ބަންުގުލަދޭޝްއަށް މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް މުބާރާތް ކާމިޔާބު ކުރެވޭނެ ކަމަށް ނުދެކޭ ކަމަށް އެޓީމްގެ ހޮލެންޑް ކޯޗް ލޮޑްވިކް ޑި ކްރުއިފް ބުނެފި އެވެ.

މުބާރާތް ހުޅުވާ މެޗުގައި މިއަދު މުބާރާތް ބާއްވާ ނޭޕާލާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ކްރައިފް ބުނީ، މުބާރާތް ކާމިޔާބުކުރަން ކިތަންމެ ވަރުގަދަ ރޫހެއްގައި ތިބި ނަމަވެސް ހަގީގަތް ބަދަލު ނުކުރެވޭނެ ކަމަށެވެ.

"މީހުން އަަރެން ކައިރީ ބުނޭ، މީގެ ދެއަހަރު ކުރިން ބަންގުލަދޭޝް މުބާރާތް ނިންމީ ހަތް ވަނައިގައި ކަމަށް. އޭގެ ދެއަހަރު ފަހުން އަހަރެން ކިހިނެއް ބުނާނީ، ބަނގުލަދޭޝްއަށް މުބާރާތް ކާމިޔާބު ކުރެވޭނޭ. މުބާރާތް ކާމިޔާބު ކުރެވިދާނެ ޓީމްތަކުގެ ތެރޭގައި އަހަރެމެން ހިމެނެއޭ ބުނަން ޖެހޭ އެއްވެސް ސަބަބެއް ނެތް،" ކޯޗް ބުންޏެވެ. "އެކަމަކު އަހަރެންގެ ޓީމާ ދޭތެރޭގައި ވަރަށް ބޮޑު ޔަގީން ކަމެއް އެބަ އޮތް. ބައެއް ކުޅުންތެރިންނަށް ކުދި ކުދި އަނިޔާ ލިބިފައި ހުއްޓަސް އެމީހުން އެތިބީ ވަރަށް ރަނގަޅަށް މުބާރާތައް ތައްޔާރު ވެގެން، ރަނގަޅު ޝޭޕެއްގައި އަދި މެޗު ކާމިޔާބުކުރަން 100 ޕަސެންޓް މަސައްކަތް ކުރާނަން."

ކްރައިފް ބުނީ، މިފަހަރުގެ މުބާރާތް ކާމިޔާބު ކުރާނޭ ކަމަށް ދެކެނީ، އިންޑިއާ ނޭޕާލް ނުވަތަ އަފްޣާނިސްތާން އެ ތިން ޓީމުގެ ތެރެއިން ޓީމެއް ކަމަށެވެ.

"މިމުބާރާތް ކާމިޔާބު ކުރަން އަހަރެމެން ބޭނުންވޭ. އެކަމަކު މުބާރާތް ކާމިޔާބު ކުރެވޭނެ ހެނެއް ހިޔެއް ނުވޭ. މުބާރާތުގެ ފޭވަރިޓުންގެ ތެރޭގައި އަހަރެމެން ނުހިމެނޭ. ގަބޫލު ކުރެވޭ ގޮތުގައި، އިންޑިއާ، ފްގާނިސްތާން އަދި ހޯމް ޓީމުގެ ގޮތުގައި ނޭޕާލް، މިއިން ޓީމެއް ތަށި އުފުލައިލާނެ ކަމަށް ބެލެވެނީ،" ބަންގާޅު ޓީމުގެ ކޯޗް ބުންޏެވެ.

މުބާރާތް ހުޅުވާ މެޗުގައި މިއަދު ހަވީރު 5:45ގައި ނޭޕާލާ ދެކޮޅަށް ނިކުންނައިރު، ނޭޕާލްގެ އެތައް ހާސް ސަޕޯޓަރުންނެއް ދަނޑަށް ވަންނަާނެ ކަމަށް ބެލެވޭއިރު ކްރައިފް ބުނީ، އެފަދަ މާހައުލެއްގައި ކުޅޭއިރު ކުޅުންތެރިންނަށް ޕްރެޝަރު އަންނާނެ ކަމަށާއި އެހެން ނަމަވެސް ޓީމް އޮތީ އެއަށްވުރެ ބޮޑަށް ތައްޔާރުވެގެން ކަމަށެވެ.

"ވޭތުވެދިޔަ ދެމަހެއްހާ ދުވަހުގެ ތެރޭގައި، އަހަރެމެން ޓީމް ވަރަށް ފުރިހަމައަށް ތައްޔާރުވެފައި މިވަނީ. ބަންގުލަދޭޝްއިން ނެގޭނެ އެންމެ ރަނގަޅު ކުޅުންތެރިން ޓީމްގައި ހިމަނާފައި މިވަނީ. އެހެން ކަމުން މުބާރާތުގައި އެ ކުޅުންތެރިން ކުޅޭތަން ދެކިލަން ވަރަށް ބޭނުންވެފައި އަހަރެމްނެ އެންމެންވެސް މިތިބީ. ޓީމާ ދޭތެރޭ ވަރަށް އިތުބާރު އެބަ އޮތް،" ޑި ކްރައިފް ބުންޏެވެ.