެސް އެންމެ ބޮޑު ބޮލުގެ ރިހުންކަމަށް ތަޖްރިބާކާރުން ދެކެ އެވެ. (ނޫސްއެޖެންސީތައް)