31 Aug 2013, 03:53
ޕީޕީއެމްގެ ވެރިކަމެއްގައި އިސްލާމީ އަޚުލާގިއްޔާތުގެ ތައުލީމު ތައާރަފުކޮށް، ގްރޭޑް އެކަކުން ފެށިގެން 10 އާއި ހަމަޔަށް އެ ތައުލީމު ކިޔަވައިދޭނެ ކަމަށް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ. ޑރ. ޖަމީލު މިހެން ވިދާޅުވީ ޕީޕީއެމް އަދި އެމްޑީއޭ ގުޅިގެން ކުރިޔަށް ގެންދާ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި، މިއަދު ހަވީރު ދ. މީދޫގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޑރ. ޖަމީލު ވިދާޅުވީ ނިމިގެން ދިޔަ ރައީސް ނަޝީދުގެ ވެރިކަމުގެ ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ޒުވާން ޖީލުގެ އަޚުލާގިއްޔާތަށް ވަރަށް ބޮޑު ނޭދެވޭ އަސަރުތަކެއް ކޮށްފައިވާ ކަމަށާއި އެ ތިން އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންނަށް އަޚުލާގީ ގޮތުން ދަށް ފެންވަރުގެ ކަންކަން ދަސްކޮށްދީފައިވާ ކަމަށެވެ. އެ ގޮތުން ކުޑަކުދީން ވެސް އެފަދަ ނޭދެވޭ ކަންކަން ދަސްކޮށްފައިވާ ކަން ފާހަގަ ކުރެއްވި އެވެ.
އެމްޑީއޭ އާއި ޕީޕީއެމް ގުޅިގެން ރާއްޖޭގައި ގާއިމް ވެގެން އަންނަ ވެރިކަމަކީ ރައްޔިތުން އެދޭ ފަދަ ރަނގަޅު އަދި ހެޔޮކަންކަމަށް މަގުދައްކައިދޭ ސަރުކާރަކަށް ވާނެ ކަމަށާއި ރައްޔިތުން އެދޭ ތަރައްގީ ގެނެސްދޭނެ ސަރުކާރަކަށް ވެސް އެ ސަރުކާރު ވާނެ ކަމަށް ޖަމީލު ވިދާޅުވި އެވެ.
ޑރ. ޖަމީލުގެ ވާހަކަފުޅުގައި ޒުވާނުންނަށް ދުޅަހެޔޮ ސިއްހަތެއް ހޯދައިދިނުމުގެ މުހިންމު ކަމާއި ޒުވާނުންނަށް މުނިފޫހިފިލުވުމުގެ ވަސީލަތްތައް ހަމަޖައްސައިދިނުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވައިލެއްވި އެވެ. އެ ގޮތުން ޕީޕީއެމްގެ ވެރިކަމެއްގައި، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް ޒުވާނުންނަށް ޚާއްސަ ކުޅިވަރު މަރުކަޒެއް ގާއިމްކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
މީދޫގައި އެމްޑީއޭ އަދި ޕީޕީއެމް ކޯލިޝަންގެ ސަޕޯޓަރުންނާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ޑރ ޖަމީލު އިތުރަށް ވިދާޅުވީ ވޯޓަކީ ވަރަށް ބޮޑު އަމާނާތެއް ކަމަށާއި އެއީ ވަރަށް ބޮޑު މަސްއޫލިއްޔަތެއް ކަމަށެވެ. ފިރިމީހާ ބުނެގެން ނުވަތަ ބޭބެއަކު ބުނެގެން ނުވަތަ ރަހުމަތްތެރިޔަކު ބުނެގެންނޭ ކިޔާފައި އެ އަމާނާތަށް ޚިޔާނާތްތެރި ވެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ވޯޓު ދޭން ވާނީ ގައުމަށާއި ގައުމުގެ މުސްތަގުބަލަށް އެންމެ މަސްލަހަތު ހުރިގޮތް ބަލައި އެ ގޮތުގެ މަތީން ކަމަށް ޖަމީލު ވިދާޅުވި އެވެ.
މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު މިދާއިރާއަށް ކޮށްދެއްވަމުން ގެންދަވާ ޚިދުމަތްތަކާއި ގެނެސްދެއްވާފައިވާ ތަރައްގީ ފާހަގަ ކުރައްވައި ޖަމީލު ވަނީ ސިޔާމަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ވިދާޅުވީ ޕީޕީއެމް އެމްޑީއޭގެ ވެރިކަމެއްގައި މިހާރަށް ވުރެ ވެސް ބާރު ސްޕީޑެއް މި ދާއިރާގެ ތަރައްގީއަށް ގެނެސްދެއްވާނެ ކަމަށެވެ. އެ ގޮތުން މީދޫގެ ރައްޔިތުންނަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށްވާ ބިން ހިއްކުމުގެ މަސައްކަތް ޕީޕީއެމް އެމްޑީއޭގެ ވެރިކަމުގައި އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ކުރައްވާނެ ކަމުގެ ޔަގީންކަން ޑރ. ޖަމީލު ވަނީ މީދޫގެ ރައްޔިތުންނަށް ދެއްވައިފަ އެވެ.
މީދޫއަށް ފަހު ދ. ބަނޑިދޫ އަށް ވެސް ޑރ. ޖަމީލު ވަނީ މިރޭ ވަޑައިގެންފަ އެވެ. ބަނޑިދޫގައި އެމްޑީއޭ ޕީޕީއެމްގެ ސަޕޯޓަރުންނާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ޑރ. ޖަމީލު ވިދާޅުވީ ޕީޕީއެމް އާއި އެކު އެމްޑީއޭ އިން ކޯލިޝަން ހެދުމުން، ސެޕްޓެމްބަރު ހަތް ވަނަ ދުވަހު އޮންނަ ވޯޓުން ވެސް މި އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމުގެ އުއްމީދު މިހާރު ލިބިވަޑައިގެންފައިވާ ކަމަށެވެ.
ބަނޑިދޫއަށް މި ވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށްވާ ބަނޑިދޫ ބަނދަރުގެ މައްސަލަ ޕީޕީއެމް އެމްޑީއޭގެ ވެރިކަމެއްގައި އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި އިސްކަން ދެއްވައިގެން ހައްލު ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ޑރ. ޖަމީލު ވަނީ ބަނޑިދޫގެ ރައްޔިތުންނަށް ދެއްވައިފަ އެވެ.
މީދޫ އާއި ބަނޑިދޫ ގައި ބޭއްވި މި ދެ ބައްދަލުވުމުގައި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވެސް ވަނީ ވާހަކަފުޅު ދައްކަވައިފަ އެވެ. މިހާރު އަމަލު ކުރަމުން އަންނަ ގާނޫނު އަސާސީ ވުޖޫދަށް ގެނައުމުގެ މެޑަލް ވަކި ބަޔަކު ޖަހަން މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރައްވަމުން އާމިރު ވިދާޅުވީ، ފެހި ގާނޫނު އަސާސީގެ ބާނީ އަކީ ހުރިހާ ގޮތަކުން ބަލާ އިރު ވެސް، ރަން ތިރީސް އަހަރުގެ ރައީސް، ރައީސް އަލް އުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ކަމަށެވެ.
ދ. މީދޫ އާއި ބަނޑިދޫ އަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވަޑައިގަތުމުން، އެ ދެ ރަށުން ވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ބަނދަރު ސަރަހައްދަށް ނުކުމެ އެމަނިކުފާނަށް މަރުހަބާ ދަންނަވައިފަ އެވެ. ޖަމީލުގެ މި ދަތުރުފުޅުގައި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރުގެ އިތުރުން އެމްޑީއޭގެ ގައުމީ ކައުންސިލްގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.