ރާއްޖޭގައި ޓޫރިޒަމާއި މަސްވެރިކަމުގެ ސިނާއަތް ތަރައްގީކުރުމަށް ވިޔަފާރިވެރިން ނަގާ ލޯނުތަކުގެ އިންޓްރަސްޓް ރޭޓް ޕީޕީއެމްގެ ސަރުކާރެއްގައި ދަށްކުރާނެ ކަމަށް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރޭ ޕީޕީއެމްގެ އިގްތިސާދީ މެނިފެސްޓް ލޯންޗުކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ބޭންކުތަކުން ދޫކުރާ ލޯންތައް ފައިނޭންސްކުރަން ބޭނުންކުރަނީ އާއްމު ރައްޔިތުން ރައްކާކުރާ ފައިސާ ކަމަށާއި އެ ފައިސާ ބޭނުންކުރާ އިރު، ފައިސާ އެއްކުރި މީހާ އަށް ލިބެނީ ތިން ޕަސެންޓް ނުވަތަ ހަތަރު ޕަސެންޓުގެ ފައިދާއެއް ކަމަށެވެ. މިއަދަދީ "ކޯސްޓް އޮފް ލެންޑިންގް" ނުވަތަ ލޯނު ދޫކުރަން ހޯދާ ފައިސާ ބޭންކުން ގަންނަ އަގެވެ.

"އަޅުގަނޑުމެންގެ ރައްޔިތުން އެއްކުރާ ފައިސާ އެންމެ ފަސޭހައިން އެންމެ ރައްކާތެރިކަމާ އެކު އެއަށް އާމްދަނީއެއް ލިބޭނެ ގޮތަށް އަޅުގަނޑުމެން ގަބޫލުކުރަނީ ބޭންކުގައި ޑިޕޮޒިޓްކުރުމަށް. ޑިޕޮޒިޓްކޮށްގެން އަޅުގަނޑުމެންގެ ނަސީބު ރަނގަޅިއްޔާ ބޮޑު އަދަދެއްގެ ފައިސާއިން އެއް އަހަރު ވީމަ ގިނަވެގެން މިލިބެނީ ތިން ޕަސެންޓާ ހަތަރު ޕަސެންޓްގެ ފައިދާއެއް،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ބޭންކުތަކުން "ކޮސްޓް އޮފް ލެންޑިންގް"ގެ ގޮތުގައި ތިން ޕަސެންޓްގެ ކުޑަ ރޭޓެއް ދެއްކުމަށް ފަހު، ވިޔަފާރިވެރިންނަށް ލޯނު ދޫކުރާއިރު އިންޓްރަސްޓް ރޭޓްތައް ނުވަތަ "ކޯސްޓް އޮފް ބޮރޯވިންގް" އުޅެނީ 10 ޕަސެންޓާއި 12 ޕަސެންޓާ ދޭތެރޭގައި ކަމަށެވެ.

"ކޯސްޓް އޮފް ބޮރޯވިންގް"އަކީ ލޯނު ނެގުމަށް ދާ ހަރަދެވެ. އާއްމުކޮށް ކިޔާ ނަމުން ނަމަ އިންޓްރަސްޓެވެ.

"އަޅުގަނޑުމެންގެ ވިޔަފާރިވެރިން ފައިސާ ނަގަން، ލޯނު ނަގަން ދިޔައިމާ އެމީހުންގެ ކޮސްޓަކަށް ނުވަތަ ބޭންކަށް ދައްކަން ޖެހޭ އަގު (އިންޓްރަސްޓް) މިއުޅެނީ 10 ޕަސެންޓަށް ވުރެއް މަތީގައި. 10 ޕަސެންޓާއި 12 ޕަސެންޓާ ދޭތެރޭގައި،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ "ކޯސްޓް އޮފް ލެންޑިންގް" އަދި "ކޯސްޓް އޮފް ބޮރޯވިންގް" އާ ދެމެދު މިހާ ބޮޑު ފަރަގެއް ހުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑަކަށް މިގޮތް ގަބޫލެއް ނުކުރެވޭ. މި އަށް ޕަސެންޓުގެ ފައިދާ ނުވަތަ ތަފާތެއް އޮންނަން ޖެހޭ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގައި މެކްރޯ އިކޮނޮމިކް ސްޓެބިލިޓީ ގެނެވުމާއެކީގައި އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނީ ކޯސްޓް އޮފް ލެންޑިންގްއާއި ކޯސްޓް އޮފް ބޮރޯވިންގްގެ ޑިފަރަންސް ކުޑަކުރުމަށްޓަކައި،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގައި ކޯސްޓް އޮފް ލެންޑިންގްއާއި ކޯސްޓް އޮފް ބޮރޯވިންގްގެ ތަފާތު އުޅެނީ އެއް ޕަސެންޓުގައި ކަމަށާއި ރާއްޖޭގައި މިތަފާތު އުޅެނީ އަށް ޕަސެންޓުގައި ކަމަށެވެ.

ރާއްޖޭގެ ރަށްތަކަކީ ދުނިޔޭގެ އެންމެ އަގުބޮޑު ޓޫރިސްޓް މަންޒިލްތަކަށްވާ އިރު، ޓޫރިޒަމަށް ދޫކުރާ ލޯނުތަކުގެ އިންޓްރަސްޓް ބޮޑުވާން ދޫކޮށްލެވިގެން ނުވާނެ ކަމަށް ވިދާޅުވެ، ޔާމީން ވަނީ ޕީޕީއެމްގެ ސަރުކާރެއްގައި މިކަން ބަދަލުކުރާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ޕީޕީއެމްގެ އިގުތިސާދީ ސިޔާސަތުތައް ރޭ ލޯންޗުކުރި އިރު، އިގުތިސާދީ މެނިފެސްޓޯގެ ޕްރެޒެންޓޭޝަނެއް ހުށަހަޅައިދެއްވީ އެޕާޓީގެ ނައިބު ރައީސް އަދި މިހާރުގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބެވެ.

އަދީބް ވިދާޅުވީ ރާއްޖޭގެ އިގުތިސާދު ހަމައަކަށް އެޅުވުމަށްޓަކައި މެކްރޯ ފެންވަރުގައި ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި އެކަންކުރުމުގެ ސިޔާސަތެއް ޕީޕީއެމްގައި އެބަ އޮތް ކަމަށެވެ.

މިގޮތުން ރާއްޖޭގެ ސަރަހައްދުތަކެއް "ހާއްސަ އިގުތިސާދީ ސަރަހައްދު"ތަކެއްގެ ގޮތުގައި ކަނޑައަޅާ އެސަރަހައްދުތައް ތަރައްގީކުރަން މަސައްކަތްކުރުން އެމެނިފެސްޓޯގައި ވަނީ ހިމަނާފަ އެވެ.

އަދީބްގެ ޕްރެޒެންޓޭޝަންގައި ދައްކާލި ވީޑިއޯތަކުގެ ތެރޭގައި ހއ. އުލިގަން އަދި އައްޑޫ ސިޓީގެ ގަމުގައި ހަދާ ޓްރާންސް-ޝިޕްމަންޓް ބަނދަރެއްގެ ތަސައްވުރާއި، ހދ. ކުޅުދުއްފުށީގައި ހަދާ އެއާޕޯޓެއްގެ ތަސައްވުރު ވަނީ ދައްކާލާފަ އެވެ.