31 Aug 2013, 09:50
އަށް ވަނަ ސާފްޗެމްޕިއަންޝިޕްގެ ހުޅުވާ މެޗުގައި މިއަދު ބަންގުލަދޭޝްއާ ދެކޮޅަށް މުބާރާތް ބާއްވާ ގައުމުގެ ޓީމް ކުޅޭއިރު އެޓީމަށް އޮތް އެންމެ ބޮޑު ފައިދާއަކީ ޓީމުގެ ސަޕޯޓަރުން ކަމަށް ނޭޕާލްގެ ކޯޗް ޖެކް ސްޓެފަނޯސްކީ ބުނެފި އެވެ.
މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން، ނޭޕާލް ޓީމްގެ އެމެރިކާ ކޯޗު ބުނީ، އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި އަމިއްލަ ދަނޑުގައި ކުޅެން ޖެހުމަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.
"އަމިއްލަ ދަނޑުގައި ބޮޑު މުބާރާތެއް ކުޅެންޖެހޭ ކޮންމެ ފަހަރަކީ ވެސް މި ޓީމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް. އެތައް ހާސް ސަޕޯޓަރުންގެ ކުރިމަތީގަ ކުޅެން ޖެހުމަކީ އަހަރެމެންނަށް ލިބޭ ވަރަށް ބޮޑު ފައިދާއެއް،" ނޭޕާލް ކޯޗު ބުންޏެވެ.
މެޗަށް ނުކުންނަ އިރު އިދި ކޮޅަށް ނުކުންނަ ބަނގުލަދޭޝް ޓީމާ ދޭތެރޭގައި ދެކެނީ ކީކޭތޯ ސުވަލުކުރުމުން ކޯޗު ބުނީ، މުބާރާތުގައި ކުޅެންޖެހޭ ހުރިހާ މެޗުތަކެއްވެސް ވަރުގަ އަދި ވާދަވެރި މެޗުތަކަކަށް ވާނެ ކަމަށާއި، އެގޮތުން ބަނގުލަދޭޝްއާ ދެކޮޅަށްވެސް ނުކުންނާނީ އެއީ ވަރުގަދަ ޓީމެއްގެ ގޮތުގައި ދެކިގެން ކަމަށެވެ.
"އެންމެ ފުރަތަމަވެސް ގްރޫޕްގައި ހިމެނޭ ޓީމްތައް އެނގުމުން އަހަރެމެން ބަންގުލަދޭޝް، ޕާކިސްތާން އަދި އިންޑިއާ އާ ދޭތެރޭގައިވެސް ދެކެމުން އަންނަނީ ސީރިއަސްކޮށް،" ސްޓެފަނޯސްކީ ބުންޏެވެ.
ނޭޕާލް ބަނގުލަދޭޝްއާ ދެކޮޅަށް އެންމެ ފަހުން ކުޅުނު މެޗުތަކަށް ބަލާއިރު، އޭއެފްސީ ޗެލެންޖް ކަޕް ކޮލިފައިންގައި، އެޓީމް ވަނީ، 2-0 އިން ބަންގާޅު އަތުން ބަލިވެފަ އެވެ. އަދި އޭގެ ފަހުން ކުޅުނު ރަހްމަތްތެރި ކަމުގެ މެޗުން ދެ ޓީމް ވަނީ އެއްވަރުވެފަ އެވެ.
ނޭޕްލްގެ ޕޮލެންޑް އަދި އެމެރިކާއަށް ނިސްބަތްވާ ކޯޗު ބުނީ، އެ ދެޓީމް މީގެ ކުރިން ބައްދަލު ކުރި މެޗުތަކުން ނުކުމެފައިވާ ނަތީޖާއާ ދޭތެރޭ އެއްގޮތަކަށްވެސް އޭނާ ނުވިސްނާ ކަމަށެވެ.
"އެއީ ވެ ނިމި ގޮސްފައިވާ ކަމެއް. އަހަރެމެން ޓީމް މިފަހަރު މިވަނީ، ގައުމުގައިވެސް އަދި ބޭރުގައިވެސް މެޗުތައް ކުޅެ ވަރަށް ރަނގަޅަށް ތައްޔާރުވެފައި. އަދި ރަނގަޅު ބައްޓަމެއްގައި. އެހެންވީމާ މިފަހަރު ރަނގަޅު ނަތީޖާއެއް ނެރެވޭނެކަން ކަށަވަރު،" ކޯޗު ބުންޏެވެ.
މިއަދުގެ މެޗާ ބެހޭ ގޮތުން ނޭޕާލް ޓީމްގެ ކެޕްޓަން ސާގަރު ތާޕާ ބުނީ، މާޒީގައި ހެދުނު ގޯސްތަކުން އިބުރަތް ލިބި ބަންގާޅު ޓީމާ ދެކޮޅަށް ރަނގަޅު މެޗެއް ކުޅޭނެ ކަމަށެވެ.
"މުބާރާތް ކާމިޔާބު ކުރަން ބޭނުމިއްޔާ، ފުރަތަމަ މެޗު ވަރަށް މުހިއްމުވާނެ، އެހެންކަމުން މާދަމާގެ މެޗުން މޮޅުވާން ނުކުންނާނީ،" ސަގަރު ތާޕާ ބުންޏެވެ.
އަށް ވަނަ ސާފް ޗެމްޕިއަންޝިޕް ހުޅުވުމުގެ ރަސްމިއްޔާތު މިއަދު މެންދުރު ފަހު، ކަތުމަންޑޫގެ ދަޝްރަތު ސްޓޭޑިއަމްގައި އޮންނާނެ އެވެ. ނޭޕާލާއި ބަންގުލަދޭޝް ވާދަކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ، ރާއްޖޭ ގަޑިން މިއަދު ހަވީރު 5:45ގަ އެވެ.