14:30


ޖަލުގައި ހުރި މީހެއްގެ ގައިގައި ސިފައިންގެ މީހަކު ނުވަތަ ފުލުހުންގެ މީހަކު ނުވަތަ އެހެން ވެސް މީހަކު މާދަމާ ވެސް ތަޅައިނުގަންނާނެ ކަމުގެ ފުރިހަމަ ޔަގީންކަމެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


އިންސާނީ ހައްގުތަކާ ހިލާފް އަނިޔާތައް ކޮށްފައިވާ ފަރާތްތައް ޝަރީއަތުގެ ކުރިމައްޗަށް ގެނައުމަށާއި، އެފަދަ އަނިޔާތައް ތަހައްމަލްކުރަންޖެހުނު ފަރާތްތަކަށް ބަދަލު ހޯދައިދިނުމަށް އުފައްދާފައިވާ، ޓޯޗަރސް ވިކްޓިމްސް އެސޯސިއޭޝަންގެ އިންފިތާހީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ރޭ ވިދާޅުވީ، އިންސާނީ ހައްގުތަކާ ހިލާފް އަނިޔާތައް ރާއްޖޭގައި ހިނގިޔަ ނުދިނުމަށް ބޭނުންވާ އެންމެހާ މުއައްސަސާތަކާއި ތަރުތީބުތަކާއި، ނިޒާމުތައް ގާއިމުވެފައި ނެތުކަމީ ވަރަށް ދެރަ ކަމެއް ކަމަށެވެ. އަދި އެފަދަ އަނިޔާ ރައްޔިތުންނަށް ލިބުނަނުދީ ކަންތައް ހިފޭއްޓުމަށްޓަކައި ގައުމު ތައްޔާރުވާންވީ މިންވަރަށް ތައްޔާރު ވުމަށްޓަކައި އެތައް މަސައްކަތެއް ކުރަންޖެހޭ ކަމަށާއި، އެއީ ވެރިކަމެއް ބަދަލުވެގެން ވާންއޮތް ކަމެއްނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ގާނޫނުތައް ތަންދިން މިންވަރަކުންނާއި، ގާބިލުކަން ހުރި މިންވަރަކުން އެކަންކަން ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަންޖެހޭނެ ކަމަށާއި، އެކަން ކުރުމުގައި ފަހަތަކަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ނަމަވެސް ރާއްޖޭގެ ޖަލުގައި އަނިޔާ ނުކުރާ ކަމަށް ގަބޫލުކުރެވޭނީ އެކަން ނުހިނގާތާ ވަރަށް ގިނަ ދުވަސްވުމުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.


ރައީސް ނަޝީދު އަދި ވިދާޅުވީ، ވޭތުވެދިޔަ ދިގު ތިރީސް އަހަރު، ތަކުރާރުކޮށް އުސޫލެއްގެ ގޮތުން ޖަލުތަކުގައި އަނިޔާކުރަމުން ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އަނިޔާކުރި މީހުން ހޯދުމުގެ ނިޔަތުގައި، އެމީހުން ހޯދުމުގެ މަގުސަދުގައި، ފާޑުކިޔާ ފަރާތްތައް އަވަދިކޮށް، ނެތިކޮށްލުމަށް ދިމާކޮށްފިނަމަ އަނިޔާކުރި މިހުންނެކޭ އެއްވެސް ތަފާތެއް ނޯންނާނެ ކަމަށާއި، އެކަމަށްޓަކައި ރާއްޖެއަށް ބޭނުންވަނީ ސަރުކާރުގެ ބިރުވެރިކަމެއް ނެތި ފާޑުކިޔާނެ ބައެއް ތިބުން ކަމަށާއި، އިންސާނީ ތަޖުރިބާއިން ދައްކާ ގޮތުގައި އެބަޔަކީ، ވާދަވެރި އިދިކޮޅު ސިޔާސީ ޕާޓީއެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އަނިޔާ ނުލިބޭ، އަނިޔާ ނުފޯރައި ސަލާމަތްކަންމަތީގައި، އަޅުގަނޑުމެންގެ ދަރީންނާއި ދަރިންގެ ދަރީން ބޮޑުކުރެވެން އޮތް ހަމައެކަނި މަގަކީ، ސަލާމަތްކަންމަތީގައި ވާދަވެރި ސިޔާސީ ނިޒާމެއް އޮވެ، އިދިކޮޅު ޕާޓީއެއް އެ ޕާޓީގެ ފަންވަރާއި ހިތްވަރާއި ޖޯޝް ނަގާލިޔަ ނުދީ ބިނާކުރުމުގެ ފުރުސަތު ސަރުކާރުން ދިނުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެހެންކަމުން އިންސާނީ ހައްގުތައް ރައްކާތެރި ކުރެވެން އޮތް އެންމެ ރަނގަޅު ގޮތަކީ، ޑިމޮކްރަސީގެ ނިޒާމް ކަމަށާއި، ވާދަވެރި އިދިކޮޅު ވަރުގަދަ ޕާޓީއެއްގެ ގޮތުގައި ޑީއާރުޕީ ވަރުގަދަކޮށް އޮތުން ކަމަށާއި، އެކަން ރައްކާތެރިނުކުރެވިއްޖެނަމަ މި އެދޭ އިންސާނީ ހައްގުތަކެއް ރައްކާތެރިއެއް ނުކުރެވޭނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.


މިހާރުގެ ސަރުކާރުގެ އިސް ފަރާތްތަކެއް ގުޅިގެން އުފައްދާފައިވާ ޓޯޗާސް ވިކްޓިމްސް އެސޯސިއޭޝަންގެ ރައީސް، އަދި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މަސްއޮޑި އަހުމަދު ނަސީމު މި ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ރާއްޖެއަކީ ތާރީހީ ގޮތުން ވެސް ރައްޔިތުން އަޅުވެތިކުރުވުމުގެ ސަގާފަތެއް އޮތް ގައުމެއް ކަމަށެވެ. އަދި މި އެސޯސިއޭޝަންގެ ސަބަބުން ގާނޫނު ތަންފީޒުކުރާ ފަރާތްތަކުން ވެސް އެ އިދާރާތަކުން ހިފަހައްޓަންޖެހޭ މިންގަނޑުތައް ހިފަހައްޓައިގެން ސަރުކާރުގެ ސިސްޓަމްގައި އަށަގެންފައިވާ އަނިޔާވެރިކަމުގެ ސަގާފަތް ނައްތާލެވިދާނެ ކަމަށް ވެސް ވިދާޅުވި އެވެ.


ދަރުބާރުގޭގައި އޮތް މި ޖަލްސާގައި އެ އެސޯސިއޭޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން ފޮރިން މިނިސްޓަރ ޑރ. އަހްމަދު ޝަހީދާއި، ޓޫރިޒަމް މިނިސްޓަރ ޑރ. އަހްމަދު އަލީ ސަވާދުގެ އިތުރުން އިސްލާމިކް އެފެއާޒް މިނިސްޓަރ ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ވެސް އިންސާނިއްޔަތާ ހިލާފް އަނިޔާތަކާ ބެހޭ ގޮތުން ވާހަކަ ދެއްކެވި އެވެ.