ލަންޑަން (އޮގަސްޓް 31): ސޫރިޔާ އަށް ޙަމަލާދިނުމުގައި އިނގިރޭސިވިލާތް ބައިވެރިވުމާ ދެކޮޅަށް އެގައުމުގެ ޕާލަމެންޓުން ފާސްކޮށްފައިވާތީ ސޫރިޔާއާ ދެކޮޅަށް އެމެރިކާ އިސްވެ އޮވެގެން އަޅާފާނެ ޢަސްކަރީ އެއްވެސް ފިޔަވަޅެއްގައި އިނގިރޭސި ސިފައިން ބައިވެރިނުވާނެ ކަމަށާއި އަދި މިކަމުގެ ސަބަބުން ބައިވެރިން މާޔޫސްވެގެންދާނެ ކަމަށް އިނގިރޭސި ދިފާޢީ ވަޒީރު ފިލިޕް ހާމޮންޑް ވިދާޅުވެއްޖެ އެވެ.

ބީބީސީ އަށް ދެއްވި ބަސްދީގަތުމެއްގައި ހާމޮންޑް ވިދާޅުވީ އިނގިރޭސި ޕާލަމެންޓްގެ ނިންމުމަށް ބޮޑުވަޒީރު ޑޭވިޑް ކެމެރޮންގެ ސަރުކާރުން އިޙްތިރާމް ކުރާނެ ކަމަށާ ރައްޔިތުންގެ މަންދޫބުންގެ ނިންމުމާ ދެކޮޅަށް ސަރުކާރަށް ޢަމަލުކުރެވެން ނޯންނާނެ ކަމުގަ އެވެ. ހާމޮންޑް ވިދާޅުވީ ސޫރިޔާއާ ދެކޮޅަށް އެމެރިކާ އިސްވެ އޮވެގެން އަޅާ ޢަސްކަރީ ފިޔަވަޅެއްގައި އިނގިރޭސިވިލާތް ބައިވެރިނުވުމަކީ އެމެރިކާއާއި ފަރަންސޭސިވިލާތް ފަދަ ބައިވެރިން މާޔޫސްވާނެ ކަމެއް ކަމުގަ އެވެ. ނަމަވެސް އިނގިރޭސިވިލާތް ބައިވެރި ނުވިނަމަވެސް ސޫރިޔާއާ ދެކޮޅަށް ޢަސްކަރީ ފިޔަވަޅުއެޅުން ހުއްޓާލާނެ ކަމަށް ލަފާނުކުރެވޭ ކަމަށް އިނގިރޭސި ދިފާޢީ ވަޒީރު ވިދާޅުވި އެވެ.

އިނގިރޭސިވިލާތަކީ އިސްލާމީ ގައުމުތަކާ ދެކޮޅަށް އެމެރިކާ ހިންގާ ޢަސްކަރީ ކޮންމެ ޢުދުވާނެއްގައި ޢަމަލީ ގޮތުން އެންމެ ބޮޑަށް ބައިވެރިވާ ގައުމުކަމަށް ވާތީ އިނގިރޭސިވިލާތާނުލައި ސޫރިޔާ އަށް ޙަމަލާދިނުމަކީ އެމެރިކާ އަށް އެކަހެރިކަމާއި މާޔޫސްކަން ލިބިގެންދާނެ ކަމެއްކަމަށް މުރާސިލުން ސިފަކުރެ އެވެ. ފަރަންސޭސި ރައީސް ފްރާންސްވާ އޮލާންދް ވަނީ ސޫރިޔާއާ ދެކޮޅަށް އަޅާޢަސްކަރީ ފޔަވަޅެއްގައި އިނގިރޭސިވިލާތް ބައިވެރިނުވި ނަމަވެސް އެކަމުގައި ފަރަންސޭސިވިލާތް ބައިވެރިވާނެ ކަމަށާ އަދި އެކަން ކުރިޔަށްދާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ސޫރިޔާ އަށް ޢަސްކަރީގޮތުން ޙަމަލާދިނުމުގެ ހުއްދަ އިނގިރޭސި ސަރުކާރަށް ދިނުމާ ބެހޭ ޤަރާރަށް ވޯޓަށް އެހުމުން ހައުސް އޮފް ކޮމަންސްގެ މެންބަރުންގެ ތެރެއިން 285 މެންބަރުން ވޯޓު ދީފައި ވަނީ ސޫރިޔާއާ ދެކޮޅަށް އިނގިރޭސި ސަރުކާރުން ޢަސްކަރީ އެއްވެސް ޢަމަލެއް ހިންގުމާ ދެކޮޅަށެވެ. ސޫރިޔާ އަށް ޢަސްކަރީ ޙަމަލާ ދިނުމަށް ތާއީދުކޮށް 272 މެންބަރުންނެވެ. އިނގިރޭސި ޕާލަމެންޓުން މި ނިންމުމަކީ ކޮންޒަވެޓިވް ޚިޔާލުގެ ބޮޑުވަޒީރު ޑޭވިޑް ކެމެރޮންއަށް އޭނާގެ ކޯލިޝަންގެ މެންބަރުން ވެސް ބައިވެރިވެގެން ދިން ވަރުގަދަ ފިލާވަޅެއް ކަމަށް ވަނީ ބެލެވިފަ އެވެ.

އެމެރިކާއާ ގުޅިގެން ސޫރިޔާއަށް ޙަމަލާދިނުމަށް ކެތްމަދުވެފައިވާ ބޮޑުވަޒީރު ޑޭވިޑް ކެމެރޮންވަނީ އިނގިރޭސި ޕާލަމެންޓްގެ މިނިންމުމާ ގުޅިގެން މާޔޫސްވެވަޑައިގެންފައިވާ ކެމެރޮން ވިދާޅުވީ ސޫރިޔާއަށް ޙަމަލާދިނުމަށް ޕާލަމެންޓްގެ ތާއީދުނެތުމުން އޭނާގެ ސަރުކާރުން ޢަމަލުކުރާނީ ޕާލަމެންޓުގެ ނިންމިގޮތާ އެއްގޮތަށް ކަމުގަ އެވެ. ސޫރިޔާއަށް ޙަމަލާދިނުމުގެ ހުއްދަ އިނގިރޭސި ސަރުކާރަށް ދިނުމާ ބެހޭ ޤަރާރަކާ ދެކޮޅަށް ވާހަކަ ދެއްކެވި އިނގިރޭސި ޕާލަމެންޓްގެ މެންބަރުން ވަނީ ސޫރިޔާގައި ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވާ ކަމުގެ ސާބިތު އެއްވެސް ހެއްކެތް ލިބިފައިނުވާ އިރު އެގައުމަށް އިސްވެ ޙަމަލާދިނުމުގެ ހުއްދަ ސަރުކާރަށް ދެވެންނޯންނާނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.

ޢިރާޤުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށް ވިދާޅުވެ 2003 ވަނަ އަހަރު އިނގިރޭސި އޭރުގެ ބޮޑުވަޒީރު ޓޯނީ ބްލެއާ ދެއްކެވި ވާހަކަތަކަކީ ވެސް ހުސްދޮގުކަން ފަހުން ވަނީ ހާމަވެފަ އެވެ. ސޫރިޔާ ސަރުކާރުން އެގައުމުގެ ރައްޔިތުންނާ ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވާ ކަމަށް ބުނެވޭ މައްސަލައިގެ ތަޙްޤީޤް އދ.ގެ ޚާއްސަ ޓީމަކުން ހިންގަމުން ގެންދާއިރު މިތަޙްޤީޤުގެ ނަތީޖާއަށް ބެލުމެއްނެތި އަދި ނަތީޖާ ނެރުމުގެ ކުރިން އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮންއާއި އެމެރިކާގެ ރައީސް ބަރަކް އޮބަމާއާއި ފަރަންސޭސި ރައީސް ފްރާންސްވާ އޮލާންދް ވަނީ ސޫރިޔާގައި ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވާ ކަމަށާ އަދި މިހަތިޔާރު ބޭނުންކުރީ ސޫރިޔާ ސަރުކާރު ސިފައިންކަން ކަށަވަރު ވެފައިވާ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.

އެމެރިކާއާއި އިނގިރޭސިވިލާތަކީ 2003 ވަނަ އަހަރު ޢިރާޤަށް ޢަސްކަރީ ގޮތުން އަރައިގަތުމަށް މަގުފަހި ކުރުމުގެ ގޮތުން ޢިރާޤުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށްބުނެ ފުޅާދާއިރާއެއްގައި ދޮގުތައް ހަދައި މުޅިދުނިޔެއަށް އޮޅުވާލާފައިވާ ދެގައުމު ކަމަށްވާތީ ސޫރިޔާގެ ކެމިކަލް ހަތިޔާރުގެ މައްސަލާގައި ވެސް އެމެރިކާއާއި އިނގިރޭސިވިލާތުން މިގޮތަށް ދޮގުތައް ހަދާފާނެ ކަމަށް ވަނީ ބެލެވިފަ އެވެ. (ނޫސްއެޖެންސީތައް)