31 Aug 2013, 09:45
ޕަޕުއާ ނިއުގިނީގެ ޖަންގަލީގައި އުޅުނު ސްޓެފަން ތާރީއަށް ތަބާވާ މީހުން އޭނާއަށް ކިޔަނީ "ދަ ޓްރޫ ކްރިސްޓް" (އަސްލު އީސާގެފާނު) އެވެ. މިނިމަސް ކައި، އިންސާނުންގެ ލޭ ބޮއި އުޅޭ އެމީހާ އަށް ތަބާވާ 6000 އަށް ވުރެ ގިނަ މީހުން ޖަންގަލީގައި އުޅެ އެވެ.
ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދިޔަ ތާރީއާއި އިތުރު 48 މީހުން މީގެ ހަ މަސް ދުވަސް ކުރިން ފިލީ ޖަލު ހަލާކުކޮށްލައިގެންނެވެ. އެއަށް ފަހު އޭނާ ދިޔައީ މަޑާންގް ޕްރޮވިންސްގައިވާ އޭނާގެ އުފަން އަވަށް ގާލްއަށެވެ. އޭނާ މަރާލީ އެއަވަށުގެ ރައްޔިތުން ކަމަށް ޕަޕުއާ ނިއުގިނީގެ ނޫހަކާ ހަވާލާދީ އިނގިރޭސިވިލާތުގެ ދި އިންޑިޕެންޑެންޓް ނޫހުން ބުންޏެވެ.
ތާރީ ދިގު މުއްދަތަކަށް ޖަލަށްލީ ވަރަށް އަނިޔާވެރި ގޮތަކަށް އަންހެނަކު ރޭޕްކުރިކަމުގެ ކުށް ސާބިތުވެގެންނެވެ. އޭނާ ކޮށްފައިވާ އަނިޔާވެރި ކަންތައްތަކުގެ ތެރޭގައި މަންމައިންގެ ކުރިމަތީގައި ތިން އަންހެން ކުދިން ރޭޕްކޮށް، މަރާލައި އެކުދިންގެ ލޭ ބުއިން ހިމެނެ އެވެ.
ހުދު ހެދުމުގައި ހުންނަ ތާރީ އޭނާ އަށް ތަބާވާ މީހުންނަށް ވިސްނައިދީގެން އުޅުނީ އޭނާއަކީ އަލުން ދިރުއްވާފައިވާ ޢީސާގެފާނު ކަމަށެވެ. އޭނާ ގެންދިޔައީ ޤުރުބާނީގެ ނަމުގައި އަންހެން ކުދިންގެ ލޭބޮއި، މިނިމަސް ކައި ހަދަމުންނެވެ.
ގާލް އަވަށުގެ ރައްޔިތުން ތާރީ ގައިގައި ތަޅައި މަރައިލީ އޭނާ ޖަލުން ފިލައިގެން އައިސް އެއަވަށުގެ އަންހެނަކު މަރާލުމަށް ފަހު އެހެން އަންހެނަކު މަރާލަން އުޅެނިކޮށެވެ. އެ އަވަށުގެ ރައްޔިތުން 2007 ވަނަ އަހަރު ވެސް އޭނާ އަތުލައިގަތެވެ. އެފަހަރު އެމީހުން އޭނާ ހަވާލުކުރީ ފުލުހުންނާ އެވެ. ކުށް ސާބިތުވެ، އޭނާ ޖަލަށް ލީ އޭރުގަ އެވެ.
ޕަޕުއާ ނިއުގިނީގެ ޕޯސްޓް ކަރިއަރް ނޫހަށް މައުލޫމާތު ދެމުން އެގައުމުގެ ފުލުހުންގެ ކޮމާންޑަރެއް ކަމަށްވާ ސްޕްރިންޓެންޑެންޓް ސިލްވެސްޓަ ކަލައުޓް ވިދާޅުވެފައި ވަނީ ގާލްއަކީ އާދަޔާ ޚިލާފަށް އެކަހެރިކޮށް އޮންނަ އަވަށެއް ކަމަށެވެ. އެގޮތުން އެއަވަށް ދިއުމަށް ޓަކައި ފައިމަގުގައި ހަތަރު ގަޑިއިރު ދަތުރުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. އަދި އެކަމުގެ ސަބަބުން ތާރީގެ މަރާއި އޭނާ މަރާލި އަންހެން މީހާގެ މަރުގެ ތަހުގީގު ކުރުމަށް ބޮޑެތި ހުރަސްތަކެއް ހުރި ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
ތާރީއަށް ތަބާވާ މީހުން އެމީހަކު ތިބި ތަނަކުން އަވަށް ފުލުހުންނާ ހަވާލުވުމަށް ޕަޕުއާ ނިއުގިނީގެ ފުލުހުން މިހާރު ވަނީ އަންގައި އިއުލާންކޮށްފަ އެވެ.