ރޭ އިވެންޓެއް ކަވާކުރަމުން ދިޔަ ވީޓީވީގެ ނޫސްވެރިޔަކަށް ހަމަލާދިން މައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ނޫސްވެރިންގެ ޖަމިއްޔާ، އެމްޖޭއޭ އިން ކުށްވެރިކޮށްފި އެވެ.

އެމްއެމްސީ އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ކުރީ ރޭ ޖޫމްހޫރީ ގުޅުމުން މާލޭގައި ޖަގަހައެއް ހުޅުވުމަށް ބޭއްވި ހަފްލާއެއް ކަވަރުކުރަމުން ދަނިކޮށް އެ ސަރަހައްދުގައި ހިނގި ހަމަނުޖެހުމެއް ކަވަރުކުރަމުން ދިޔަ ވީޓީވީގެ ނޫސްވެރިޔާ އިސްމާއިލް ޝާހުއަށް ބިރުދައްކައި ހަމަލާދީފައި ވާތީ އެކަން ކުށްވެރިކުރާ ކަމަށެވެ. އަދި ނޫސްވެރިންގެ ޒިންމާ އަދާކުރުމަށް އެއްބާރުލުން ދިނުމަށް އާއްމުންނާއި ސިޔާސީ ޕާޓީތަކަށް އިލްތިމާސް ކުރި އެވެ.

އެމްޖޭއޭގެ ބަޔާނުގައި ބުނެފައި ވަނީ ހާދިސާތައް ކަވަރު ކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންގެ ޒިންމާއަށް ހުރަސް އެޅުމަކީ އެ ޖަމިއްޔާ އިން ކަންބޮޑުވާ ކަމެއް ކަމަށެވެ. އެގޮތުން މާލޭގައި ކުރީ ރޭ ހިނގި ހަމަނުޖެހުމެއް ކަވަރު ކުރުމަށް އުޅުނު ވީމީޑިއާގެ ނޫސްވެރިންނަށް ހުރަސްއަޅައި ހަމަލާދީފައި ވާތީ އެ އެފަދަ ކަންތައްތައް އެ ޖަމިއްޔާ އިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށް ބުނެފައިވެ އެވެ.

އެބަޔާނުގައި ބުނެފައި ވަނީ ނޫސްވެރިންތަކަކަށް ހުރަސް އަޅައި، ހަމަލާދިނުމުގައި ޝާމިލްވާ ހުރިހާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާ ބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށެވެ. އަދި ނޫސްވެރިންނަށް ހަމަލާދިނުން ފަދަ މައްސަލަތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމުގައި ފަސްޖެހުމެއްނެތި، ގާނޫނުގެ ކުރިމައްޗަށް ކުށްވެރިވާ ފަރާތްތައް ގެނައުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމަށް ބުނެފައިވެ އެވެ.

"ރިޔާސީ އިންތިހާބުގެ ކެމްޕޭން ކަވަރު ކުރުމަށް ނޫސްވެރިން ކުރާ މަސައްކަތަކީ ގައުމުގެ އާންމު ފަރުދުންނަށް ހަބަރާއި މައުލުމާތު ފޯރުކޮށްދިނުމަށް ކުރާ ބުރަ މަސައްކަތެކެވެ. ނޫސްވެރިންގެ ޒިންމާ އަދާކުރުމުގައި ފަސްޖެހުމެއްނެތި ކޮންމެ ވަގުތެއްގައި ހަބަރު ގެނެސްދިނުމަށް އަމަލީ މައިދާނުގައި ކުރާ މަސައްކަތަކީ މި ޖަމިއްޔާ އިން ފަހުރުވެރިކަމާ އެކު ބަލައިގަންނަ މަސައްކަތެކެވެ. " އެމްޖޭއޭގެ ބަޔާނުގައި ބުނެފައިވެ އެވެ.