20 Nov 2010, 09:55
ފުވައްމުލަކުން ތިން މީހުނާ އެކު ރޭ ފަތިހު ބޮޑު ކަންނެއްޔަށް ދިޔަ ދޯންޏެއް ހަބަރެއް ނުވެގެން ހޯދަން ފަށައިފި އެވެ.
ފުވައްމަލުކު މިލާނޯ ނުއުމާން އަލި ދީދީ ބުނީ އޭނާގެ ބެލުމުގެ ދަށުގައިވާ އޮންނަ ދޯނި، ތިން މީހުންނާ އެކު ބޮޑު ކަންނެއްޔަށް ދިޔައީ ރޭ ފަތިހު ކަމަށާއި އެ ދޯންޏާ އެކު މަހަށް ނުކުމެ އެއް ބޮޔަކުން މަސް ބޭނި އެހެން ދޯނި ފަހަރު އެނބުރި ރަށަށް އައިއިރު އެ ދޯނީގެ ހަބަރެއް ނުވާތީ ގެއްލުނީ ކަމަށް ބަލައި ދޯނި ހޯދަން ފަށާފައިވާ ކަމަށެވެ.
ފުވައްމުލަކު ކައުންސިލަރު ހަސަން ސައީދު ވިދާޅުވީ ގެއްލުނު ދޯނި ހޯދުމުގެ މަސައްކަތް ކޯސްޓްގާޑާ ގުޅިގެން ފަށާފައިވާ ކަމަށެވެ.
ފުވައްމުލަކުން ގެއްލިގެން ހޯދާ ދޯންޏަކީ އެރަށު ނިއުސަން، މުހައްމަދު ސައީދުގެ ދޯންޏެކެވެ. ދޯނީގައި މަހަށް ދިޔައީ އެރަށު އެރަށު ނިއުލައިފު މުހުތާރު އާއި ގޯބިލިމާގޭ އަލިފުތު އާއި އަބްދުﷲ ހަސަން ކިޔާ މީހެކެވެ.
ނުއުމާނު ބުނީ 45 ފޫޓުގެ "ނޫމަސް" ދޯންޏާ އެކު މަހަށް ނުކުތް އެހެން ދޯނި ފަހަރަށް ވެސް އެ ދޯންޏަށް ވީ ގޮތް ނޭނގޭ ކަމަށާއި އެ މީހުންނަށް ދޯނި ގެއްލިފައިވާ އިރު ނޫމަސް ދޯނީގައި ހުރި ސެޓާއި ދޯނީގައި ތިބި މީހުންގެ މޮބައިލް ފޯނުތަކުގެ ވެސް ގުޅުން ކެނޑިފައިވާ ކަމަށެވެ.
"މި ރަށާ 16 މޭލު ބޭރުގައި އޮންނަ ބޮއެއް ކައިރިން އެކުގައި ކަންނެލި ބާނަން ތިބެފައި ދަތުރު ކުރަމުން ގޮސް ގެއްލުނީ ކަމަށް އެމީހުން ބުނަނީ،" ނުއުމާން ބުންޏެވެ. "ދޯނީގެ ހަބަރެއް ނުވެގެން ހޯދަމުން މިދަނީ. އަޅުގަނޑު މި ބަލަނީ ގެއްލުނީ ކަމަށް،"
އޭނާ ބުނީ ނޫމަސް ދޯންޏާ ބެހޭ މައުލޫމާތު ކޯސްޓްގާޑަށް ވެސް އަންގާފައިވާނެ ކަމަށައި ދޯނި ހޯދުމުގެ މަސައްކަތް ކުރާ ކަމަށް ކޯސްޓްގާޑުން ބުނެފައިވާ ކަމަށެވެ.
އެމްއެންޑީއެފްގެ ލެފްޓިނެންޓް އަބްދުﷲ އަލީ ވިދާޅުވީ ފުވައްމުކުން ދޯންޏެއް ގެއްލުނު ކަމުގެ މައުލޫމާތެއް އަދި ލިބިފައި ނުވާ ކަމަށެވެ.
ފުވައްމުލަކަށް މިއަދު މޫސުމް ގޯސްކޮށް އޮތް އިރު ވަޔާއި ކަނޑު ވެސް ވަރަށް ގަދަ އެވެ.